ގްރީން ޓެކްސް

ގްރީން ފަންޑުން 357 މިލިއަން ރުފިޔާ ހޭދަކޮށްފި

ގްރީން ފަންޑުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 357 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ޖުލައި މަހުގެ ގްރީން ފަންޑް ރިޕޯޓް ދައްކާ ގޮތުން އެ މަސް ނިމުނުއިރު ގްރީން ފަންޑްގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހުއްޓެވެ.

މީގެ ތެރޭގައި މިދިޔަ އަހަރު ގްރީން ފަންޑުން ހަރަދުކޮށް ބާކީ ހުރި 774 މިލިއަން ރުފިޔާ އާއި މި އަހަރު ގްރީން ފަންޑަށް ލިބުނު 617 މިލިއަން ރުފިޔާ ހިމެނެ އެވެ.

ގްރީން ފަންޑުގެ ހަރަދު މަހުން މަހަށް

  • ޖެނުއަރީ - 74.5 މިލިއަން ރުފިޔާ
  • ފެބްރުއަރީ - 66 މިލިއަން ރުފިޔާ
  • މާޗް - 77.4 މިލިއަން ރުފިޔާ
  • އެޕްރީލް - 35.9 މިލިއަން ރުފިޔާ
  • މޭ - 7.6 މިލިއަން ރުފިޔާ
  • ޖޫން - 26.2 މިލިއަން ރުފިޔާ
  • ޖުލައި - 69.9 މިލިއަން ރުފިޔާ

ގްރީން ޓެކުހުގެ ފައިސާ ޖަމާވާ ގްރީން ފަންޑަށް ޖުލައި މަހު 91 މިލިއަން ރުފިޔާ ލިބުނުއިރު އެ މަހު ގްރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ކ. އަތޮޅުންނެވެ.

ކ. އަތޮޅުން ޖުލައި މަހު ގްރީން ޓެކުހުގެ ގޮތުގައި 35.3 މިލިއަން ރުފިޔާ ލިބުނުއިރު އދ. އަތޮޅުން ގްރީން ޓެކުހުގެ ގޮތުގައި 13.7 މިލިއަން ރުފިޔާ ލިބުނެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.

ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.