ކުނީގެ މައްސަލަ ހައްލު ކުރަން ނަގަން ފެށި ގްރީން ޓެކުހުގެ އާމްދަނީން މި އަހަރުގެ މިހާތަނަށް 102 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަ ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި ގްރީން ފަންޑުގެ ރިޕޯޓްގައިވާ ގޮތުން މިދިޔަ މާޗު މަހު ގްރީން ފަންޑަށް 93 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް ގްރީން ފަންޑުގައި ޖުމްލަ 921,8 މިލިއަން ރުފިޔާ އެބަހުއްޓެވެ.
ގްރީން ފަންޑަށް މި އަހަރުގެ މިހާތަނަށް 214 މިލިއަން ރުފިޔާ ޖަމާވެފައި ވެއެވެ. އަދި މި އަހަރުގެ މިހާތަނަށް ގްރީން ފަންޑުން 102 މިލިއަން ރުފިޔާ ވަނީ ހޭދަ ވެސް ކޮށްފަ އެވެ. މި އަހަރުގެ ޖެނުއަރީ މަހު 12 މިލިއަން އަދި ފެބްރުއަރީ މަހު 58 މިލިއަން އަދި މާޗް މަހު އެކަނި 31 މިލިއަން ރުފިޔާ ވަނީ މި ފަންޑުން ހަރަދު ކޮށްފަ އެވެ.
ގްރީން ފަންޑުން ހަރަދު ކޮށްފައި ވަނީ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެނާއި ނަރުދަމާގެ އިތުރުން ކުނީގެ މަޝްރޫއުތައް ހިންގުން ފަދަ މަސައްކަތް ތަކަށެވެ. މި ފަންޑުން މި މުއްދަތުގައި އެންމެ ބޮޑު އަދަދެއް ހޭދަ ކޮށްފައި ވަނީ މާލެ ސަރަހައްދުގައި ކުނީގެ މައްސަލަ ހައްލު ކުރާށެވެ. އެ މަސައްކަތް ކުރަން 3,6 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.
ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.
ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދާށެވެ. މި ފަންޑަށް ޖަމާވި ފައިސާގެ އަދަދު މިހާތަނަށް ތިން ބިލިއަން ރުފިޔާއަށްވުރެ އިތުރެވެ. ނަމަވެސް މި ފައިސާ ހޭދަ ކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތުމުން މިހާތަނަށް ކުނީގެ މައްސަލަ ހައްލު ކުރަން މި ފައިސާ ރަނގަަޅަށް ހޭދަ ކުރަމުން ގެންގޮސްފައެއް ނުވެއެވެ.