ޠާރިގު އިބްރާހީމް

ކުނި މެނޭޖުކުރާ ވަސީލަތްތައް 22 ރަށެއްގައި ގާއިމުކޮށްފި

ރަށު ފެންވަރުގައި ކުނި މެނޭޖުކުރާ ވަސީލަތްތައް 22 ރަށެއްގައި ގާއިމުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވީ ރަށު ފެންވަރުގައި ކުނި މެނޭޖުކުރާ ވަސީލަތްތައް ގާއިމުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދީގެން މިވަގުތުކުރާ މަސައްކަތް ކަމަށެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ ކުނި މެނޭޖުކުރުމުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާގައި 51 ރަށެއްގައި ކުރިއަށްދާ ކަމަށެވެ. ކުނި މެނޭޖުކުރުމުގެ ވަސީލަތްތައް 22 ރަށެއްގައި ގާއިމުކޮށް މިހާރު ޓެސްޓްކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގޭގެއިން ކުނި ނެގުމާއި ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ބޭނުންވާ އުޅަނދުތައްވެސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

އެ ގޮތުން ކުނި ނެގުމާއި ކުނި މެނޭޖުކުރުމަށް ބޭނުންވާ އުޅަނދުތައް މިހާތަނަށް 76 ރަށަކަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.