ޠާރިގު އިބްރާހީމް

"މަގޭ ސޯލާ"ގެ 700 ސޯލާ ޔުނިޓް އަންނަ މަހު ލިބޭނެ: ތޯރިގު

"މަގޭ ސޯލާ" ޕްރޮގްރާމްގެ ފުރަތަމަ 700 ސޯލާ ޔުނިޓް އަންނަ މަހު ރާއްޖެއަށް ލިބޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އިރުގެ ހަކަތައިން ކަރަންޓު އުފައްދާ ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" ޕްރޮގްރާމް އިފްތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވަނީ "މަގޭ ސޯލާ" ޕްރޮގްރާމްގެ ފުރަތަމަ ކޮންޓްރެކްޓް ބަޔަކާ ހަވާލުކޮށްފައިވާ 700 ސޯލާ ޔުނިޓްތަކުގެ އެއްބައި ދެ ދުވަހެއްގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

"އޮކްޓޫބަރު މަސް ތެރޭގައި އެއްކޮށް މި ދެންނެވި 700 ޔުނިޓް އަންނާނެ،" ތޯރިގު ވިދާޅުވި އެވެ.

ސޯލާ މަޝްރޫއަށް މި އަހަރު އިތުރު ހަތް މެގަވޮޓް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު ހަތަރު މެގަވޮޓްގެ ފައިނޭންސް އޭޑީބީ އިން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަގޭ ސޯލާ" މަޝްރޫއުގެ ދަށުން ސޯލާ ޕީވީ އިން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގޭބިސީތަކަށެވެ. މި ފިޔަވަހީގެ ދަށުން ޖުމްލަ ތިން މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށްދޭނެ އެވެ.