ދުނިޔެ

ދެކުނު ކޮރެއާގައި ބައިބޯ އެއްވުމެއްގައި ފިތިގެން 149 މަރު

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބައިބޯ އެއްވުމެއްގައި ފިތިބާރުވުމުގެ ސަބަބުން މަރުވި މީހުންގެ 149 އަށް އަރާފައި ވާއިރު، މިއަދަދު އަދިވެސް އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މައިގަނޑު ގޮތެއްގައި ޒުވާނުން—ފުރާވަރަށް އަރާ ކުދިންނާއި 20-30 އަހަރުގެ މީހުން އެއްފަހަރާ މިހާ ގިނަ އަދަދަކަށް ޖަމާވި ސަބަބަނީ ނަސޯރާއިންގެ އީދެއް ކަމަށްވާ ހެލޮވީން ފާހަގަކުރުމެވެ.

މި އިދުގައި ކަމަށް އޮންނަނީ ފުރޭތަ ހެދިގެން—ބިރުވެރި މާސްކް އަޅައިގެންނާއި މާލިހެދިގެން މީހުންނަށް ބިރުދެއްކުމާއި މަޖަލަށް މީހުން ފަހައި ފަހަތުން ދުވުމެވެ.

މި ހާދިސާގައި އަދި އިތުރު 150 މީހަކަށް ހޮސްޕިޓަލުގައި ފަރުވޭދޭން ޖެހޭ ވަރަށް އަނިޔާ ލިބިފައިވާ ކަމަށް ސިއްހީ އިދާރާތަކުން ބުނެ އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުން މިހާ ގިނަ މީހުން ކުއްލިއަކަށް މަރުވާ މެދުވެރިވީ ހަމިލްޓަން ހޮޓަލާ ދުރުނޫން ހިސާބެއްގައި އޮތް ހަނި ގޯޅިއަކަށް އެއްފަހަރާ ގިނަ ބަޔަކު ވަންނަން ދިމާކުރުމެެވެ.

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ވިދާޅުވި ގޮތުގައި އަނިޔާ ލިބުނު އާއިލާތަކަށް ސަރުކާރުން އެހީތެރިވާނެ އެވެ. އަދި މަސްލަހަތު ހަމަހެއްސުމަށް އެގްޒެކެޓިވް ކޮމެޓީއެއް ވެސް ވަނީ އެކުލަވާލައްވާފަ އެވެ.

އަދި މުޅި ގައުމީ ހިތާމަ ފާޅުކުރުމުގެ މުއްދަތެއް ކަނޑައަޅަން ވަނީ ހަމަޖައްސާފަ އެވެ. ޔޫން ސުކް ވިދާޅުވި ގޮތުގައި ތަހުޒިބީ ސޯލްގައި މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އަދި ވަކިން ބޮޑު ހިތާމަ އެކެވެ.