އެސްޓީއޯ

އެސްޓީއޯގެ ފައިދާ 13 މިލިއަން އިތުރު

އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އަދަދަށް ވުރެ ތިންވަނަ ކުއާޓަރުގައި ލިބުނު އަދަދު ގާތްގަނޑަކަށް 13 މިލިއަން ރުފިޔާ އިތުރު ވެއްޖެ އެވެ.

ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނި -- އެސްޓީއޯގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މި ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 168 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 155 މިލިއަން ރުފިޔާގެ ފައިދާ އެކެވެ. އެހެންވެ މިއީ ގާތްގަނޑަކަށް 8 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރީގެ ފައިދާގެ ގޮތުގައި 204 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 187 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯ އިން ތިންވަނަ ކުއާޓަރުގައި 4.1 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 4.6 ބިލިއަން ރުފިޔާގެ އާމްދަނީ ހޯދާފައިވެ އެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު މަދު އަދަދެކެވެ. ދެވަނަ ކުއާޓަރުގައި އެ ކުންފުނިން ކޮށްފައިވަނީ 4.4 ބިލިއަން ރުފިޔާގެ ވިޔަފާރި އެވެ. އަދި ލިބިފައިވަނީ 4.9 ބިލިއަން ރުފިޔާގެ އާމްދަނީ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ ފައިދާގެ ގޮތުގައި 457 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ތިނަވަނަ ކުއާޓަރުގައި 515 މިލިއަން ރުފިޔާއަށް މިއަދަދު ވަނީ މަތިވެފަ އެވެ. މިއީ 58 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

ތިންވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ އިތުރުވެފައިވާތީ ހިއްސާއަކަށް ޖެހޭ އާމްދަނީގެ އަދަދު ވަނީ އިތުރުވެފަ އެވެ. ދެވަނަ ކުއާޓަރުގައި ހިއްސާއަކަށް 138 ރުފިޔާ ލިބިފައިވާއިރު ތިންވަނަ ކުއާޓަރުގައި ހިއްސާއަކަށް ޖެހުނީ 149 ރުފިޔާ އެވެ.

ތިންވަނަ ކުއާޓަރު ނިމުނުއިރު އެސްޓީއޯގެ ރިޒާވުގައި ޖުމުލަ 3.2 ބިލިއަން ރުފިޔާ އެބަ ހުއްޓެވެ.