ދުނިޔެ

އަރަބި ދުނިޔެއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފަލަސްތީން: އަލްޖީރީއާ

އަރަބި ދުނިޔެއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފަލަސްތީންގެ މަސްލަހަތު ކަމަށް އަލްޖީރިއާ ރިޔާސަތު ބެލެހެއްޓި މި އަހަރުގެ އަރަބި ސަމިޓް -- އަރަބް ސަމިޓް 31 ގައި އަލްޖީރިއާގެ ރައީސް އަބްދުލް މަޖީދު ތަބޫން ވިދާޅުވެއްޖެ އެވެ.

އަބްދުލްމަޖީދު ވިދާޅުވި ގޮތުގައި ފަލަސްތީނުގެ މަސްލަހަތަކީ އަރަބި ދުނިޔެއަށް މުހިންމު އަދި އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ސާބިތުކަމާ އެކު ދުނިޔެއަށް އިއުލާންކުރައްވާ ކަމަށެވެ.

އަރަބި ދުނިޔެ އެއް ވިސްނުމެއްގައި މިސްރާބު އޮތް ހަމައެކަނި ފިކުރަކީ ވެސް ފަލަސްތީން ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ދުނިޔެ ބަލައިގަތުމަށް ގޮވާލައްވަމުން އަބްދުލް މަޖީދު ވިދާޅުވީ އދ.ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދޭން ޖެހޭ ކަމަށެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ބައިވެރިވެ ވަޑައިގެންނެވި މި ސަމިޓްގައި ފަލަސްތީންއާ މެދު މިހާރަށް ވުރެ ފުޅާކޮށް ވިސްނެވުމަށް އަބްދުލް މަޖީދު އދ. އަށް އިލްތިމާސް ކުރެއްވި އެވެ.

އަހަރީ ބައްދަލުވުމެއް ގޮތުގައި އަރަބި ގައުމުތަކުގެ ވެރިންގެ މެދުގައި ބާއްވަމުން އަންނަ އަރަބި ސަމިޓް -- 2019 ގެ ފަހުކޮޅު ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ހެދި އޮތީ މެދުކަނޑާލާފަ އެވެ.

އަރަބި ސަމިޓް އެންމެ ފަހުން އޮތީ 2019 ގައި ތޫނިސްގަ އެވެ.

މި އަހަރުގެ އަރަބި ސަމިޓްގައި 21 ގައުމެއް ބައިވެރިވި އެވެ. އެކަމަކު އެކި ގައުމުން ބައިވެރިވީ އެކި ފެންވަރުގަ އެވެ. ސޯޅަ ގައުމަކުން ރައީސުން ބައިވެރިވެ ވަޑައިގެންނެވިއިރު ދެން ބައިވެރިވެ ވަޑައިގަތީ ވަޒީރުންނާއި ސަފީރުން އަދި ސަރުކާރުތަކުގެ މަންދޫބުންނެވެ.

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ކުރިން އޮތް ނަމަވެސް، ޑޮކްޓަރުންގެ އިރުޝާދާ ގުޅިގެން ދަތުރުކުރެއްވުން މަނާވެފައި އޮތުމުން ސަމިޓްގައި ބައިވެރިވެ ވަޑައިނުގަންނަވަ އެވެ.

މަޣުރިބުކަރައިގެ ރަސްގެފާން މުހައްމަދު ވެސް -- މީޑިއާއަށް ސަބަބު ބަޔާންވެފައި ނެތް އުޒުރަކާ ހެދި ސަމިޓްގައި ބައިވެރިވެ ވަޑައިނުގަންނަވަ އެވެ.

އަރަބި ސަމިޓްގައި މިފަހަރު ބައިވެރިވެ ވަޑައިގެންނެވި ގައުމުތަކުގެ ވެރިންގެ ތެރޭގައި އަލްޖީރިއާ، ތޫނިސް (ޓިއުނީޝިއާ) ގަތަރު، ސޫދާން އަދި މިސްރު ހިމެނެ އެވެ.