ރައީސް މުހައްމަދު ނަޝީދު

ނަޝީދު ބޭނުންފުޅު ވަނީ މުއްދަތެއް ނެތް ގޮތަށް ބޭރަށް ވަޑައިގަންނަވަން: ވަކީލުން

Jan 17, 2016
4

ބޭސް ފަރުވާ ކުރަން އިނގިރޭސީ ވިލާތަށް ވަޑައިގަންނަވަން ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވީ މުއްދަތެއް ނެއް ގޮތަށް ވަޑައިގަތުމަށް ކަމަށާއި އަދި އެގޮތަށް ވަޑައިގަންނަވާއިރު އެކަމާ ގުޅޭ އެއްވެސް ލިޔުމެއްގައި އާއިލާގެ ބޭފުޅެއްގެ ސޮއި ނުހިމެނޭ ގޮތަށް ކަމަށް ވަކީލް ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

ޖަލުގައި ހުންނެވި ނަޝީދު ބޭސްފަރުވާ އަށް މިރޭ ފުރާވަޑައިގަތުމަށް ހަަމަޖެހިފައި އޮތް ނަމަވެސް ނަޝީދު ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފައިވާ ލިޔުން ލިބުނީ މިއަދު ހަވީރު ކަމަށާއި ލިޔުން ލިބުނު އިރު އެ ލިޔުން ތައްޔާރުކޮށްފައި އޮތީ ނަޝީދު އެދިވަޑައިގެންނެވި ގޮތާ ހިލާފަށް ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

އެމްޑީޕީގެ އޮފީހުގައި މިރޭ ނަޝީދުގެ ވަކީލުން ބޭއްވި ނިއުސް ކޮންފަރެންސްފައި އެ ޓީމުގެ އިސް ވަކީލު ހަސަން ލަތީފު ވިދާޅުވީ ރައީސް ނަޝީދު ބޭސް ފަރުވާއަށް ބޭރަށް ފުރާ ވަޑައިގަތުމުގެ މަޝްވަރާތައް ފެށުނީ ސްރީލަންކާ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގެން ރައީސް ޔާމީނާއެކު ބޭއްވި މަޝްވަރާތަކުގައި ކަމަށާއި އެ މަޝްވަރާތަކުގައި ރައީސް ނަޝީދު އެދި ވަޑައިގެން ލަންކާ ވަޒީރު މެދުވެރިކޮށް ހުށަހަޅުއްވާފައި ވަނީ މުއްދަތެއް ނެތް ގޮތުގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް ކަމަށާއި ނަމަވެސް އެއީ ފުރާވަޑައިގަތުމާ ބެހޭ ލިޔުންތަކުގައި އާއިލާގެ އެއްވެސް ބޭފުޅަކު ސޮއި ނުކުރާ ގޮތަށް ކަމަށެވެ.

"އެ ޔަގީންކަން ރައީސް ޔާމީން ދެއްވި. ނަމަވެސް މިއަދު ހަވީރު ލިޔުންތައް އާއިރު އޮތީ އެއާ ހިލާފަށް. އެ ޔަގީންކަން ދެއްވާފައ މިހާރު ވަނީ ބަދަލު ކުރައްވާފައި. އެހެން ރައީސް ނަޝީދު ވަޑައި ނުގެންނެވީ. އަޅުގަނޑު އުންމީދު ކުރަނީ ދެއްވި ޔަގީންކަމާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށް." ހަސަން ލަތީފު ވިދާޅުވި އެވެ.

ޓެރަރިޒަމް ކުށް ސާބިތުވެގެން 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ސަރުކާރުން ވަނީ 30 ދުވަހުގެ މުއްދަތެއްދީ މިރޭ ފުރުވާލުމަށް ތައްޔާރީތަށް ވަމުންނެވެ. ނަމަވެސް އިނގިރޭސިވިލާތަށް ނަޝީދު ވަޑައިގެންނެވޭނީ އާއިލާ އިން ޒިންމާވާނެ މީހަކު ރާއްޖޭގައި ހުންނަ ގޮތަށް ކަމަށް ސަރުކާރުން ފަހުވަގުތު އަންގަވާފައިވާތީ ނަޝީދު ވަނީ އެކަން އިންކާރުކޮށް އިންގިރޭސިވިލާތަށް ނުދާން ވަނީ ނިންމާފަ އެވެ.

މިކަން ހިނގައި ދިޔަގޮތް ނޫސްވެރިންނަށް ހިއްސާ ކުރައްވަމުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ ހާރިޖީ ވަޒީރާއި މާލީ ވަޒީރު ރާއްޖެ ވަޑައިގެން ނަޝީދު ބޭސްފަރުވާ އަށް ބޭރަށް ފޮނުވުމަށް ރައީސް އަބްދުﷲ ޔާމީނާ މަޝްވަރާ ކުރައްވާފައި އެކަން ކުރުމަށްޓަކައި ރައީސް ނަޝީދާއެކު މަޝްވަރާ ކުރުމަށް ވަކީލުންނަށް ދެންނެވި ކަމަށެވެ. އަދި ހަމަ އެދުވަހު ގާނޫނީ ވަކީލުން ނަޝީދުއާ ބައްދަލު ކުރައްވާ އެކަން ހިއްސާ ކުރައްވާފައިވާނެ ކަމަށާއި އެގޮތުން ނަޝީދު ރައީސް ޔާމީން އަރިހުގައި ދެކަމަކަށް އެދުން ކަމަށެވެ.

"އެއް ކަމަކީ ބޭސް ފަރުވާ ނިމިވަޑައި ގަތުމުން މާލެ ވަޑައިގަނެވޭ ގޮތަށް ވަކި މުއްދަތެއް ނެތް ގޮތަކަށް ރައީސް ނަޝީދަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ފުރުސަތު ދެއްވުމަށް. ދެވަނަ ކަމަކީ ރައީށް ނަޝީދުގެ އާއިލާގެ އެއްވެސް ބޭފުޅެއްގެ ސޮއި ހޯދަން ޖެހިވަޑައި ނުގަންނަ ގޮތަށް ސަރުކާރުން ލިޔެކިޔުން ތައްޔާރުކުރެއްވުމަށް،" ލަތީފު ވިދާޅުވި އެވެ.

ލަތީފް ހަމަ އެދުވަހު ލަންކާ ވަޒީރު މެދުވެރިކޮށް ނަޝީދުގެ ދެ ރިކުއެސްޓް ރައީސް ޔާމިންއަށް ފޮނުވާފައި ވާނެ ކަމަށާއި އަދި ނަޝީދުގެ މި އެދުންތަކަށް ރައީސް އެއްބަސްވެ ވަޑައިގަތް ކަމަށް ވަޒީރުން ޔަގީންކަން އެރުވިކަމަށެވެ. އެހެން ނަމަވެސް ނަޝީދުގެ ރިކްއެސްޓުތާ ހިލާފަށް ނަޝީދުގެ އާއިލާގެ ފަރާތުން ބޭފުޅަކު ސޮއި ކުރެއްވަން ޖެހޭ ކަމަށާއި އިންގިރޭސި ވިލާތަށް ވަޑައިގަންނެވޭނީ 30 ދުވަހަށް ކަމަށް މިއަދު ސަރުކާރު ފަރާތުން ދެއްވި ލިޔުމުގައި އޮތް ކަމަށެވެ.

"އެހެންވީމަ މިކަން ކަން މިހެން ހުރުމުގެ ސަބަބުން އިނގިރޭސި ވިލާތަށް ރައީސް ނަޝީދު ވަޑައި ނުގަންނަވަން ނިންމެވީ. އަދި އެ ލިޔުމުގައި އާއިލާގެ ބޭފުޅުން ލައްވާ ސޮއި ނުކުރުވީ،" ލަތީފް ވިދާޅުވި އެވެ.

ނަޝީދު ބޭސްފަރުވާއަށް ދިއުމަށް ލަންކާގެ އިސް ވަޒީރުން ރައީސް ޔާމިންއާ މަޝްވަރާކޮށްފައިވާ ކަމަށް ނަޝީދުގެ ގާނޫނީ ވަކީލުން ވިދާޅުވާއިރު މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރޭސި ވިލާތުގެ ހާރިޖީ ވަޒީރުވެސް ވަނީ ބައެއް ކަންބޮޑުވުންތަކާއި މެދު ރައީސްއާ މަޝްވަރާކޮށްފަ އެވެ.