މީހެއްގެ އަތުން ފައިސާ ނަގައިގެން އެއްވެސް ކުށްވެރިއަކަށް ލުއި ދީފައި ނުވާނެ ކަމަށާ އެފަދަ ކަމެއް ސަރުކާރުން ނުވެސް ކުރާނެ ކަމަަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ޖަލުގައި ތިބި ގައިދީންގެ އަދަބު ލުއި ކޮށްދެވޭނެ ގޮތެއް ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގަވާފަ އެވެ. ހޯމަ ދުވަހުގެ ޖަލްސާގައި ރަައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް މިހާރު އެންމެ ގިނައިން ލިބޭ ސިޓީ ތަކުގެ ތެރޭގައި އަދަބު ލުއިކުރުމަށާއި މާފުކޮށް ދިނުމަށް އެދި ޖަލުގައި ތިބޭ ގައިދީން މަޖިލީހަށް ސިޓީ ފޮނުވާ ސިޓީތައް ހިމެނޭ ކަމަށެވެ. ނަޝީދު ވިދާޅުވީ ގައިދީން ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބި އެތަށް ބަޔަކު ޝަކުވާ ކުރަމުންދާ ކަމަށެވެ.
އެހެންވެ އެ މައްސަލަތައް ބަލަން ރައީސް ނަޝީދު ވަނީ ޖުޑީޝިއަރީ ކޮމެޓީއަށް އަންގަވައިފަ އެވެ. އަދި އޭގެ އެންމެ ފުންމިނަކަށް އެކަން ކޮމެޓީން ދިރާސާ ކުރުމަށް ފަހު އެންމެ ފަހު މީހާއަށް ވެސް ވެގެން އުޅޭ ގޮތް ބެލުމަށް ފަހު ސަރުކާރަށް ލަފާ ދިނުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑު ހިތުން ކޮމެޓީން މިހާރު ހިންގާން ޖެހިފައިވާ މަސައްކަތަކީ ޖަލުގައި ނުވަތަ ހުކުމްގައި ތިއްބެވި ހުރިހާ ފަރާތެއް ހޯއްދަވައި އެމީހުންގެ ކުށަކީ ކޮބައިތޯ ހުކުމަކީ ކޮބައިތޯ ވަނަވަރަކީ ކޮބައިތޯ އަފްއާމަށް އެދިފަވާ އިމަކީ ކޮބައިތޯ އަދަބު ލުއި ކުރައްވަން އޮތްތޯ ޖުޑީޝިއަރީ ކޮމެޓީން އޭގެ އެއްމް ފުންމިނަކަށް ދިރާސާ ކުރެއްވުން،" ހޯމަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ މުވައްޒިފަކު ފައިސާ ނަގައިގެން ކުށްވެރިންނަށް ލުއި ދެމުންދާ ކަމުގެ ތުހުމަތުތަކެއް ވެސް ބައެއް މެންބަރުން ވަނީ ކުރައްވާފައެވެ.
އެކަމަށް އިޝާރާތް ކުރައްވާ ރައަީސް ވިދާޅުވީ ކުށްވެރިއަކަށް މައާފު ދެވޭނެ އޮތީ ދެ ގޮތެއް ކަމަަށާ އެއީ ގައިދީން ކްލެމެންސީ ބޯޑަށް އެކަމަށް އެދި ހުށައެޅުމުން އެކަން ބެލުމަށްފަހު ބޯޑުން ރައީސަށް ފޮނުވުމުން ރައީސަށް ލިބިފައިވާ ބާރުގެ ދަށުން އެ ގައިދީއަކަށް ލުއި ދިނުމާއި ކްލެމެންސީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އޮންނަ އުސޫލުތަކުގެ ތެރެއިން ލުއި ދިނުން ކަމަށެވެ. ރައީސް ވިދާޅުވީ އެ ހާލަތުގައިވެސް ގައިދީއަކަށް ލުއި ދެނީ ކަރެކްޝަނުން މައުލޫމާތު ހޯދާ އެއީ އެމީހެއްގެ ސަބަބުން މުޖްތަމައުއަށް ނުރައްކަލެއް ނެތްކަން ޔަގީން ކުރުމަށް ފަހު ކަމަށެވެ.
ދެން ރައީސް ވިދާޅުވީ މީހެއްގެ އަތުން ފައިސާ ނަގައިގެން އެއްވެސް ކުށްވެރިއަކަށް ލުއި ދީފައި ނުވާނެ ކަމަށާ އެފަދަ ކަމެއް ސަރުކާރުން ނުވެސް ކުރާނެ ކަމަށެވެ. އެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.
"ރައީސް އޮފީހުގެ ތެރެއިން، އަޅުގަނޑު ޔަގީންކަމާއެކު މި ދަންނަވަނީ ރައީސް އޮފީހުން މީހެއްގެ އަތުން ފައިސާ ނަގާފައި ކުށްވެރިއަކަށް ލުއި ދީފައެއް ނޯންނާނެ. އެކަމުގެ ޔަގީންކަން އެބައޮތް. އެކަމެއް އަޅުގަނޑުމެން ނުވެސް ކުރާނަން،" ރައީސް ވިދާޅުވިއެވެ.