ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ނުފެންނަ ކަމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހުން ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 48 މެންބަރުންނެވެ.
ބިލު ފާސްނުވުމުން މިއަދުގެ މަޖިލީހުގައި ދެން ވޯޓަށް އަހާފައިވަނީ ބިލު ކޮމިޓީއަށް ފޮނުވުމަށެވެ. ބިލު އިތުރަށް ފުރިހަމަ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވަންވެސް ނުފެންނަ ކަމަށް މެންބަރުން ނިންމެވި އެވެ. އެގޮތުން ބިލު ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް 50 މެންބަރުން ވޯޓު ދެއްވިއިރު ބިލު ކޮމިޓީއަށް ފޮނުވަން އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މި ބިލު ދިރާސާކުރި ލާމަރުކަޒީ ކޮމިޓީން ނިންމާފައިވަނީ ބިލު ފާސްކުރަން ނުފެންނަ ކަމަށެވެ. ސަބަބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ކައުންސިލްގެ މެންބަރުކަމުގެ ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ބޭއްވުމާ ގުޅޭ އެންމެހާ މާއްދާތައް އުނިކުރުމަށް އޮކްޓޫބަރު 19، 2022 ގައި ބޭއްވި ކޮމިޓީގެ ބައްދަލުވުމުގެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވުމެވެ. އޭގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަގުސަދު ގެއްލިފައިވާތީ ކޮމިޓީން ނިންމީ ބިލު ފާސް ނުކުރުމަށެވެ.
ބިލް ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް ފާސްވުމުން ބިލު ބާތިލުވީ ކަމަށް ރިޔާސަތުން އިއުލާނުކުރެއްވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ވެލިދޫ ދައިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަގީގެވެ.
އިސްލާހުގައިވަނީ ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަން ބާއްވާނީ އަހަރަކު އެއް ފަހަރު ކަމަށެވެ. ދެ ބައި-އިލެކްޝަނެއްގެ ދެމެދުގައި 365 ދުވަހަށްވުރެ ދިގު މުއްދަތެއް އަދި 300 ދުވަހަށްވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ ކަމަށް އިސްލާހުގައިވެ އެވެ.
ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. މިބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސް ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ އޮކްޓޫބަރު 17 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. މި ބިލު ދިރާސާކުރީ ލާމަރުކަޒީ ކޮމިޓީންނެވެ.
މަޖިލީހަށް ބިލު ހުށަހަޅައްވަމުން މެންބަރު މުހައްމަދު އަބްދުﷲ ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ކޮމިޓީތަކުގެ އުމުރުގެ ތެރޭގައި ތަކުރާރުކޮށް ގިނަ އަދަދަކަށް އެފަދަ ބައި އިލެކްޝަންތައް ބާއްވަން ޖެހޭތީ އޭގެ ސަބަބުން ހަރަދުތައް އިތުރުވަމުންދާ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށެވެ.