ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"މޫސަ އެމްޑީޕީއާ ގުޅުމަކީ އިތުރު ހިތްވަރެއް"

Nov 8, 2022
2

އެމްޑީޕީގެ ކުރީގެ ޗެއާޕަސަން ރީކޯ މޫސާ މަނިކު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަކީ ލިބުނު އިތުރު ހިތްވަރެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ މޫސާ މަނިކު ގިނަ އަހަރުތަކަކަށްފަހު އެމްޑީޕީއާ ދުރުގައި ހުންނެވުމަށްފަހު އަލުން މިއަދު އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެންނެވެ.

މޫސަ އެމްޑީޕީއަށް ސޮއިކުރައްވާ ފޯމު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މޫސާ މަނިކު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަކީ އެމްޑީޕީއާއި އެންމެންނަށް ވެސް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

"މޫސަ އަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް. އެމްޑީޕީއަށް މަރުހަބާ،" ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސްގެ ޓްވީޓަށް ޖަވާބު ދެއްވަމުން މޫސަ ވިދާޅުވީ އެމްޑީޕީ އަކީ އެކުވެރިކަމާ އެއްބައިވަންތަކަމާއެކު މެމްބަރުން އުފަލާއެކު ހިތްހަމަޖެހިގެން އުޅޭ ޕާޓީއެއް ކަމުގައި ލެއްވުން އެދި ދުއާ ކުރާ ކަމަށެވެ.

"އެމްޑީޕީއަށް އަލުން ގުޅުމާއެކު ރައީސް ތިވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރުދަންނަވަން،" މޫސަ ވިދާޅުވި އެވެ.

މޫސަ އެމްޑީޕީން ވަކިކުރީ އެ ޕާޓީގެ ވިޕްލައިނާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓުލުމުން ޑިސެމްބަރު 22، 2014 ގައެވެ.