ދުނިޔެ

އިސްރާއީލާ ގުޅޭ މައްސަލަތަކެއްގެ އަޑުއެހުންތަކެއް ހުޅުވާލައިގެން ގެންދަނީ

Nov 9, 2022

ފަލަސްތީނުގެ ފަސްގަނޑުގައި އިސްރާއީލުން އިންސާނީ ހައްގުތަކާ ހިލާފުވި ކަމަށް ބުނާ މައްސަލަތަކެއްގެ އިންކުއަރީއެއް އާންމުކޮށް ހުޅުވާލައިގެން އދގެ ކޮމިޝަނެއްގައި ފަށައިފި އެވެ.

ތިން މެންބަރުނގެ މައްޗަށް އެކުލެވޭ އދގެ ކޮމިޝަން އުފެއްދީ އިސްރާއީލުން މިދިޔަ އަހަރު 11 ދުވަހުގެ މުއްދަތަކަށް ގާޒާއަށް ބޮންއަޅައި، ފަލަސްތީނުގެ 250 މީހުން ޝަހީދު ކޮށްލުމާ ގުޅިގެންނެވެ.

ކޮމިޝަނުން ވަނީ އިސްރާއީލާއި އަދި ފަލަސްތީނާ ގުޅޭ އިންސާނީ ހައްގުތަކުގެ މައްސަލަތައްވެސް ވަކި ކޮޅަކަށް ބުރަ ނުވެ ބަލާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އިސްރާއީލުގެ ސިފައިން މިދިޔަ މެއި މަހު އަލްޖަޒީރާގެ ނޫސްވެރިޔާ ޝިރީން އަބޫ އަކްލެހްގެ ބޮލަށް ބަަޑީގެ ހަމަލާއެއް ދީ، މަރާލި މައްސަލައިގައިވެސް ޖެނީވާގައި މިހާރު ކުރިއަށްދާ އިންކުއަރީގައި ގޮތްތަކެއް ނިންމުމަށް ހަމަޖެހިފައިވެ އެވެ.

އދގެ ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިފައި ނެތް ނަމަވެސް މިފަދަ ނިންމުންތަކަކީ ބައިނަލްއަގުވާމީ ކޯޓުތަކުގައި ހެކީގެ ގޮތުގައި ބައެއް ހާލަތްތަކުގައި ބޭނުންކުރެވޭ މުހިންމު ނިންމުން ތަކެކެވެ.

އދގެ ކޮމިޝަންގެ މަސައްކަތަކީ "އެއްވެސް އަސްލެއް ނެތް" ކަމެއްގެ ގޮތުގައި އިސްރާއީލުން ވަނީ ސިފަކޮށްފަ އެވެ. ކޮމިޝަންގެ އިންކުއަރީ ފެށީ ކުރިން އެންގުމެއް ނެތި، އިސްރާއީލާ ދެކޮޅުވެރި އެޖެންޑާއެއްގެ ތެރެއިން ކަމަށްވެސް އިސްރާއީލުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަމަކު އދ. އިން ބުނާ ގޮތުގައި ކޮމިޝަންގެ މަސައްކަތްތަކަށް އިސްރާއީލުން އެއްވެސް އިރަކު އެއްބާރުލުމެއް ނުދެ އެވެ. އާންމުކޮށް ހުޅުވާލައިގެން އިންކުއަރީ ކުރިއަށް ގެންދަން ނިންމީވެސް ކޮމިޝަނަށް އަމާޒުވެދާނެ ފާޑުކިޔުންތަކަކާ ގުޅިގެން އުފެދިދާނެ ޝައްކުތަކަކުން ސަލާމަތްކޮށް ކޮމިޝަންގެ އިންކުއަރީގައި ބުރަދަނެއް ހިފެހެއްޓުމަށް ކަމަށްވެސް އދ އިން ބުނެފައިވެ އެވެ.