ކުޅުދުއްފުށި

މާރާމާރީގައި ޒަހަމްވި ޒުވާނާގެ ސާޖަރީއެއް ހަދަނީ

ށ. މާއުނގޫދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނާގެ ސާޖަރީއެއް ހެދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ތައްޔާރު ވެއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަނިޔާވެގެން ފަރުވާއަށް ގެނެސްފައިވަނީ 31 އަހަރުގެ ޒުވާނެއް ކަމަށާއި މިހާރު ތައްޔާރުވަމުންދަނީ ލެޕްރޮސްކޯޕީ (ނުފަޅާ ކުރާ އޮޕަރޭޝަން) އެއް ހެދުމަށް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އައިޖީއެމްއެޗުން އެރަށަށް ޒިޔާރަތް ކުރައްވާ ޑޮކްޓަރު -- ޑރ. އުބައިދު އާއި ޑޮކްޓަރު ވަހީދުގެ އިތުރު ކުޅުދުއްފުށީގެ ޑޮކްޓަރުން މިހާރު ދަނީ ޒުވާނާގެ ސާޖަރީގެ ކަންކަމުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

ޒަހަމްވި ޒުވާނާގެ އެތެރެހަށީގެ އެއްވެސް ގުނަވަނަކަށް ގެއްލުމެއް ލިބިފައިވާކަން އަދި ނޭނގޭ ކަމަށާއި ލެޕްރޮސްކޯޕީ ހަދާއިރު ކެމެރާ ބޭނުންކުރުމުން އެކަން އެނގޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެތެރެހަށީގެ އެއްވެސް ގުނަވަނަކަށް ޒަހަމެއް ލިބިފައި ހުރިތޯ ބަލާނެ ލެޕްރޮސްކޯޕީ ހަދާއިރު. އަނިޔާއެއް ނެތިއްޔާ ފަޅާނުލާ ސާޖަރީ ހެދޭނެ." އޮފިޝަލް ވިދާޅުވި އެވެ.

މާއުނގޫދޫގައި މާރާމާރީ ހިންގައިފާވަނީ ރޭ ދަންވަރު 12:30 ހާއިރު އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މާއުނގޫދޫ ކައުންސިލް މެންބަރު މޫސާ ހަސަން ވިދާޅުވީ މައްސަލަ އުފެދުނީ ތިން ޒުވާނެއްގެ ދޭތެރޭގައި ކަމަށާއި އެތަނުން ދެ މީހަކު ޒަހަމުވެފައިވާ ކަމަށެވެ.

މާރާމާރީއާއި ގުޅިގެން އެކަކު ހައްޔަރު ކޮށްފައިވެ އެވެ. އޭނާއަކީ މާރާމާރީއާއި މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ.

މާރާމާރީ ހިންގާފައިވަނީ ހައްޔަރުކުރި މީހާ ދިރިއުޅޭ ގޭގެ ބޭރުގައި ކަމަށްވެސް އެނގިފައިވެ އެވެ.