ރަޝިއާ ސިފައިން އަތްގަދަކޮށްގެން ތިބި ޔުކްރޭންގެ މައި ސިޓީއެއް ކަމަށްވާ ޚަރުސޮންގެ އެއްފަޅި ދޫކޮށްލަން ރަޝިއާގެ ޑިފެންސް މިނިސްޓްރީން ނިންމައިފި އެވެ.
ޑިފެންސް މިނިސްޓަރު ސަރުގޭ ޝޮއިގު ވިދާޅުވި ގޮތުގައި އާންމުންނަށާއި އަސްކަރީ ފައުޖުތަކަށް އޮތް އެންމެ ރާއްކާތެރި ގޮތަކީ ދިނީޕްރޯ ކޯރުގެ އިރުމައްޗަށް ފައުޖުތައް ބަދަލުކޮށް ދިފާއީ ފާރެއް ގާއިމުކޮށްގެން ތިބުމެވެ.
ޔުކްރޭންގެ ޚަރުސޮން ސިޓީ ދޫކޮށް ރަޝިއާ ސިފައިން ފައިބަގެން ދާ ކަމަށް ބައެއް ޚަބަރުތަކުގައި ބުނެފައި އޮތް ނަމަވެސް، ސޮއިގު ވިދާޅުވި ވިދާޅުވުމަށް ބަލާއިރު، ރަޝިއާ ސިފައިން ޚަރުސޮން ސިޓީ ދޫކޮށްފައި މުޅިން ނުފައިބާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާގެ ވިސްނުން ބަދަލުކޮށް ސަލާމަތަށް އިސްކަން ދޭން ނިންމީ ރަޝިއާއިން ޚަރުސޮންއަށް ކަނޑައަޅާފައި ހުރި ރަސްމީ އޮފިޝަލް ކިރިލް ސްޓްރެމޯސޯފް ކާރު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެންނެވެ.
ޚަރުސޮން ސިޓީގަައި ރަޝިއާއިން ގާއިމުކުރި އަސްކަރީ ފައުޖުތަކަށް މިހާ ބޮޑު ބަދަލެއް ގެނައި ސަބަބު ރަޝިއާއިން ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް މަސްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުން ޔުކްރޭންގައި ދެން ހަރަކާތްތެރިވާނެ ގޮތް ރަޝިއާއިން މިހާރު އެ ރާވަނީ އެވެ.
ޔުކްރޭން ހަނގުރާމައަށް ނުވަ މަސް ފުރެން އަންނައިރު ޔުކްރޭންގައި ރަޝިއާ ކުރިން ދެއްކި ބާރުވެރިކަން ދޫކޮށްލާ ވިސްނުމެއް ގެންގުޅޭ ކަމަށް ވެސް ބުނެވެ އެވެ. މިއީ އެމެރިކާ އާއި ރަޝިއާއާ ދެމެދު -- ދިފާއީ ވަޒީރުންގެ ފެންވަރުގައި ކުރެވޭ މަޝްވަރާއިން ނުކުންނަ ނަތީޖާއެއް ކަމަށް ވެސް ބުނެވެ އެވެ.
އަނެއްކޮޅުން އެމެރިކާގައި މިހާރު ނަތީޖާ އިއުލާންކުރަމުންދާ މިޑްޓާމް އިލެކްޝަނަށްފަހު އެމެރިކާ ސަރުކާރުގެ ވިސްނުން ޔުކްރޭނާ މެދު ބަދަލުވެދާނެ ކަމަށް ވެސް ބުނެވެ އެވެ.
ރައީސް ޖޯ ބައިޑަންއާ ހަވާލާދި ރޮއިޓާސް ބުނާ ގޮތުން ޔުކްރޭނަށް ދުރު ރާސްތާ ހައިމާސް -- މިސައިލް ޑިފެންސް ސިސްޓަމް ދެން ނުދޭނެ އެވެ.