ކުޅިވަރު

އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަތުން ސިޓީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިވެއްޖެ އެވެ.

ވޯލްޑް ކަޕްގެ ކުރިން ލީގުގައި ކުޅުނު ފަހު މެޗުން ބަލިވުމާ އެކު އެއްވަނައިގައި އޮތް އާސެނަލް ފަހަތަށް ޖައްސާލަން ލިބުނު ފުރުސަތު ސިޓީ އަށް ގެއްލުނީ އެވެ. ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 13 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. 14 މެޗުން ލިބުނު 32 ޕޮއިންޓާ އެކު ސިޓީ އޮތީ ދެވަނައިގަ އެވެ. މާދަމާ ވުލްވްސް ބަލިކޮށްފި ނަމަ އާސެނަލަށް އެއްވަނައިގެ ލީޑު ފުޅާކުރެވޭނެ އެވެ.

މިއަދުގެ މެޗުގެ ކުރީކޮޅު ބްރެންޓްފޯޑުން ވަނީ މޮޅަށް ކުޅެ ލީޑު ނަގައިފަ އެވެ. މި ގޯލު 16 ވަނަ މިނެޓުގައި ބޮލުން ކާމިޔާބުކޮށްދިނީ އިވާން ޓޯނީ އެވެ. އޭގެފަހުން ސިޓީން ވަނީ ކުރިއަށް ޖެހި ބްރެންޓްފޯޑަށް ބާރުބޮޑުކޮށްފަ އެވެ. އަދި ތިން ހާލަތެއްގައި ސިޓީން ޕެނަލްޓީ އަށް ވެސް އެޕީލްކުރި އެވެ. އެކަމަކު ރެފްރީ ނިންމީ ޕެނަލްޓީ ނުދޭށެވެ. ސިޓީން ނަތީޖާ ހަމަހަމަކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ފިލް ފޯޑެން އެވެ.

ދެވަނަ ހާފް ސިޓީން ފެށީ ވަރުގަދަކޮށެވެ. އެކަމަކު އެޓީމަށް ދިމާވީ ލިބުނު ފުރުސަތުތައް ގޯލަށް ބަދަލުކޮށްލުމުގެ މައްސަލަ އެވެ. ސިޓީން ކުރިއަށް ޖެހިގެން ކުޅެނިކޮށް ބްރެންޓްފޯޑް މޮޅުވީ މެޗުގެ ފަހު ވަގުތު ޓޯނީ ޖެހި ގޯލުންނެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދިހަ މިނެޓުގެ ތެރެއިން އަށް ވަނަ މިނެޓުގައި ޓޯނީ މި ގޯލު ޖެހީ ކައުންޓަ އެޓޭކުގައި އުފެއްދި ފުރުސަތެއްގައި ހުހަށް ލިބުނު ބޯޅައެއްގަ އެވެ. މި ގޯލަށް ފަހު ހެޓްރިކް ހަދަން ރަނުގެ ފުރުސަތެއް ޓޯނީ އަށް ލިބުނެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ރޮނގު މަތިން ކެވިން ޑި ބްރޭނާ ސާފުކޮށްލީ އެވެ.

މެޗުގައި ދެ ގޯލު ޖެހި ޓޯނީ އަކީ ވޯލްޑް ކަޕްގެ އިންގްލެންޑް ޓީމުން ފުރުސަތު ހޯދާނެކަމަށް ބެލެވުނު ކުޅުންތެރިއެކެވެ. މި ސީޒަނުގައި ޓޯނީ ރަނގަޅު ފޯމެއްގައި ހުރިނަމަވެސް ކޯޗު ގަރެތު ސައުތުގޭޓް ވޯލްޑް ކަޕަށް ނެގި 26 ކުޅުންތެރިންގެ ތެރޭގައި ޓޯނީ ހިމަނާފައެއްނުވެ އެވެ. މިދިޔަ ސީޒަން ފެށުނުފަހުން ޓޯނީ ވަނީ ލީގުގައި 22 ގޯލު ޖަހައިފަ އެވެ. އެ މުއްދަތުގައި އޭނާ އަށް ވުރެ ގިނައިން ލީގުގައި ގޯލު ޖެހީ މުހައްމަދު ސަލާހް އާއި ހެރީން ކޭންގެ އިތުރުން ސޮން ހެއުން-މިން އެވެ.