ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ބަޔަކު ހައްޔަރުކޮށް ޓެރަރިސްޓް ހަމަލާއެއް ފެއިލްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޓެރަރިޒަމް އެންޑް ވަޔަލެންޓް އެކްސްޓްރިމިޒަމް ޔުނިޓުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ އޮޕަރޭޝަންގައި މީހުން ހައްޔަރުކުރީ އައްޑޫ ސިޓީ އާއި މާލޭގެ އިތުރުން ކ. ގުރައިދޫން ކަމަށެވެ.
މިމައްސަލައިގެ ތުހުމަތުގައި މީހުން ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީން 10 ފިރިހެނުން މާލެއިން ދެ ފިރިހެނުން އަދި ކ. ގުރައިދޫން ދެ ފިރިހެނުންނެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.
އުސްވަތު ވިދާޅުވީ ހައްޔަރުކުރެވުނު މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހާފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންނަކީ އިސްލާމިކް ސްޓޭޓްއަށް ތާއީދުކުރާ ބައެއް ކަމަށާއި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ނުވަ މީހަކީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ކުރިންވެސް ހައްޔަރުކުރެވުނު ބައެއް ކަމަށްވެސް ވިދާޅުވި އެވެ.
އުސްވަތު ވިދާޅުވީ އިސްލާމިކް ސްޓޭޓްއަށް ތާއީދުކުރާ އެ މީހުން މަސައްކަތްކުރީ ޓެރަރިސްޓް ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނަ ގެއްލުވާލަން ކަމަށާއި އެ ރޭވުން ނާކާމިޔާބު ކޮށްލެވުނު ކަމަށެވެ.
މައްސަލަ އާއި ގުޅިގެން ބަލައި ފާސްކުރެވުނު ތަންތަނުން ގޮވާ ޒާތުގެ ތަކެތި ފެނިފައިވާ ކަމަށާއި އެތަކެތި ތަހުލީލު ކުރަމުންދާ ކަމަށްވެސް އުސްވަތު ވިދާޅުވި އެވެ. މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ޓެރަރިސްޓް ހަމަލާ ދޭން މަސައްކަތްކުރި ގޮތް ހާމަކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.
އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިކަން ފާހަގަކުރެއްވި ނަމަވެސް އެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.