ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހާލަތު ނަހަމަ ގޮތުގައި ބޭނުންކޮށް ކުށްކުރަން ޖާގަ ނުދޭނަން: ސަލާމަތީ ބާރުތައް

މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޖިނާއީ ބޮޑެތި ކުށްތައް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފި އެވެ.

އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ކުށްތަކާއި ޓެރަރިޒަމްގެ އަމަލުތައް ހިންގަން މަސައްކަތް ކޮށްފައިވެ އެވެ. މިދިޔަ މަސްތަކުގައި ވެސް ރާއްޖޭން އެފަދަ ކަންކަން ހިނގާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"މި ހާލަތުގެ ނާޖާއިޒް ފައިދާ ނަގައިގެން މީގެ ބޭނުން ކުށްތައް ކުރަން އެބައުޅޭ. މިދިޔަ ދެ މަހެއްގާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެސް އެ ކަން ފާހަގަކުރެވޭ." ސީޕީ ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި، މާފުށީ ޖަލުގެ ތެރެއިން ވެސް ބައެއް މީހުނަށް ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ ކަންކަން ކޮށްފައިވާ ކަން މިދިޔަ ހަފުތާގެ ތެރޭގައި ފުލުހުންނަށް ފާހަގަވެފައިވެ އެވެ. ޖަލަށް އެތެރެ ކުރި ފޯނުތަކާއި ސިމްތައް ވެސް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ސިފައިންނާއި ފުލުހުންނާއި ގުޅިގެން ރައްޔިތުންގެ ރައްކާތެރި ކަމަށް ކުރަން ޖެހޭ މަސައްކަތްތަކާއި މާލެ ސަރަހައްދުގެ ލޮކްޑައުންކޮށް ހިނގަމުން ގެންދާ ކާފިއު ތަންފީޒު ކުރުމަށް ޓަކައި ތައްޔާރަށް ތިބި ކަމަށެވެ.

އެ ދެ މުއައްސަސާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރާއިރު، މި ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ނުދޭނެ ކަމަށާއި ގައުމީ ސަލާމަތް ނަހައްޓާނެ ކަމަށެވެ. އެއްވެސް ޒާތެއްގެ ކުށެއް ހިންގުމަށާއި ގައުމީ ސަލާމަތަށް ނުރައްކާ ހުރި ޓެރަރިޒަމް ފަދަ އަމަލުތައް ހިންގަން ފުރުސަތު ނުދޭނެ ކަމަށެވެ.

"މި ކަހަލަ ނާޒުކް ފައްތަރެއްގައި އެއްވެސް ފަރާތަކުން ނާޖާއިޒް ފައިދާ ނަގަން ފުރުސަތެއް ނުދޭނަން. މިހާރު ވެސް މަސައްކަތް ކުރަނީ ގައުމީ ސަލާމަތް ނަގަހައްޓަން. އަޅުގަނޑުމެން ދެ މުއައްސަސާ މިކަމުގައި ރައްޔިތުން ހިމާޔަތް ކުރަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ޝަމާލް ވިދާޅުވި އެވެ.

މާލޭން ބަލި ޖެހިފައިވާ މިހާކު ފެނުމުން 24 ގަޑިއިރަށް މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފަ އެވެ. އެ މުއްދަތުގައި މާލެ ސަރަހައްދުގައި ހިމެނޭ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅިފަޅާއި، ތިލަފުށީގައި މަގުމަތީގައި އުޅުން ވަނީ މަނާކޮށްފަ އެވެ. އެ ރަށްތަކަށް ދެމެންދާ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

ލޮކްޑައުންގެ ވަގުތުގައި މަގުމަތީގައި އުޅޭ މީހުން 1،000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިތުރުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ފެސިލިޓީއެއްގައި ބަހައްޓާނެ ކަމަށް ވެސް ފުލުހުން މިއަދު ބުނެފައިވެ އެވެ.

މާލޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ސީދާ ކޮންޓެކްޓްވި 54 މީހަކު އެކަހެރި ކޮށްފައިވާއިރު، އޭނާއާ އެހެނިހެން ގޮތް ގޮތރުން ބައްދަލުވި އިތުރު 50 އަށް ވުރެ ގިނަ މި ވަގުތަށް ގޭގައި ތިބުމަށް މަޑު ކުރަން ވަނީ އަންގައިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ބައްޔަށް ޓެސްޓް ކުރަން 11 މީހެއްގެ ސާމްޕަލް ވަނީ ނަގައިފަ އެވެ.