އެކުގައި ދިރިއުޅެމުން އައި ލޯބިވެރިޔާ މަރާލައި ކުދިކޮށް ކޮށާލި ޒުވާން ފިރިހެނަކު އިންޑިއާގެ ދިއްލީ ފުލުހުން ހައްޔަރުކޮށްފި އެވެ.
އާފްތާބް އަމީން ޕޫނާވާލާ ނަމަކަށް ކިޔާ މި މީހާ ހައްޔަރުކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ޝްރަދާ، 28، މަރާލައި އޭނާގެ ހަށިގަނޑު ކުދިކުދި ކުރިކަމުގެ ތުހުމަތުގަ އެވެ.
ދިއްލީ ފުލުހުން ބުނި ގޮތުގައި އާފްތާބް އަކީ ވަރަށް ގިނައިން ކްރައިމް ފިލްމުތަކާއި ވެބް ސީރީޒްތައް ބަލާ މީހެކެވެ. އަދި އޭނާ ލޯބިވެރިޔާ މަރާލާފައިވަނީ އެމެރިކާގެ ފިލްމެއް ކަމަށްވާ "ޑެކްސްޓާ" ބަލާފައި އެ ފިލްމުގައި ކަންތައްކުރާ ގޮތް ބަލައިގެންނެވެ.
އާފްތާބް، 28، އޭނާގެ ލޯބިވެރިޔާ މަރާލީ މީގެ ހަ މަހެއްހާ ދުވަސް ކުރިން ނަމަވެސް އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭގެ ކުރިން ދިއްލީ ފުލުހުންނަށް ޝްރަދާގެ މަރުގެ އެއްވެސް ހަބަރެއް ލިބިފައެއް ނެތެވެ. ސަބަބަކީ ޝްރައްދާގެ ހަށިގަނޑު ކުދިކުދިކޮށް ދިއްލީގެ ޖަންގަލީގެ އެކި ހިސާބުތަކަށް އެކި ބައިތައް އުކާފައި ވާތީ އެވެ.
އާފްތާބް ހައްޔަރުކުރީ ޝްރަދާގެ ބައްޕައަށް އޭނާއާ މެދު ޝައްކުވެގެން ކުރި ޝަކުވާއަކާ ގުޅިގެން ބެލި ބެލުމުން އޭނާ އާއި ޝްރަދާގެ މަރާ ގުޅުން ހުރިކަން ޔަގީން ކުރެވިގެންނެވެ.
ޝްރަދާ ވޯކާ އަކީ މުމްބައިގެ ކޯލް ސެންޓަރެއްގައި މަސައްކަތްކުރި ޒުވާނެކެވެ. އާފްތާބާއި ޝްރަދާ ބައްދަލުވީ އޮންލައިން ޑޭޓީން އެޕަކުންނެވެ.
އާފްތާބާއި ޝްރަދާ ލޯބީގެ ގޮތުން ގުޅެން ޝްރަދާގެ މައިންބަފައިން ގަބޫލެއް ނޫނެވެ. އެހެންވެ އެމީހުންނާ ދެކޮޅުވެ ޝްރަދާ ގެއިން ނުކުމެގެން އާފްތާބާއެކު ދިޔައީ އެވެ. އަދި މުމްބައިގައި ވެސް ދިިރިއުޅެން ބޭނުން ނުވެގެން އެ ދެމީހުން ދިއްލީ އަށް ދިރިއުޅުން ބަދަލުކޮށް ފާއިތުވީ ތިން އަހަރު އުޅެމުން ދިޔައީ ދިއްލީގައި އެއް ގެއެއްގަ އެވެ.
ދެ ލޯބިވެރިންގެ މެދުގައި މައްސަލަ ޖެހެން ފެށީ ކައިވެނި ކުރާށޭ ކިޔައިގެން އާފްތާބަށް ޝްރަދާ ޕްރެޝަރު ކުރަން ފެށުމުން ކަމަށް ދިއްލީ ފުލުހުން ބުނެފައި ވެއެވެ.
"ދެ މީހުން މިކަމާ އަބަދު އަބަދުހެން ޒުވާބު ކުރޭ. އަދި ބައެއް ފަހަރަށް ޒުވާބު ހޫނުވެ ވަރަށް އަނިޔާވެރިކޮށް ވެސް އެކަކު އަނެކަކާ ކުރިމަތިލާ. އެގޮތަށް އެއްފަހަރު ޒުވާބު ހޫނުވެގެން ގޮސް އާފްތާބް އަތުން ޝްރަދާ މަރުވީ،" ދިއްލީ ޕޮލިސް އޮފިސަރު ބުންޏެވެ.
ލޯބިވެރިޔާ މަރުވުމުން މީހަކަށް ނޭނގި އެ ހަށިގަނޑު ނައްތާލާނެ ގޮތެއް އާފްތާބަށް ނޭނގިގެން އެންމެ ފަހުން ހަށިގަނޑު ކުދިކުދިކޮށް ކޮށާލައި ފްރިޖެއް ގަނެ އޭގައި ރައްކާކޮށްފައި ބަހައްޓައިގެން އެކި ފަހަރު މަތިން ދިއްލީގެ ޖަންގަލީގެ ސަރަހައްދުގެ އެކި ތަންތަނަށް ހަށިގަނޑުގެ އެކި ބައިތައް ވަނީ އުކާފަ އެވެ.
އެގޮތުން ހަށިގަނޑުގެ ބައިތައް 18 ދުވަސް މަތިން އެކި ތަންތަނަށް އުކާފައި ވެއެވެ.
ޝްރަދާ ދިއްލީ އަށް ގޮސް އުޅުނީ މައިންބަފައިންގެ ނުގަބޫލުގައި ކަމަށް ވާތީ އޭނާ އާ މައިންބަފައިންނާ އެއްވެސް ގުޅުމެއް ނެތެވެ. ޝްރަދާގެ އެއްވެސް ހަބަރެއް ނުވާތާ އެތައް މަހެއްވީއިރު ވެސް މައިންބަފައިންނަށް އަދި އާއިލާގެ މީހުންނަށް ހޯދަން އުޅެ ނޭނގުނީ އެހެންވެ އެވެ.
ޝްރަދާގެ ޚަބަރެއް ނުވާތާ ދެ މަހާއި ބައި ވެއްޖެ ކަމަށާއި ފޯނުވެސް އޮތީ ނިއްވާލާފައި ކަމަށް މިދިޔަ ސެޕްޓެމްބަރު މަހު އޭނާގެ އާއިލާއަށް އެންގީ އޭނާގެ އެކުވެރިޔެކެވެ. އެހިސާބުން އޭނާގެ އާއިލާގެ މީހުން އޭނާ ހޯދުމުގެ މަސައްކަތް ފެށި އެވެ. އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ޗެކްކުރިއިރު އެ އެކައުންޓްތައް ވެސް އަޕްޑޭޓް ނުކުރާތާ އެތައް މަހެއް ވެއްޖެކަން އެމީހުންނަށް އެނގުނެވެ.
ޝްރަދާގެ ބައްޕަ ވިކާޝް މަދަން ވޯކާ މުމްބައި ފުލުހުންނަށް ޝްރަދާ ގެއްލުނުކަމުގެ ޝަކުވާ ހުށަހެޅީ ނޮވެމްބަރު މަހު އެވެ. އެއީ އޭނާގެ ޚަބަރެއް ވޭތޯ މަސައްކަތް ކޮށްކޮށް އެއްވެސް ޚަބަރެއް ނުވެގެންނެވެ.
ފުލުހުން މައްސަލަ ތަހުގީގުކުރަން ފަށައި ޝްރަދާގެ ފޯނުގެ އެންމެ ފަހުގެ ލޮކޭޝަން ޗެކްކުރިއިރު އެއީ ދިއްލީގައި ހުރި ގެއެއް ކަމުން ދިއްލީ ފުލުހުންނަށް މައްސަލަ ޓްރާންސްފާ ކުރީ އެވެ.
ދަރިފުޅު ގެއްލުމާއި އަފްތާބާ ގުޅުމެއް ވާކަމަށް ފުރަތަމައިނުން ވެސް ޝްރަދާގެ ބައްޕައަށް ޝައްކުވި އެވެ. އަދި ފުލުހުން ކައިރީ މި ވާހަކަ ބުންޏެވެ.
ދިއްލީ ފުލުހުން ބެލި ބެލުމުން އާފްތާބާއި ޝްރަދާ ކުއްޔަށް އުޅުނު އެޕާޓްމަންޓް ހޯދައި ބެލިއިރު އެތަނުގައި ޝްރަދަގެ ގައިގެ މަސްތަކުން ބައެއް މަސްތައް އޭރުވެސް ހުއްޓެވެ.
ދިއްލީ ފުލުހުން އާފްތާބް ހައްޔަރުކުރީ މުމްބައިގައި ހުއްޓަ އެވެ.
ފުލުހުން ސުވާލުކުރުމުން އާފްތާބް ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އަދި އެ ދެމީހުން އަބަދާ އަބަދު ޒުވާބުކުރަން ޖެހެނީ ޝްރަދާ ކައިވެނި ކުރާށޭ ކިޔައިގެން ޕްރެޝަރު ކުރާތީ ކަމަށް އާފްތާބް ބުންޏެވެ.
އާފްތާބް ދިރިއުޅޭ ގެއިން ޝްރަދާގެ ބައެއް ކަށިތައް ފެނިފައި ވިޔަސް އޭނާގެ ހަށިގަނޑުގެ ހުރިހާ ބައިތަކެއް އަދިވެސް ނުފެނެ އެވެ. އެ ބައިތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިއްލީ ފުލުހުން ބުނެފައި ވެއެވެ.