ތިލަމާލެ ބްރިޖް

އެފްކޮންސް ބޮޑު އަދަދަކުން ޖޫރިމަނާކުރަނީ

Nov 15, 2022

އިންޑިއާގެ އެފްކޮންސް ކުންފުނިން ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވިލިމާލެ ފަރުކައިރީގައި ހެދި ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން އެ ކުންފުނި ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ނިންމައިފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ އޮފިޝަލަކު ވަނީ އަވަސް އަށް އެކަން ޔަގީންކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ އީޕީއޭ އިން އެކަމާ ގުޅޭ މައުލޫމާތު މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި މީޑިއާއާ ހިއްސާކުރާނެ ކަމަށެވެ.

"އެ އަދަދު ސީދާ މިވަގުތު ހާމަކުރަން ދަތި. އެކަމަކު ފިޔަވަޅު އަޅަން ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

ތިލަމާލޭ ބްރިޖު އެޅުމަށް އެފްކޮންސް އިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުން ލިބުނު ގެއްލުން ދިރާސާކޮށް އީޕީއޭއިން ނެރުނު ރިޕޯޓު އެފްކޮން އިން ގަބޫލެއް ނުކުރެ އެވެ. އެހެންވެ އެފްކޮންސް އިން ވަނީ އެކުންފުނިން އަމިއްލަ އަށް ރިޕޯޓެއް ތައްޔާރުކޮށް އީޕީއޭ އަށް ހުށަހަޅާފަ އެވެ.

އީޕީއޭ އިން އެފްކޮންސް އަށް ފިޔަވަޅު އެޅުމުގެ ގޮތުން ބޮޑު އަދަދަކުން ޖޫރިމަނާކުރަން ނިންމީ އެފްކޮންސްގެ ރިޕޯޓްވެސް ދިރާސާކުރުމަށްފަހު އެވެ.

އެފްކޮންސް ޖޫރިމަނާކުރުމަށް އީޕީއޭ އިން ތައްޔާރުވަމުން މިދަނީ ހާދިސާ ހިނގިތާ ތިންމަސް ވީއިރު ވެސް އެ ކުންފުންޏަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އީޕީއޭ އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ތިލަމާލެ ބްރިޖު އެޅުމަށް އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުން ކުރި ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެސްވި އެވެ. ޕްލެޓްފޯމް ފަރަށް އެރިތާ 11 ދުވަސް ފަހުން އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ޕްލެޓްފޯމް ނެގީ ޕްލެޓްފޯމް ފުންކުރުން ލަސްވެ އާންމުން ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށެވެ.

ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމުގެ ދިރާސާ އީޕީއޭ އިން ފެށީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އީޕީއޭ އިން އާންމުކުރި ފޮޓޯތަކުގައި ފަރުގައި ހެދިފައިވާ ބޮޑެތި ހަތަރު ވަޅުގަނޑު ފެނެ އެވެ. އީޕީއޭގެ ޓީމުގެ ބޭފުޅުން ލަފާކުރައްވާ ގޮތުގައި ފަރަށް ގެއްލުން ލިބިފައިވަނީ ޕްލެޓްފޯމުގެ ފައިތައް ނުވަތަ "އެންކާ ސްޕަޑް" ތަކުންނެވެ. ފަރުގައި ހެދިފައިވާ ވަޅުގަނޑުގެ ތެރެއިން އެއްވަޅުގަނޑު ފެންނަނީ މާބޮޑަށް ވެސް ފުންކޮށެވެ.