އީޕީއޭ

އީޕީއޭގެ ރިސާޗް އުޅަނދު ރާއްޖެ ގެންނަނީ

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ މޮނިޓަރިން އެންޑް ރީސާޗް މަސައްކަތްތަކަށް ހާއްސަކޮށްގެން ބަންނަ އުޅަނދު "ތިމާވެށި" މަސައްކަތް ނިމި ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

މިއުޅަނދުގެ އަމަލީ މަސައްކަތް ނިމިފައިވާތީ އިންސްޕެކްޝަން އަދި ސީޓްރައިލްގެ މަސައްކަތް އީޕީއޭ އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒިފުން ހިމެނޭ ޓީމަކުން ވަނީ އިންޑިއާގެ ގޯއާގައި ކުރިއަށް ގެންގޮސްފަ އެވެ.

ކަޓަމަރައިން ޑިޒައިނަށް ފައިބަރުން ބަނދެފައިވާ 100 ފޫޓްގެ މިއުޅަނދަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އިންޓަނޭޝަނަލް ބިޑިންގެ އުސޫލުން މިއުޅަނދު ބަނުމުގެ ބީލަން ކާމިޔާބުކޮށްގެން މި އުޅަނދު ބަނދެފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ވިޖޭއި މެރައިން ޝިޕްޔާޑް ގައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ތިމާވެށީގެ ދާއިރާއިން ފަންނީ އަދި އިލްމީ ދިރާސާތަކުގައި ބޭނުންކުރުމުގެ މަގުސަދުގައި ބަނދެފައިވާ މި އުޅަނދު ހަރަކާތްތެރިވާނީ ރާއްޖޭގެ ކަނޑުތަކުގައި ކަމަށެވެ.

އުޅަނދުގެ މެއިން ޑެކްގައި ތިން މީހުންގެ ޖާގައިގެ ދެ ކޮޓަރި ފާހަނާއާ އެކު އަދި ކާތަނެއްގެ އިތުރުން ބަނދިގެއެއް ހިމެނެ އެވެ. އަދި މި ޑެކްގައި މަސައްކަތަށް ހާއްސަކުރެވިފައިވާ ޖާގައިގެ އިތުރަށް ވެޓްލެބް, ޑްރައި ލެބް އަދި ޑައިވިން ކޮމްޕްރެސާ ރޫމެއްވެސް ހަދާފައިވެ އެވެ.

މީގެ އިތުރުން މަތީ ޑެކްގައި ވީލް ހައުސްގެ އިތުރަށް މާސްޓާ އަދި އިންޖިނިއާ އަށް ހާއްސަ ރޫމަކާއި އިތުރު ހަތަރު މީހުންގެ ޖާގައިގެ ތިން ކޮޓަރި ހިމެނެ އެވެ. މި އުޅަނދާއެކު އިމަޖޭންސީގައި ބޭނުންކުރުމަށް ހާއްސަ ޑިންގީއެއްވެސް މި އުޅަނދުގައިވެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއުޅަނދުގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާނެ މީހުން ހޯދުމަށް އީޕީއޭއިން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި އުޅަނދު ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އިންސްޕެކްޝަން އަދި ޓްރަޔަލްގެ މަސައްކަތް ނިމި ރާއްޖެ ގެނެސް މިކަމަށް ހާއްސަަކޮށްގެން ބާއްވާ ރަސްމިއްޔާތެއްގައި ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މިވަގުތު މިއުޅަނދު އޮތީ ކޮންޓްރެކްޓާ ވިޖޭ މެރައިންގެ ބެލުމުގެ ދަށުގަ އެވެ. "ތިމާވެށި" ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ މި ހިނގާ މެއި މަހުގެ ފަހުކޮޅު އެވެ.