ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުތައް ހަރުދަނާކުރުމުގެ ގޮތުން ކަމާ ގުޅޭ ބިލެއް ޑްރާފްޓް ކުރުމަށްފަހު ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.
ބަންޑާރަނައިބް އޮފީހުން އެކުލަވާލާފައިވާ ބިލްގައި ހައްޖަށް މީހުން ގެންދިއުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ކުންފުނިތަކަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލްކުރުމުގައި އަމަލުކުރާނެ ގޮތްތްތަކާއި މީހުން ހައްޖަށް ގެންދިއުމުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ހައްޖުވެރިންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތް ބަޔާންކޮށްފައިވެ އެވެ.
ބިލްގެ ޑްރާފްޓް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ބަންޑާރަނައިބްގެ އޮފީހުން ބުނީ ކުންފުނިތަކުން ހިދުމަތް ދޭންޖެހޭ އަސާސީ މިންގަނޑާއި ހައްޖަށް ދާން ބޭނުންވާ މީހުންގެ އަތުން ފައިސާ ނެގުމުގައި އަމަލުކުރާނެ ގޮތްވެސް ބިލްގައި ހިމަނާފައިވާނެ ކަމަށެވެ.
ބަންޑާރަނައިބްގެ އޮފީހުން ބުނީ އިސްލާމިކް މިނިސްޓްރީގެ ޒިންމާއާއި މަސްއޫލިއްޔަތާއި ގަވައިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި އިޖުރާއަތްތައް ހިންގާނެ ގޮތްތައް ވެސް ބިލްގައި ހިމަނާފައިވާ ކަމަށެވެ.
ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުތައް ހަރުދަނާކުރުމާ ގުޅޭ ބިލެއް އެކުލަވާލާފައި މިވަނީ ބައެއް ކުންފުނިތަކުން ހައްޖާއި އުމުރާއަށް މީހުން ގެންދިއުމަށް ކަމަށް ބުނެ އެތައް މިލިއަން ފައިސާއެއް ނެގުމަށްފަހު ހިޔާނާތްތެރިވެފައިވާ އެތައް މައްސަލަ ކުރިމަތިވެފައި ވަނިކޮށެެވެ.
މިފަދަ ބައެއް މައްސަލަތަކުގައި ބައެއް މީހުންނަށް ދައުވާކޮށް އަދަބުވެސް ދީފައިވެ އެވެ. ނަމަވެސް މިހާރުވެސް ބައެއް ކުންފުނިތަކަށް މީހުން ހައްޖާއި އުމުރާއަށް ގެންދިއުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނަގާ މައްސަލަތައް ބައެއް އާންމުން ގެންދަނީ ފާހަގަކުރަމުންނެވެ.