ހަބަރު

ނަޝީދު ދޫކޮށްލުމުން ޖޯންކެރީ ސަރުކާރަށް މަރުހަބާ ވިދާޅުވެއްޖެ

Jan 19, 2016
2

ޖަލު ހުކުމެއް ތަންފިޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސް ފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދިނުމުން އެމެރިކާގެ ހާރިޖީ ވަޒީރު ޖޯންކެރީ އެ ނިންމުމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދު މިރޭ ރާއްޖެއިން ފުރާވަޑައިގަތްތާ މާގިނަ އިރެއް ނުވެ، ޖޯން ކެރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން ދޫކޮށްލުމަކީ ސަރުކާރުން ރަނގަޅު މިސްރާބަކާ ދިމާލަށް އެޅިފިޔަވަޅެއް ކަމަށެވެ. އޭނާ ވަނީ ހުރިހާ ފަރާތްތަކަކާ ވެސް ގުޅިގެން ރާއްޖޭގެ ޑިމޮކްރަސީއަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް މިހާރަށް ވުރެ ގިނަ މަސައްކަތްތަކެއް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވައިފަ އެވެ.

ރައީސް ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަނަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ މިރޭ 9:15 ގައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓުންނެވެ. އެމަނިކުފާނު ސްރީލަންކާގައި މިރޭ މަޑުކުރެއްވުމަށް ފަހު އިނގިރޭސިވިލާތަށް ދަތުރު ފައްޓަވާނީ މާދަމާ މެންދުރުގެ ވަގުތެއްގަ އެވެ. އެމަނިކުފާނަށް ބޭސްފަރުވާއަށް ދީފައި ވަނީ 30 ދުވަހެވެ. އެހެން ނަމަވެސް ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުން އެ މުއްދަތު އިތުރު ކުރެވޭނެ އެވެ.

އެމަނިކުފާނާ އެކު ބޭބެ، ޑރ. އަހުމަދު ނާޝިދު އާއި ނަޝީދުގެ ލޯޔަރުންގެ ތެރެއިން ހިސާން ހުސެން އާއި ހަސަން ލަތީފު ވެސް ސްރީލަންކާއަށް ވަޑައިގެންނެވި އެވެ.

ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ދިޔުމުގެ ހުއްދަ މިދިނީ ބޭރުގެ ގައުމުތަކުން އައި ފިއްތުންތަކުގެ ސަބަބުން ކަމަށް ނަޝިދުގެ ލޯޔަރުން ވިދާޅުވެ އެވެ. އެހެން ނަމަވެސް ސަރުކާރުން އެކަމާ އެއްޗެއް ނުބުނެ އެވެ.