ބާ ކައުންސިލް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާ އިމްތިހާނެއް ބާއްވައިފި

Nov 19, 2022

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް މިއަދު ރާއްޖޭގައި ބާ އިމްތިހާން ބާއްވައިފި އެވެ.

ދެ ސެޝަނަކަށް ބަހާލައިގެން މާލެ އަދި އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ބާ އިމްތިހާނުގައި 176 މީހަކު ރަޖިސްޓްރީކޮށް އޭގެ ތެރެއިން 98.3 އިންސައްތަ މީހުން ވަނީ އިމްތިހާނަށް ހާޒިރުވެފަ އެވެ.

އަހަރަކު އެއް ފަހަރު ބޭއްވުމަށް ކަނޑައަޅާފައިވާ ބާ އިމްތިހާނުގެ މަގުސަދަކީ ގާނޫނީ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކުގައި ހުންނަންޖެހޭ އަސާސީ މިންގަނޑު ކަނޑައަޅައި، ފެންވަރު ވަޒަންކުރުމެވެ.

ބާ އިމްތިހާން އިންތިޒާމު ކުރާ ބާ ކައުންސިލުން ބުނީ މި އިމްތިހާނު މެދުވެރިކޮށް މި ދާއިރާއަށް އަލަށް ނުކުންނަ މީހުންނަށް ގާނޫނީ މަފްހޫމުތައް އެނގޭ މިންވަރާއި ގާނޫނީ މައްސަލަ ދެނެގަތުމުގެ ގާބިލިއްޔަތުކަން ހުރި މިންވަރާއި، ގާނޫނީ ހިދުމަތް ދިނުމަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަނެވޭނެ ކަމަށެވެ. ބާ އިމްތިހާނަކީ ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުއްދަ ދޫކުރުމަށް ބޭނުންކުރާ "މިނިމަމް ބެންޗްމާކް" ކަމަށްވެސް ބާ އެސޯސިއޭޝަނުން ބުނެ އެވެ.

ޔޫއެސްއެއިޑް، އޭބީއޭ، ކެޕްލާން އަދި އެންސީބީއީގެ އެހީތެރިކަމާއެކު ބޭއްވި އިމްތިހާނަކީ މަލްޓިޕްލް-ޗޮއިސް ފޯމެޓަށް 120 ސުވާލު ހިމެނޭ އިމްތިހާނެކެވެ. އިނގިރޭސި އަދި ދިވެހި ބަހުން ފަރުމާކުރެވިފައިވާ މި އިމްތިހާނުގެ ސިލަބަސް އެކުލަވާލާފައިވަނީ ބާ އިމްތިހާނުގެ ކޮމިޓީ އޮފް އެކްސްޕާޓުންނެވެ. މިއަހަރުގެ ބާ އިމްތިހާނުގައި ހިމެނިފައިވާ މާއްދާތަކަކީ ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ، އަދި މޯލްޑިވްސް ލީގަލް ސިސްޓަމް އެވެ.

ބާ އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާ މީހުން އިމްތިހާނަށް ތައްޔާރުކުރުމަށްޓަކައި ބާ ކައުންސިލުން ދުރާލައި ހާއްސަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެގޮތުން މި އިމްތިހާނަށް ކެންޑިޑޭޓުން ތައްޔާރުކުރުމަށްޓަކައި މިއަހަރު ޖުމްލަ 18 ލެކްޗަރެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ބާ އިމްތިހާނުން ފާސްވުމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުއްދަ ދޫކުރުވޭ ދެ ޝަރުތުގެ ތެރެއިން އެއް ޝަރުތެވެ. ގާނޫނީ ފަންނުގެ ދަށުން ލާޒިމުކުރާ ދެވަނަ ޝަރުތަކީ ލައިސަންސިން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމެވެ.