ދިރާގު

ދިރާގު ޓީވީން އެޗްޑީކޮށް ވޯލްޑް ކަޕް ބަލާލެވޭނެ

ފީފާ ވޯލްޑް ކަޕް ގަތަރުގެ ހުރިހާ މެޗުތަކެއް ދިރާގު ޓީވީގެ ރެޒިޑެންޝަލް ކަސްޓަމަރުންނަށް ވަގުތުން ބަލާލެވޭ ގޮތް ދިރާގުން ހަދައިފި އެވެ.

ދިރާގުން ބުނީ ދިރާގު ޓީވީ މެދުވެރިކޮށް ޔެސް ޓީވީ އަދި ރާއްޖެ ޓީވީން އެޗްޑީކޮށް ވޯލްޑް ކަޕްގެ މެޗުތައް ފެންނާނެ ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ކޮންޓެންޓް ރައިޓްސް ދިރާގަށް ލިބިފައިވާ ގޮތުން ވޯލްޑް ކަޕްގެ މެޗުތައް ދިރާގު ޕްލޭ މޮބައިލް އެޕްލިކޭޝަނުން ނުފެންނާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުގެ އަމާޒަކީ މިއަހަރުގެ އެންމެ ބޮޑު ފުޓްބޯޅަ އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގު ޓީވީގެ ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ވޯލްޑްކަޕަށް ހާއްސަކޮށްގެން "ދިރާގު ފުޓުބޯޅަ އީދު"ގެ ނަމުގައި ދިރާގުން ވަނީ ޕްރޮމޯޝަންތަކެއްވެސް ފަށާފަ އެވެ.

އެގޮތުން ދިރާގުގެ ފުރަތަމަ ޕްރޮމޯޝަނަކީ "ޖެހީ ލިބުނީ"ގެ ނަމުގައި ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިފައިވާ ޕްރޮމޯޝަނެކެވެ. ޖެހީ ލިބުނީ ޕްރޮމޯޝަންގައި ބައިވެރިވުމަށް ދިރާގުގެ ވެބްސައިޓުގައި ޖެހީ ލިބުނީ ޕްރޮމޯޝަނަށް ހާއްސަ ޕޭޖުގައި ރަޖިސްޓާ ކޮށްލުމުން ނިމުނީ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. ރަޖިސްޓަ ކުރަން ޖެހޭނީ އެންމެ ފަހަރަކު ކަމަށާއި ބޭނުންވާ މައުލޫމާތު ތަކަކީ އީމެއިލް އެޑްރެސްއާއި ފޯނު ނަންބަރާއި ސަޕޯޓު ކުރާ ޓީމެވެ.

މި ޕްރޮމޯޝަނުގައި އެމީހަކު ސަޕޯޓް ކުރާ ޓީމް ކުޅޭ ކޮންމެ މެޗެއްގައި އެ ޓީމު ޖަހާ ކޮންމެ ގޯލަކަށް އެއް ޖީބީ ޑޭޓާ ހިލޭ ލިބިގެން ދާނެ އެވެ. އެގޮތުން ފަސް ޖީބީ އާހަމައަށް ޑޭޓާ ލިބޭނެ އެވެ.