ކުޅިވަރު

ޗުއަމެނީ: ފުރަތަމަ ފަހަރުވެސް ބޮޑު ޒިންމާއެއް

ނަން: އައުރެލިން ޗުއަމެނީ އުފަންތާރީހް: 27 ޖެނުއަރީ 2000 (22 އަހަރު) ގައުމު: ފްރާންސް ކްލަބް: ރެއާލް މެޑްރިޑް މަގާމް: މިޑްފީލްޑަރ

އައުރެލިން ޗުއަމެނީ އަކީ ވޯލްޑް ކަޕަށް ނުކުންނަ ފްރާންސް ޓީމުގެ އުއްމީދީ ކުޅުންތެރިއެކެވެ. ޗުއަމެނީ އަންނަނީ 16 އަހަރުން ދަށުން ފެށިގެން ފްރާންސް ތަމްސީލުކުރަމުންނެވެ. ފްރާންސްގެ ސީނިއާ ޓީމުން 2021 ވަނަ އަހަރު ފުރުސަތު ހޯދައި މިހާތަނަށް 14 މެޗު ކުޅެފައިވެ އެވެ.

ކްލަބް ލެވެލްގައި ޗުއަމެނީ އެންމެ ފުރަތަމަ ފެނުނީ ފްރާންސްގެ ބޯޑޯ އިންނެވެ. އެ ކްލަބް ދޫކޮށް 2020 ވަނަ އަހަރު ޗުއަމެނީ ބަދަލުވީ މޮނާކޯ އަށެވެ. މޮނާކޯގައި ޗުއަމެނީގެ ކުޅުން ފާހަގަކުރެވި ރެއާލުން އޭނާގެ ސޮއި ހޯދީ މިއަހަރުގެ ޖޫން މަހު އެވެ. ރެއާލުން ޗުއަމެނީ އަށް ދެއްކި އަގު 105 މިލިއަން ޑޮލަރަށް އަރަ އެވެ.

މި ސީޒަނުގައި ޗުއަމެނީ އަންނަނީ ރެއާލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ގިނަ މެޗުތަކެއް ކުޅެމުންނެވެ. ރެއާލްގައި ދައްކަމުން އަންނަ ކުޅުމާ އެކު ވޯލްޑް ކަޕްގައި ވާދަކުރާ ފްރާންސް ޓީމުގައި ޗުއަމެނީ މުހިއްމު ދައުރެއް އަދާކުރާނެކަމަށް ބެލެވެ އެވެ. ހާއްސަކޮށް އަނިޔާގެ ސަބަބުން އެންގޯލޯ ކާންޓޭ އަށް ވޯލްޑް ކަޕްގައި ނުކުޅެވޭތީ އެތަން ފޫބައްދަން ޗުއަމެނީ އަށް ފުރުސަތު ދޭނެކަމަށް ބެލެވެ އެވެ.

ޗުއަމެނީ ވަނީ މިދިޔަ އަހަރު ފްރާންސް އިން ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބު ކުރިއިރު ފައިނަލް މެޗުގައި ސްޕެއިންއާ ދެކޮޅަށް ކުޅެފަ އެވެ. މީގެ އިތުރުން ނޭޝަންސް ލީގުގައި މިއަހަރު ކުޅުނު ހަ މެޗުގައި ވެސް ޗުއަމެނީ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިފަ އެވެ. ގަތަރު ވޯލްޑް ކަޕަށް ފްރާންސް ކޮލިފައިވިއިރު ޗުއަމެނީ ވަނީ ފަސް މެޗުގައި ކުޅެފަ އެވެ.

ފުރަތަމަ ވޯލްޑް ކަޕަށް ނުކުންނައިރު ތަށި ދިފާއުކުރަން ޗުއަމެނީ އަދާކުރަން އޮތީ ބޮޑު ޒިންމާއެކެވެ.