ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖީއެސްޓީ ބޮޑުކުރުމުގެ އިސްލާހު ތަސްދީގުކޮށްފި

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ގާނޫނަށް ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގްކުރައްވައިފި އެވެ.

ރައީސް އެ ބިލު ތަސްދީގު ކުރެއްވުމުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ނަގާ އިންސައްތަ ބޮޑުވެގެންދާނެ އެވެ.

މިހާރު ހަ އިންސައްތައިގައި ނަގަމުން އަންނަ ޖީއެސްޓީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނަގާނީ އަށް އިންސައްތައިގަ އެވެ. 12 އިންސައްތައިގައި ނަގަމުން އަންނަ ޓީޖީއެސްޓީ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ނަގާނީ 16 އިންސައްތައިގަ އެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް ޓެކްސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ނޮވެމްބަރު 16ވަނަ ދުވަހު އެވެ. ޓެކްސް ބޮޑުކުރަން ފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވިއިރު ބިލު ފާސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވި އެވެ. ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރުމާ ދެކޮޅަށް އެމްޑީޕީގެ 14 މެންބަރުން ވޯޓު ދެއްވި އެވެ.

ޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ބިލުގެ ކޮމިޓީ މަރުހަލާގައި މަޓީ، މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ޓެކްސް ބޮޑުކުރަން ދެކޮޅު ހަދާފަ އެވެ.