ކުޅިވަރު

އެމްބާޕޭ: ފުރާވަރުގައި ހޯދި ކާމިޔާބީ ދަމަހައްޓަން ފައްކާވެފައި

ކިލިއަން އެމްބާޕޭ އަކީ މި ޖީލުގައި އަރަމުން އަންނަ އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ޒުވާން އުމުރުގައި އެމްބާޕޭ ވޯލްޑް ކަޕްގައި ކުޅޭ މިއީ ދެވަނަ ފަހަރެވެ. އޭނާގެ ފުރަތަމަ ވޯލްޑް ކަޕްގައި އުމުރުން އެންމެ 19 އަހަރުގައި ދެއްކީ އާދަޔާހިލާފު މޮޅު ކުޅުމެކެވެ. 2018 ވަނަ އަހަރުގެ ރަޝިއާ ވޯލްޑް ކަޕް ފްރާންސް ކާމިޔާބު ކުރިއިރު ހަތަރު ގޯލު ޖަހައި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި އެވެ. ފައިނަލުގައި ލަނޑު ޖަހައި އެމްބާޕޭ ވެފައިވަނީ ޕެލޭ އަށް ފަހު ވޯލްޑް ކަޕް ފައިނަލެއްގައި ގޯލު ޖެހި ޓީންއޭޖް ފުރަތަމަ ކުޅުންތެރިޔާއަށެވެ. ވޯލްޑް ކަޕްގެ އިތުރުން 21-2020 ވަނަ ސިޒަނުގެ ޔޫއެފާ ނޭޝަންސް ލީގު އެމްބާޕޭ ފްރާންސާ އެކު ހޯދި އެވެ. އަދި ޒުވާން ގައުމީ ޓީމާ އެކު 2016 ވަނަ އަހަރު އަންޑަ 19 ޔޫރަޕިއަން ޗެމްޕިއަންޝިޕް އެމްބާޕޭ ހޯދި އެވެ.

ފްރާންސްގެ މޮނާކޯ އިން ވިދާލައި އެމްބާޕޭ މިހާރު ކުޅޭ ކްލަބް ޕީއެސްޖީ އަށް 2017 ވަނަ އަހަރު އެންމެ ފުރަތަމަ ބަދަލުވީ ލޯނު އުސޫލުންނެވެ. އޭގެފަހުން ބޮޑުއަގު ދީފައި ޕީއެސްޖީ އިން އެމްބާޕޭގެ އެއްބަސްވުން ދާއިމީކުރި އެވެ. ޕީއެސްޖީއާ އެކު އެމްބާޕޭ ވަނީ ފްރެންޗް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. ލީގުގެ އިތުރުން ފްރެންޗް ކަޕާއި ފްރެންޗް ލީގު ކަޕް ވެސް އެމްބާޕޭ ޕީއެސްޖީއާ އެކު ހޯދި އެވެ.

އެމްބާޕޭގެ އިންޑިވިޖުއަލް ކާމިޔާބީތަކަށް ބަލާއިރު އޭނާ ވަނީ 2017 ވަނަ އަހަރުގެ ގޯލްޑެން ބޯއީގެ މަގާމާއި ފްރާންސް ފުޓްބޯޅައިން ހޮވާ 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 2018 ވަނަ ހޯދާފަ އެވެ. މީގެ އިތުރުން ނޭޝަންސް ލީގު ކާމިޔާބު ކުރިއިރު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ އެމްބާޕޭ އެވެ. ފްރެންޗް ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭ ވަނީ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް މިދިޔަ ހަތަރު ސީޒަނުގައި ވެސް ހޯދާފަ އެވެ. މީގެ އިތުރުން ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 2018 އަދި 2019 ވަނަ އަހަރު ހޯދި އެވެ.

2017 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައި މިހާތަނަށް އެގައުމަށް ކުޅުނު 59 މެޗުގައި އެމްބާޕޭ ވަނީ 28 ގޯލު ޖަހައިފަ އެވެ. ފުރަތަމަ ވޯލްޑް ކަޕްގައި އެމްބާޕޭ ހަތަރު ގޯލު ޖެހީ ހަތް މެޗުގަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ޔޫރޯގައި ފޯމު ދަށްވެ ކުޅުނު ހަތަރު މެޗުގައި ވެސް އެމްބާޕޭ އަށް ގޯލެއް ނުޖެހުނެވެ. މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އެމްބާޕޭ ވަނީ ކުޅުނު ހަ މެޗުގައި ފަސް ގޯލު ޖަހައި ދެ ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.

ވޯލްޑް ކަޕަށް ނުކުންނައިރު އެމްބާޕޭ ހުރީ ރަނގަޅު ފޯމެއްގަ އެވެ. ސީޒަނުގެ ފުރަތަމަ 20 މެޗުގައި އެމްބާޕޭ ވަނީ 19 ގޯލު ޖަހައިފަ އެވެ. ލީގުގައި 12 ގޯލު ޖެހިއިރު ޗެމްޕިއަންސް ލީގުގައި ވަނީ ހަތް ގޯލު ޖަހައިފަ އެވެ.