ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީގައި މިއަދު ހަވީރު ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާއާ ވާދަކުރި މެޗު 1-2 އިން ސައުދީ އަރަބިއާ ކާމިޔާބުކޮށްފި އެވެ.
ފޭވަރިޓުންގެ ގޮތުގައި މުބާރާތަށް ނުކުތް އާޖެންޓީނާ ފުރަތަމަ މެޗުން ބަލިވުމަކީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ބޮޑު ހައިރާން ކަމެވެ. ވޯލްޑް ކަޕަށް ނުކުތްއިރު ފޯމުގެ ގޮތުން ވެސް ދެޓީމުގެ މެދުގައި ބޮޑު ފަރަގެއް އޮތެވެ. އާޖެންޓީނާ ދުނިޔޭގެ ރޭންކިންގެ ތިން ވަނައިގައި އޮތްއިރު ސައުދީ އޮތީ 51 ވަނައިގަ އެވެ.
ސައުދީގެ މި މޮޅަކީ އެޓީމަށް ވޯލްޑް ކަޕްގައި ލިބުނު ހަތަރު ވަނަ މޮޅެވެ. ވޯލްޑް ކަޕްގައި ކުޅުނު 17 މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗު އެޓީމު ކާމިޔާބުކުރީ 1994 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އޭގެފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް މުބާރާތުގައި އެއް މެޗު ކާމިޔާބުކުރި އެވެ.
އާޖެންޓީނާ ވޯލްޑް ކަޕާ ކުރިމަތިލީ ބަލިނުވެ 36 މެޗު ކުޅުމަށް ފަހު އެވެ. މިއަދުގެ ކުރިން އެޓީމު މެޗަކުން ބަލިވީ 2019 ވަނަ އަހަރު އެވެ. މިއަދުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ބަލިނުވެ އިޓަލީން ހެދި 37 މެޗުގެ ރެކޯޑާ އެއްވަރުވީހެވެ. އެކަމަކު މެޗުން ބަލިވެ ރެކޯޑް ގެއްލި، އާޖެންޓީނާ އަށް މިހާރު މިވަނީ ވަރުގަދަ ޕްރެޝަރަކާ ކުރިމަތިވެފަ އެވެ.
މިއަދުގެ މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ލިއޮނެލް މެސީގެ ޕެނަލްޓީއަކުން އާޖެންޓީނާ ވަނީ ގޯލު ޖަހައިފަ އެވެ. އޭގެފަހުން އެޓީމުން އިތުރު ދެ ގޯލު ޖެހި ނަމަވެސް އޮފްސައިޑްވުމުން އެ ގޯލުތައް ގަބޫލެއްނުކުރި އެވެ. މި ހާފުގައި ސައުދީގެ ޑިފެންސުން ޖާގަ ހޯދައި ހުސް ފުރުސަތުތަކެއް އާޖެންޓީނާ އިން ތަނަވަސްކުރި އެވެ.
ސައުދީ އިން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގެ ކުރީކޮޅު އެވެ. ފުރަތަމަ ލަނޑު 49 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލް-ޝެހްރީ އެވެ. 53 ވަނަ މިނެޓުގައި ސައުދީގެ ދެވަނަ ގޯލު ޖަހައިދިނީ އަލް-ދައުސަރީ އެވެ. މިއީ އާޖެންޓީނާގެ ތިން ވަރަކަށް ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ދައުސަރީ ޖެހި ހިތްގައިމު ގޯލެވެ.
މެޗުގެ ފަހުކޮޅު އާޖެންޓީނާ އިން ވަނީ ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އެކަމަކު ސައުދީގެ ޑިފެންޑަރުންނާއި ގޯލްކީޕަރު މުހައްމަދު ޚަލީލް ވަނީ އެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ވޯލްޑް ކަޕްގެ ދެވަނަ މެޗުގައި އާޖެންޓީނާ މި މަހުގެ 27 ވަނަ ދުވަހު ނުކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. ފަހު މެޗުގައި ކުޅޭނީ ޕޮލެންޑާ އެވެ.