ކުޅިވަރު

ޓިއުނީޝިއާ އިން ޑެންމާކާ އެއްވަރުކޮށްފި

ފީފާ ވޯލްޑް ކަޕްގައި މިރޭ ޓިއުނީޝިއާ އިން ޑެންމާކާ ވާދަކުރި މެޗު 0-0 އިން އެއްވަރުކޮށްފި އެވެ.

މިއީ މިފަހަރުގެ މުބާރާތުގައި ގޯލެއް ނުޖެހި ނިމުނު ފުރަތަމަ މެޗެވެ. މެޗު އެއްވަރުވިއިރު ދެޓީމުގެ ފަރާތުން ފެނުނީ ވެސް ހަމަހަމަ ކުޅުމެކެވެ. ޓިއުނީޝިއާ އާއި ޑެންމާކްގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ ފްރާންސާއި އޮސްޓްރޭލިއާ އެވެ.

މިރޭގެ މެޗު ފަށައިގެން މޮޅަށް ކުޅުނީ ޑެންމާކުންނެވެ. އެކަމަކު ޓިއުނީޝިއާ އިން ވަނީ ކުޅުން ރަނގަޅުކޮށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. އެޓީމުގެ އިސާމް ޖެބާލީ އަށް އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން ޑެންމާކްގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ޑެންމާކަށް ތަނަވަހެއް ނުކުރެވުނެވެ.

ދެވަނަ ހާފުގައި ވެސް ޑެންމާކުން ވަނީ ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. މި ހާފުގައި އެންމެ ހުސް ފުރުސަތު ލިބުނީ ޑެންމާކަށެވެ. އެޓީމުން ނެގި ކޯނަރެއް ކްރިސްޓިއެން އެރިކްސެން ބޮލުން ޖެހި ބޯޅަ ލިބުނީ ހުސްކޮށްހުރި އަންދްރޭސް ކޯނީލިއަސް އަށެވެ. އެކަމަކު އޭނާގެ ބޮލުގައި ލައްވާ ނުލައި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އެވަގުތު ޑެންމާކުގެ ޑިފެންޑަރު ބޯޅަ ދިފާއުކޮށްފަ އެވެ.

އެ ހަމަލާގެ އިތުރުން ކްރިސްޓިއަން އެރިކްސެން އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ޓިއުނީޝިއާގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ.

ގްރޫޕުގެ ދެވަނަ މެޗުގައި ޑެންމާކް ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ. ޓިއުނީޝިއާ ކުޅޭނީ އޮސްޓްރޭލިއާ އެވެ. މި ދެ މެޗުގެ ކުރިން އޮސްޓްރޭލިއާ އާއި ފްރާންސް ވާދަކުރާ މެޗު މިރޭ 12 ޖަހާއިރު ކުޅޭނެ އެވެ.