އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ގަތަރު ފީފާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ 4-1 އިން އޮސްޓްރޭލިއާ ބަލިކޮށްފި އެވެ.
މުބާރާތަށް ފްރާންސް ނުކުތްއިރު އެޓީމަށް ކުރިމަތިވި މައްސަލައަކީ އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް މުބާރާތުގައި ނުކުޅެވުމެވެ. 2018 ވަނަ އަހަރު ރަޝިއާގައި އޮތް މުބާރާތް ކާމިޔާބުކުރި ޓީމުގައި ހިމެނުނު މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އެންގޯލޯ ކާންޓޭ އާއި ޕައުލް ޕޮގްބާ އަށް އަނިޔާވެ މިފަހަރު ނުކުޅެވެ އެވެ. އަނެއްކޮޅުން ވޯލްޑް ކަޕް ފެށެން ދެ ދުވަހަށް ވެފައިވަނިކޮށް މުހިއްމު ފޯވާޑް ކަރީމް ބެންޒެމާ އަށް އަނިޔާވެ ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ޔަގީންވި އެވެ.
ރޭގެ މެޗު ފަށައިގެން ފްރާންސަށް އަނިޔާގެ އިތުރު މައްސަލައެއް ކުރިމަތިވި އެވެ. އެއީ ވޯލްޑް ކަޕް ހޯދި ޓީމުގައި ހިމެނުނު ޑިފެންޑަރު، ލޫކަސް ހެނާންޑޭޒް އަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ. އެކަމަކު ބަދަލުގައި ކުޅެން އެރި ތިއޯ ހެނާންޑޭޒް ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި އޮސްޓްރޭލިއާ އިން ވަނީ ގޯލު ޖަހައި ފްރާންސް ސިއްސުވާލާފަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރައިގް ގުޑްވިން އެވެ. އެކަމަކު ފްރާންސުން ވަނީ މޮޅަށް ކުޅެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އަނބުރާލާފަ އެވެ. ފްރާންސްގެ ފުރަތަމަ ގޯލު ތިއޯ ހެނާންޑޭޒްގެ ހުރަހަކުން ޖެހީ އެޑްރިއެން ރަބިއޯ އެވެ. އޭގެ ފަސް ވަރަކަށް މިނެޓު ފަހުން ރަބިއޯގެ އެހީތެރިކަމާ އެކު އޮލިވިއޭ ޖިރޫޑް ވަނީ ފްރާންސަށް ލީޑު ފުޅާކޮށްދީފަ އެވެ.
ފްރާންސް ދެވަނަ ހާފުގައި ވެސް ފެނުނީ ވަރުގަދަކޮށެވެ. މި ހާފުގައި އެޓީމުން އިތުރު ދެގޯލު ޖެހި އެވެ. ފްރާންސްގެ ތިންވަނަ ލަނޑު 68 ވަނަ މިނެޓުގައި އުސްމާން ޑެމްބެލޭގެ އެހީތެރިކަމާ އެކު ޖެހީ ކިލިއަން އެމްބާޕޭ އެވެ. ފަހު ލަނޑު 71 ވަނަ މިނެޓުގައި ޖިރޫޑް ޖެހީ އެމްބާޕޭގެ ހުރަހަކުންނެވެ.
ރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު ޖިރޫޑް ވަނީ ފްރާންސްގެ ތާރީހުގައި ލަނޑު ލިސްޓުގައި އެއްވަނައިގައި އޮތް ތިއެރީ އޮންރީގެ ރެކޯޑާ ހަމަކޮށްފަ އެވެ. މި ދެކުޅުންތެރިން ވެސް ފްރާންސަށް 51 ގޯލު ވަނީ ޖަހައިދީފަ އެވެ. އިތުރު ގޯލެއް ޖަހައިގެން ފްރާންސްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ޖިރޫޑަށް ލިބޭނެ އެވެ. ބާކީ މެޗުތަކެއް ހުރުމާ އެކު މި ރެކޯޑް ޖިރޫޑް ހެދުމުގެ ފުރުސަތު ބޮޑެވެ.
ވޯލްޑް ކަޕްގައި މިއަދު ވެސް ހަތަރު މެޗު ކުޅޭނެ އެވެ. ހަވީރު ތިނެއް ޖަހާއިރު ކުޅޭނީ ގްރޫޕް އެފްގައި ހިމެނޭ މޮރޮކޯ އާއި ކްރޮއޭޝިއާ އެވެ. މި ގްރޫޕުގައި ދެން ހިމެނޭ ބެލްޖިއަމް އާއި ކެނެޑާގެ މެޗު ފަށާނީ މިރޭ މެންދަމު 12 ޖަހާއިރު އެވެ. މިއަދު ހަވީރު ހައެއް ޖަހާއިރު ކުޅޭނީ ގްރޫޕް އީގައި ހިމެނޭ ޖަރުމަނާއި ޖަޕާން އެވެ. ގްރޫޕް އީގައި ހިމެނޭ ސްޕެއިން އާއި ކޮސްޓަ ރީކާ ވާދަކުރާ މެޗު ފަށާނީ ރޭގަނޑު ނުވައެއް ޖަހާއިރު އެވެ.