ކުޅިވަރު

ކޭންގެ އަނިޔާ ސީރިއަސްތޯ ބަލަން ސްކޭނެއް ހަދަނީ

މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އިންގްލެންޑް ވަނީ 6-2 އިން އީރާން ބަލިކޮށްފަ އެވެ. ކޭންގެ ކަކުލަށް އަނިޔާވީ ދެވަނަ ހާފުގެ ކުރީކޮޅު އެވެ. ފަހުން ކޭން ބާލައި، ބަދަލުގައި ކަލުމް ވިލްސަން ކުޅެން އެރުވި އެވެ.

ވޯލްޑް ކަޕްގެ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު އިންގްލެންޑް ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި އެމެރިކާ އާއި ވޭލްސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ކޭންގެ އަނިޔާގެ ސީރިއަސްކަން އެނގޭނީ ސްކޭނަށް ފަހު އެވެ. ރިޕޯޓުތައް ބުނާގޮތުން ކޭންގެ އަނިޔާ ސީރިއަސްއެއް ނޫނެވެ. އެކަމަކު ގާތްގާތުގައި މެޗުތަކެއް ކުޅެން ޖެހޭތީ އެމެރިކާ މެޗުގައި ކޭން ބޭނުންކުރާނެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އެކަން ކަށަވަރުވާނީ މިއަދުގެ ސްކޭނަށް ފަހު އެވެ.

29 އަހަރުގެ ކޭން ވަނީ އިންގްލެންޑަށް ކުޅުނު 76 މެޗުގައި 51 ގޯލު ޖަހައިފަ އެވެ. އީރާން މެޗުގައި ގޯލެއް ނުޖެހުނު ނަމަވެސް ކޭން ވަނީ ދެ ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.
އިންގްލެންޑުގެ ލަނޑުގެ ލިސްޓުގެ އެއްވަނަ އަށް އަރަން ކޭން އަށް ބޭނުންވަނީ ތިން ގޯލެވެ. މިވަގުތު އިންގްލެންޑަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވަނީ 53 ގޯލާ އެކު ވޭން ރޫނީ އެވެ.

އަނިޔާގެ ސަބަބުން އީރާން މެޗުގައި ޖޭމްސް މެޑިސަން އާއި ކައިލް ވޯކާ އަށް ނުކުޅެވުނެވެ. އަދި، އެ މެޗުގެ ދެވަނަ ހާފުގައި އަނިޔާވެ ޑިފެންޑަރު ހެރީ މެގުއާ ވަނީ ބަދަލުކޮށްފަ އެވެ.
ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އަޒުމުގައި މުބާރާތާ ކުރިމަތިލި އިންގްލެންޑް ޓީމުގެ އެންމެ މުހިއްމު އެން ކުޅުންތެރިޔަކީ ކޭން އެވެ.

ކޭންގެ އަނިޔާ ސީރިއަސް ވެއްޖެނަމަ އެއީ އިންގްލެންޑަށް ފޫ ނުބެއްދޭނެ ވަރުގެ ގެއްލުމެކެވެ.