ކުޅިވަރު

ޓީމް ޕްރޮފައިލް: މޮރޮކޯ

  • ވޯލްޑް ކަޕްގައި ގްރޫޕް ސްޓޭޖުގެ އެއް ވަނަ ހޯދި އެފްރިކާގެ ފުރަތަމަ ގައުމު
  • މިއީ މޮރޮކޯ އިން ވޯލްޑް ކަޕްގައި ކުޅޭ ހަ ވަނަ ފަހަރު
  • ގްރޫޕުގައި ހިމެނެނީ، ބެލްޖިއަމް، ކެނެޑާ، ކްރޮއޭޝިއާ

ޓީމުގެ ތާރީހް

ވޯލްޑް ކަޕްގެ ތާރީޚުގައި މޮރޮކޯގެ ފުރަތަމަ ފެނިލުމަކީ 1970 ވަނަ އަހަރުގެ މުބާރާތެވެ. އޭގެފަހުން، 1986، 1994 އަދި 1998ގެ ވޯލްޑް ކަޕްގައި ވެސް ވާދަކުރި އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕާ އެ ޓީމު ކުރިމަތިލީ 20 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

މޮރޮކޯ އަކީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން، ވޯލްޑް ކަޕްގައި ތާރީހީ ނަތީޖާތަކެއް ނެރެފައިވާ އެއް ގައުމެވެ. އެގޮތުން، އެ ޓީމަކީ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި އެއް ވަނަ ހޯދި އެފްރިކާގެ ފުރަތަމަ ޓީމެވެ. މީގެއިތުރުން، ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ޓީމަކީ ވެސް މޮރޮކޯ އެވެ.

މޮރޮކޯ އިން މި ހުރިހާ ކާމިޔާބީއެއް ހާސިލްކުރީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މޮރޮކޯ ވަނީ ޕޯޗުގަލް އާއި އިންގްލެންޑް އަދި ޕޮލެންޑާ ވާދަކޮށް ގުރޫޕްގެ އެއް ވަނަ ހޯދާފަ އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މޮރޮކޯ ހިމެނުނީ ޕޯޗުގަލް އާއި ސްޕެއިން އަދި އީރާންއާ އެކު ގްރޫޕް ބީ ގަ އެވެ. ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުގައި އީރާން އާއި ޕޯޗުގަލް އަތުން ބަލިވީ 1-0 އިންނެވެ. ފަހު މެޗުގައި ސްޕެއިނާ 2-2 އިން އެއްވަރުކުރި އެވެ.

ކޮލިފައިވީ ކިހިނެއް؟

ކޮލިފައިން ގްރޫޕުގައި މޮރޮކޯ ވަނީ ކުޅުނު ހަ މެޗުން ވެސް މޮޅުވެފަ އެވެ. 20 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ގޯލެވެ. ތިންވަނަ ބުރުގައި އެޓީމު ވަނީ ފަސޭހަކަމާ އެކު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ބަލިކޮށް ވޯލްޑް ކަޕްގެ ޖާގަ ހޯދާފަ އެވެ. ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި މޮރޮކޯ ވަނީ ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ތިންވަނަ ބުރުގައި ކޮންގޯއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގްގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ދެވަނަ ލެގްގެ މެޗުން މޮރޮކޯ މޮޅުވީ 4-1 އިންނެވެ.

ހަކިމް ޒިޔެޗް

ކުރިން ނެދަލެންޑްސްގެ އަޔެކްސް އެމްސްޓެޑަމްގައި މޮޅު ކުޅުމެއް ދެއްކި ޒިޔެޗް މިހާރު ކުޅެމުން އަންނަނީ އިންގްލެންޑްގެ ޗެލްސީ އަށެވެ.

ކުރީގެ ކޯޗު ވާހިދު ހަލީލްހޮޒިޗްއާ ޖެހުނު މައްސަލައަކާ ގުޅިގެން މިދިޔަ އަހަރެއްހާ ދުވަހު ޒިޔެޗް ހުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެންނެވެ. ނަމަވެސް، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހަލީލްހޮޒިޗް މަގާމުން ދުރުކުރުމާއެކު މިހާރުގެ ކޯޗު ވަލީދު ރެގްރަގީ އެންމެ ފުރަތަމަ އެކުލަވާލީ ސްކޮޑުގައި ހިމެނުމުން ޒިޔެޗް ވަނީ އެ ހުށަހެޅުން ގަބޫލުކޮށް، އެންމެ ފަހުން މޮރޮކޯ ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ވެސް ބައިވެރިވެފަ އެވެ.

ޒިޔެޗް ވަނީ 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު މޮރޮކޯ ގައުމީ ޓީމަށް ކުޅުނު 40 މެޗުގައި 17 ލަނޑު ޖަހައިފަ އެވެ.

އަޝްރަފް ހަކީމީ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ފުލްބެކް އަޝްރަފް ހަކީމީ އަކީ މޮރޮކޯގެ ޑިފެންސްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. ކްލަބް ކެރިއަރުގައި ޔޫރަޕްގެ ގަދަބާރުތައް ކަމަށްވާ ރެއާލް މެޑްރިޑާއި އިންޓަ މިލާނަށް ކުޅެފައިވާ ހަކީމީ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެޓޭކިން ފުލްބެކުންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާ އެވެ.

ރެއާލްގެ ޔޫތު އެކަޑެމީން ވިދާލި ހަކީމީ އެންމެ ފުރަތަމަ މޮރޮކޯ ގައުމީ ޓީމަށް ކުޅުނީ 2016 ގަ އެވެ. އޭގެފަހުން، މިހާތަނަށް އައިއިރު އެ ޓީމަށް ކުޅެދިން 51 މެޗުގައި 8 ލަނޑު ޖަހާފައިވެ އެވެ. އޭނާ ވަނީ މިހާތަނަށް އެއް ވޯލްޑް ކަޕާއި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެ މުބާރާތުގައި މޮރޮކޯ ތަމްސީލްކޮށްފަ އެވެ.

ކޯޗު: ވަލީދު ރެގްރަގީ

ރެގްރަގީ ވަނީ މީގެ ކުރިން މޮރޮކޯގެ އެސިސްޓެންޓް ކޯޗުކަން ކުރުމުގެ އިތުރުން މޮރޮކޯ އަދި ގަތަރުގެ ބައެއް ކްލަބްތަކަށް އިރުޝާދުދީފަ އެވެ. މޮރޮކޯ ލީގުގެ ޗެމްޕިއަންކަން ތަފާތު ދެ ކްލަބާއެކު ހޯދިއިރު، އަލް ދުހައިލް ސްޕޯޓްސް ކްލަބާ އެކު ގަތަރުގެ ޗެމްޕިއަންކަން ހޯދި އެވެ. ރާބަތުއާ އެކު މޮރޮކަން ކަޕް އުފުލާލި އެވެ. އަދި ވައިދާދު ކަސަބްލަންކާ އާއެކު އެފްރިކާގެ ކްލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ސީއޭއެފް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ.