ކުޅިވަރު

ޓީމް ޕްރޮފައިލް: ކްރޮއޭޝިއާ

  • 1998 ވަނަ އަހަރު ތިންވަނަ ހޯދައި އެންމެ ފަހުގެ ވޯލްޑް ކަޕް ފައިނަލުގައި ކުޅުނު
  • މިއީ ކްރޮއޭޝިއާ އިން ވޯލްޑް ކަޕުގައި ކުޅޭ 6 ވަނަ ފަހަރު
  • ގްރޫޕުގައި ހިމެނެނީ، ބެލްޖިއަމް، ކެނެޑާ، މޮރޮކޯ

ޓީމުގެ ތާރީހް

ފީފާގެ މެމްބަރުކަން 1993 ވަނަ އަހަރު ރަސްމީކޮށް ހޯދައި ފުރަތަމަ ވޯލްޑް ކަޕް ކޮރޮއޭޝިއާ ކުޅުނީ 1998 ވަނަ އަހަރު އެވެ. އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ތިން ވަނަ މަގާމް ހޯދި އެވެ. ކްރޮއޭޝިއާގެ "ރަން ޖީލު"ގެ ގޮތުގައި ސިފަކުރެވުނު ކުޅުންތެރިންތަކަކާ އެކު، އެ އަހަރު ހޯދީ ކާމިޔާބީއާ އެކު ދުނިޔޭގެ ފުޓްބޯޅައިގައި ނަން ހިނގާނެ ގައުމެއްގެ ގޮތުގައި ކްރޮއޭޝިއާއާ މެދު ދެކެވުނެވެ.

އޭގެފަހުން ކުޅުނު ފަސް ވޯލްޑް ކަޕްގެ ތެރެއިން އެޓީމު ކޮލިފައި ނުވީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި އޮތް މުބާރާތަށެވެ. 2002، 2006 އަދި 2014 ވަނަ އަހަރު ގްރޫޕް ސްޓޭޖުގައި ވާދަކޮށް ކެޓީ އެވެ. އެކަމަކު ފުރަތަމަ ވޯލްޑް ކަޕްގައި ކުޅުނުތާ 20 އަހަރު ފަހުން 2018 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް އެގައުމު ދަތުރުކުރި އެވެ. ފައިނަލުގައި ފްރާންސް އަތުން ބަލިވީ 2-4 އިންނެވެ.

ކޮލިފައިވީ ކިހިނެއް؟

ކޮލިފައިންގައި ކްރޮއޭޝިއާ ބަލިވީ ހަމައެކަނި ސްލޮވީނިއާ އަތުންނެވެ. 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ ދެ މެޗު އެއްވަރުކުރި އެވެ. 10 މެޗުގައި އެޓީމު ކޮޅަށް ވަނީ ހަތަރު ގޯލެވެ. އަމިއްލަ ދަނޑުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުގައި ކްލީންޝީޓް ހޯދި އެވެ.

ފާހަގަކޮށްލެވޭ ކުޅުންތެރިން

އެންމެ ފަހުގެ ވޯލްޑް ކަޕްގެ ކާމިޔާބީ ތަކުރާރުކުރަން ކްރޮއޭޝިއާ ނުކުންނަނީ ތަޖުރިބާ އޮތް ޓީމަކާ އެކު އެވެ. އެޓީމުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ މިހާރު އުމުރުން 37 އަހަރުގެ ލޫކާ މޮޑްރިޗެވެ. މޮޑްރިޗަކީ އެގައުމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. މޮޑްރިޗްގެ އިތުރުން ވެސް ކްރޮއޭޝިއާ ޓީމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން އެބަތިއްބެވެ.

އިވާން ޕެރިސިޗް

ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ ޕެރިސިޗް އަކީ ވިންގްގެ އިތުރުން ވިންގް ބެކަށް ކުޅުމުގެ ގާބިލްކަން ހުރި ކުޅުންތެރިއެކެވެ. މީގެކުރީން، އޭނާ ވަނީ ޖަރުމަނު އަދި އިޓަލީ ލީގުގައި ކުޅެފަ އެވެ.

މިހާރު އުމުރުން 33 އަހަރުގެ ޕެރިސިޗް ގައުމީ ޓީމަށް ކުޅެން ފެށީ 2011 ވަނަ އަހަރުގަ އެވެ. މިހާތަނަށް އެ ޓީމަށް ކުޅެދިން 115 މެޗުގައި ވަނީ 32 ލަނޑު ޖަހައިފަ އެވެ. މި ފަހަރުގެ މުބާރާތަކީ ކްރޮއޭޝިއާއާ އެކު އޭނާ ނިކުންނަ ބޮޑު ހަ ވަނަ މުބާރާތެވެ. މީގެކުރިން، އޭނާ ވަނީ ދެ ވޯލްޑް ކަޕާއި، ޔޫރޯގެ ތިން މުބާރާތް ކުޅެފަ އެވެ.

މަޓެއޮ ކޮވަސިޗް

އިންޓަ މިލާން އާއި ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު ކޮވަސިޗް ޗެލްސީ އަށް 2018 ވަނަ އަހަރު ބަދަލުވީ ލޯނު އުސޫލުންނެވެ. އޭގެފަހުން އެޓީމުގެ އެއްބަސްވުން ޖެހިގެން އައި އަހަރު ދާއިމީ ކުރި އެވެ. ކްލަބް ލެވެލްގައި ކޮވަސިޗްގެ އެންމެ ބޮޑު ކާމިޔާބީއަކީ ރެއާލް މެޑްރިޑާއި ޗެލްސީއާ އެކު ހަތަރު ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. މީގެ އިތުރުން ކޮވަސިޗް ވަނީ ކްރޮއޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 2011 ވަނަ އަހަރު ހޯދައި ޗެލްސީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 20-2019 ވަނަ ސީޒަނުގައި ހޯދާފަ އެވެ.

ކޮވަސިޗް އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމު ތަމްސީލުކުރަމުންނެވެ. 28 އަހަރުގެ މިޑްފީލްޑަރު ގައުމީ ޓީމަށް ކުޅުނު 83 މެޗުގައި ތިން ގޯލު ވަނީ ޖަހާފަ އެވެ.

ކޯޗު: ޒްލަޓްކޯ ޑަލިޗް

ކޯޗިން ކެރިއަރު 2007 ގައި ފެށި ޑަލިޗް ވަނީ ކްރޮއޭޝިއާގެ ބައެއް ކްލަބުތަކާއި މެދުއިރުމަތީގެ ބައެއް ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ. ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ފައިނަލަށް ގެންގޮސްދިނުމާ އެކު ޑަލިޗް އަށް އިތުބާރު ބޮޑުވި އެވެ.

2017 ވަނަ އަހަރު ކްރޮއޭޝިއާއާ ހަވާލުވުމުގެ ކުރިން ޑަލިޗް ވަނީ ސައުދީ އަރަބިއާގެ އަލް ހިލާލް އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަލް އައިން އަށް ކޯޗުކޮށްދީފަ އެވެ.