ލިޔުނީ: އައްބާސް ހުސައިން
ގަތަރު ވޯލްޑް ކަޕްގެ މެޗުތައް ފޯރީގައި ކުރިއަށްދާއިރު ފުޓްބޯޅައަށް ޝައުގުވެރިވާ އެންމެންގެ މެދުގައިވެސް މިހާރު އެންމެ ބޮޑު ބަހުސެއް އޮތީ މުބާރާތުގެ ތަށި ގެންދާނެ ޓީމަކާމެދުގައެވެ. މުބާރާތުގެ ކުރިން ޗެމްޕިއަނުން ލަފާކުރުމަށް ތަފާތު ގޮތްތައް ބޭނުންކުރެވެ އެވެ.
ބައެއް މީހުން އެމީހުންގެ އަމިއްލަ ރައުޔު ނެރެމުންދާއިރު އަނެއްބަޔަކު ތަފާތު އެކި ވައްތަރުގެ ޖަނަވާރުތައް ބޭނުންކޮށްގެން ޗެމްޕިއަނުން ދެނެގަންނަ މަސައްކަތްކުރެ އެވެ. ސުޕަ ކޮމްޕިއުޓަރުގެ އެހީގައި މުބާރާތުގެ ނަތީޖާތައް ކަނޑައަޅައި ހާމަކުރާ ފަރާތްތައް ވެސް މަދެއްނޫނެވެ. މީގެއިތުރުން މިއަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމުތަކާއި، ވަކިވަކި ކުޅުންތެރިންނާއި ގުޅުވައިގެންވެސް ތަފާތު ހިޔާލުތައް ފާޅުކުރެވެމުން އެބަދެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ފުޓްބޯޅަ އެނަލިސްޓުން މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާނެ ޓީމަކާމެދު ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލައި އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް އެއްބަސްވާ ޓީމުތަކަށެވެ.
ބްރެޒިލް
ކޮންމެ ވޯލްޑް ކަޕެއް ފެށޭއިރު ވެސް ބްރެޒިލް އޮންނަނީ ފޭވަރިޓުންގެ ލިސްޓުގަ އެވެ. ގިނަފަހަރަށް އެންމެ ކުރީގަ އެވެ. އެގޮތުން މިފަހަރުވެސް ބްރެޒިލް ބެލެވިފައިވަނީ މި މުބާރާތުގެ ތަށި އުފުލާލުމުގެ ފުރުސަތު އެންމެ ބޮޑު އެއް ޓީމުގެ ގޮތުގަ އެވެ. ފަސް ފަހަރު ތަށި ހޯދާފައިވާ ބްރެޒިލް އެންމެ ފަހުން ވޯލްޑް ކަޕް އުފުލާލީ ރޮނާލްޑޯ އާއި ރޯނާލްޑީނިއޯގެ ޖާދުލާ އެކު 2002 ގަ އެވެ. އޭގެ 20 އަހަރު ފަހުން ގަތަރު ވޯލްޑް ކަޕާ ކުރިމަތިލާއިރު މި މުބާރާތުގެ ކޮލިފައިން ބުރު ބްރެޒިލް ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެ ދެކުނު އެމެރިކާގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ބްރެޒިލް އެންމެފަހުން ބަލިވެފައިވަނީ ޖުލައި 2021 ގައި ކޮޕާ އެމެރިކާގެ ފައިނަލްގައި އާޖެންޓީނާ އަތުންނެވެ. ބްރެޒިލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ފަސް މެޗްގައި ޖަހާފައިވަނީ 13 ގޯލެވެ. އަދި ބައިކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. މި ފަސް މެޗުވެސް ކުޅެފައިވަނީ އަމިއްލަ ބައްރުގެ ޓީމުތަކާއި ދެކޮޅަށެވެ.
ޔޫރަޕްގެ ގަދަބާރުތަކާއި ދެކޮޅަށް ވޯލްޑް ކަޕްގައި ބްރެޒިލް އެންމެފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު ޖެހިފައިވަނީ އެންމެ ފަސް ގޯލެވެ. ބައިކޮޅަށް 13 ގޯލް ވަދެފައިވެ އެވެ. އެހެންކަމުން ވޯލްޑް ކަޕްގައި ޔޫރަޕްގެ ގަދަ ބާރުތަކާއި ދެކޮޅަށް ނިކުމެ ބްރެޒިލަށް މާ އެކަށޭނަ ކުޅުމެއް ފަހަކަށް އައިސް ދެއްކިފައި ނުވާކަމަށް ބުނެވިދާނެ އެވެ.
ކަން އެހެން އޮތްނަމަވެސް މި މުބާރާތުގައި ބްރެޒިލް ފޭވަރިޓުންގެ ގޮތުގައި ބަލާ އެއް ސަބަބަކީ މި ވަގުތު އެ ޓީމު އޮތް ފޯމެވެ. އަދި އެޓީމުގައި ތިބި ނަން މަޝްހޫރު ތަރިންނެވެ.
އޭގެތެރޭގައި ފޯވާޑުންގެ ގޮތުގައި ހިމެނޭ ނޭމާ އަދި ވިނީޝިއަސް ޖޫނިއާ މިހާރު ތިބީ ވަރަށް ފޯމުގަ އެވެ. މީގެ އިތުރުން ގެބްރިއަލް ޖީސުސް، ރިޗާލިސަން އަދި ރަފީނިއާ އަކީވެސް މަޝްހޫރު ތަރިންނެވެ. ގޯލް ބަލަހައްޓަން އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ކުޅަދާނަ ދެ ކީޕަރުންކަމަށްވާ އެލިސަން ބެކާ އަދި އެޑަސަން ބްރެޒިލް ޓީމުގައި ތިބިއިރު ޑިފެންސްގައި ތިބީ ތިއާގޯ ސިލްވާ، ޑެނީ އަލްވޭސް، މާކީނިއޯސް އަދި އެލެކްސް ސަންޑްރޯ ފަދަ ނަން މަޝްހޫރު ތަޖުރިބާކާރު ތަރިންނެވެ. ހަމަ އެއާ އެކު މެދުތެރެ ބަލަހައްޓަން ތިބީ ފަބީނިއޯ އާއި ކަސެމީރޯ ފަދަ ކުޅުންތެރިންނެވެ. މިފަދަ ވަރުގަދަ ޓީމަކާ އެކު ބްރެޒިލް ގަތަރަށް އަންނައިރު އެމީހުން އެނބުރި ގައުމަށް ދާނީ ތަށްޓާއެކު ކަމަށް ގަބޫލުކުރާ މީހުން ވަރަށް ގިނަ އެވެ.
ފްރާންސް
ފްރާންސް މި މުބާރާތަށް މި ނިކުންނަނީ ތަށި ދިފާއުކުރާ ޓީމުގެ ގޮތުގަ އެވެ. ވޭތުވެދިޔަ ތިން ވޯލްޑް ކަޕްގައި ވެސް ތަށި ދިފާއުކުރަން ނިކުތް ޓީމުތައް ކަމަށްވާ އިޓަލީ، ސްޕެއިން އަދި ޖަރުމަނުވެސް ޖެހިގެން އައި މުބާރާތުގެ ފުރަތަމަ ބުރު ނިމުމާއެކު ޖެހުނީ ރަށަށްދާށެވެ. އަދި ފްރާންސްވެސް 1998ގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ހޯދުމަށްފަހު ތަށި ދިފާއުކުރަން 2002 ގައި ނިކުމެގެންވެސް ޖެހުނީ ހަމަ އެހާލެވެ. އެހެންކަމުން އެކަން އެގޮތަށް ތަކުރާރުވިޔަ ނުދިނުމަށް ފްރާންސް ނިކުންނައިރު މިވަގުތު ޓީމު އޮތީ އެންމެ ރަނގަޅު ފޯމުގައި ނޫންކަން ފާހަގަކޮށްލެވެ އެވެ. ފްރާންސުން ވޯލްޑް ކަޕް ކޮލިފައިން ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެ ގުރޫޕުގެ އެއްވަނައިގަ އެވެ. އެހެންނަމަވެސް އޭގަފަހުން ކުޅެވުނު ޔުއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އާއި ޑެންމާކާ ވާދަކޮށް ލިބުނީ ގްރޫޕުގެ ތިން ވަނައެވެ. ލީގު ބީ އަށް ފްރާންސް ރެލިގޭޓްނުވެ ސަލާމަތްވީ ހަމަކިރިޔާ އެވެ. ކުޅުނު ހަ މެޗުގައި ޖެހުނީ ފަސް ގޯލެވެ. ބައިކޮޅަށް ހަތް ގޯލް ވަނެވެ.
ކަންމިހެންއޮތަސް ފްރާންސްގެ މަޝްހޫރު ތަރިން މިވަގުތު ޔޫރަޕްގެ މަޝްހޫރު ލީގުތަކުގައި ވަރަށް ފޯމުގައި ތިބުމާއެކު ގިނަ އެނަލިސްޓުން ދެކެނީ ފްރާންސަކީ މިފަހަރު ތަށި ދިފާއުކޮށްފާނެ ޓީމެއްގެ ގޮތުގަ އެވެ. ޕައުލް ޕޮގްބާ، އެންގޯލޯ ކާންޓޭ އާއި ކަރީމް ބެންޒެމާ ފަދަ ތަރިންނަށް އަނިޔާއާ ހެދި މުބާރާތް ގެއްލުނަސް ޓީމުގައި ތިބީ އާ ޒުވާންތަރިންނާ އެކު، ކުރީފަހަރު ތަށި ހޯދި ތަޖުރިބާކާރު ކުޅުންތެރިންނެވެ. މިގޮތުން ކިލިއަން އެމްބާޕާ އެކު އުސްމާނޭ ޑެމްބްލޭ އާއި އޮންޓުއަން ގްރީޒްމަން އާއި އޮލިވިއޭ ޖިރޫޑް އަދި ކިންގްސްލީ ކޯމަން ފަދަ ތަރިން އެބަތިއްބެވެ. މެދުތެރޭގައި ރެއާލް މެޑްރިޑްގެ އެޑުއާޑޯ ކަމަވިންގާ އާއި އައުރެލިން ޗުއަމެނީ މުހިއްމު ދައުރެއް އަދާކުރާއިރު ފަހަތުގައި ތިބީ ރަފައެލް ވަރާން އާއި ބެންޔަމިން ޕާވާޑް އަދި ލޫކަސް ހެނާންޑޭޒް ފަދަ ކުޅުންތެރިންނެވެ. އެހެންކަމުން މިޓީމާއެކު ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް އުފުލާލާފައިވާ ކޯޗް ޑިޑިއޭ ޑެޝޯމްޕްސް އަށް ތަށި ދިފާއުކުރެވިދާނެތޯ ބަލަން ތިބެމާހިނގާށެވެ.
އާޖެންޓީނާ
އާޖެންޓީނާ އަކީ ދެކުނު އެމެރިކާގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ބްރެޒިލްގެ އެންމެ ބޮޑު ވާދަވެރިޔާ އެވެ. މީގެ ކުރިން ދެ ފަހަރު ވޯލްޑް ކަޕް އުފުލާލައިފައިވާ މި ޓީމަށް މިތަށީގައި އަތްނުލެވޭތާ މިހާރު 36 އަހަރުވީ އެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ލިއޮނެލް މެސީއާ އެކު ވެސް އެކަން އޮތީ އަދި ނުކުރެވި އެވެ. މެސީ ބުނާގޮތުން މިއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕެވެ. އެހެންކަމުން މިފަހަރުގެ ތަށްޓަކީ މެސީއާ އެކު އެޓީމުގެ އެންމެހާ ސަޕޯޓަރުން ވަރަށް އުއްމީދުކުރާ ތަށްޓެކެވެ. 2018 ގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ އެންމެ ބޮޑު ބަލިފަޔަކަށްވީ ޓީމުގެ ފަހަތެވެ. އެހެންނަމަވެސް މިހާރު އެޓީމުގެ ފަހަތް ވަރަށް ތަފާތެވެ. އާޖެންޓީނާ މިފަހަރުގެ ކޮލިފައިން ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެ އެހެންނަމަވެސް ބްރެޒިލްގެ ފަހަތުން ދެވަނައިގަ އެވެ. އަދި 2021 ގެ ކޮޕާ އެމެރިކާ އާޖެންޓީނާ އިން ކާމިޔާބުކޮށްފައިވާއިރު ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ފައިނަލިސީމާގައި މިއަހަރު ޖޫންމަހު 3-0 އިން ފަސޭހަކަމާއެކު އިޓަލީ ބަލިކޮށް އާޖެންޓީނާއިން ވަނީ ތަށި އުފުލާލާފަ އެވެ.
ރެކޯޑްތަކަށް ބަލާއިރު އެންމެފަހުން އާޖެންޓީނާ ބަލިވެފައިވަނީ 2019 ގެ ކޮޕާ އެމެރިކާގެ ސެމީ ފައިނަލްގައި ބްރެޒިލް އަތުންނެވެ. އޭގެފަހުން އެޓީމުވަނީ ބަލިނުވެ 36 މެޗް ހަމަކުރި އެވެ. އެކަމަކު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ހައިރާންކުރުވަނިވި ގޮތަކަށް އާޖެންޓީނާ ވަނީ ސައުދީ އަރަބިއާ އަތުން ބަލިވެފަ އެވެ. 2-1 ގެ ބަލިވި މި މެޗަށް ފަހު ތަށީގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު އާޖެންޓީނާ އަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭނެތޯ ސުވާލުކުރާ މީހުން ވެސް މިހާރު މަދެއް ނޫނެވެ.
އިންގްލެންޑް
ބޮޑު މުބާރާތެއް މިހާތަނަށް ކާމިޔާބު ނުކުރެވޭތާ 56 އަހަރުވެފައިވާ އިންގްލެންޑަށް މިފަހަރުގެ މުބާރާތް ކާމިޔާބު ކުރެވޭނެކަމަށް ބުނާމީހުން މަދެއްނޫނެވެ. އެޓީމު ވަނީ 2018 ގެ ވޯލްޑް ކަޕްގެ ސެމީގައި ކުޅެ އަދި މިދިޔަ އަހަރު އޮތް ޔޫރޯގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. އެހެންކަމުން މިފަހަރު މިއީ އެޓީމު ދެން އޮތް ހަރުފަތަށް އަރަން އޮތް ފަހަރުކަމުގައި އެޓީމުގެ ސަޕޯޓަރުން ގަބޫލުކުރެ އެވެ. މިފަހަރުގެ ކޮލިފައިން އެޓީމު ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެ ގްރޫޕުގެ އެއްވަނައިގަ އެވެ. އެހެންނަމަވެސް އެންމެފަހުން ނިމިގެން ދިޔަ ޔުއެފާ ނޭޝަންސް ލީގުގައި އިޓަލީ، ހަންގޭރީ އަދި ޖަރުމަނާ ވާދަކޮށް ގްރޫޕުގެ އެންމެ ފުލަށް ގޮސް އެޓީމު ވަނީ ލީގު ބީ އަށް ރެލިގޭޓްވެފަ އެވެ. ކުޅުނު ހަ މެޗުން އެއްވެސް މެޗަކުން މޮޅުނުވާއިރު ޖެހިފައިވަނީ ހަތަރު ގޯލެވެ. ބައިކޮޅަށް 10 ގޯލް ވަދެފައިވެ އެވެ. އެހެންނަމަވެސް ނޭޝަންސް ލީގުގެ ފަހު މެޗުގައި ޖަރުމަނާއި ދެކޮޅަށް ދެއްކި ކުޅުމާއެކު ޓީމާއި މެދު ސަޕޯޓަރުން ތިބީ އުއްމީދުގަ އެވެ. އެޓީމުގެ ގިނަ ކުޅުންތެރިންނަކީ އެންމެ މަޝްހޫރު ލީގުކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގުގެ ތަރިންނެވެ. އެހެންކަމުން ބުކަޔޯ ސާކާ، ހެރީ ކޭން، ރަހީމް ސްޓާލިން، ފިލް ފޯޑެން، ޖޯޑެން ޕިކްފޯޑް ފަދަ ކުޅުންތެރިންނާއެކު މިފަހަރު އިނގިރޭސިން ނިކުމެ، ދާނެ ހިސާބެއް ބަލަން ތިބެމާ ހިނގާށެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އިންގްލެންޑުން 6-2 އިން އީރާން ބަލިކުރުމަކީ މިފަހަރު އެޓީމުން ތައްޓަށް ވާދަކުރާނެކަމުގެ ސިގްނަލެކެވެ. ސުވާލަކީ އެ ފޯމުގައި އޮވެ ބައި ގަރުނަށްވުރެ ދިގު ތާރީހު އިންގްލެންޑަށް ބަދަލުކޮށްލެވިދާނެތޯ އެވެ.
ސްޕެއިން
2010 ގެ ޗެމްޕިއަން ސްޕެއިން އަކީ ވެސް މިފަހަރު ގިނަ ބަޔަކު ފޭވަރިޓުންގެ ތެރޭގައި ހިމަނާ ޓީމެކެވެ. ޓީމުގެ ކުޅުމަށް ބަލާއިރު އޮތީ ވަރަށް ރަގަޅު ފޯމެއްގަ އެވެ. އެޓީމު އެންމެފަހުން ކުޅުނު 10 މެޗުން ބަލިވެފައެއްނުވެ އެވެ. އެ 10 މެޗުގައި ސްޕެއިނުން ވަނީ 21 ގޯލް ޖަހާފަ އެވެ. މިފަހަރުގެ މުބާރާތަށް ސްޕެއިން ކޮލިފައިވީ ކުޅުނު އަށް މެޗުން 19 ޕޮއިންޓް ހޯދައިގެން ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ޔުއެފާ ނޭޝަންސް ލީގުގައި ފަހު ވަގުތު ޕޯޗްގަލް ކަޓުވާލުމަށް ފަހު ސްޕެއިން ވަނީ އަންނަ އަހަރު ކުޅެން ހަމަޖެހިފައިވާ ސެމީ ފައިނަލުން ޖާގަ ހޯދާފަ އެވެ. ސްޕެއިން ޓީމަކީ ކުރިއާ އަޅާބަލާއިރު ޒުވާން އަދި ތަޖުރިބާ މަދު ޓީމެކެވެ. އެހެންނަމަވެސް ގަވީ، ޕެޑްރީ، ފެރާން ޓޮރޭސް ފަދަ ޒުވާންތަރިންނާ އެކު ނިކުމެ ސްޕެއިނުން މިފަހަރު ތަފާތު ދައްކާނެކަމަށް ގިނަ ބަޔަކު އުއްމީދުކުރެ އެވެ.
މި ޓީމުތަކުގެ އިތުރުން ދެން މިފަހަރު ތަށި ގެންގޮސްފާނެކަމަށް ލަފާކޮށްފައި ވާހަކަދެކެވޭ ޓީމުތަކަކީ 2014 ގެ ޗެމްޕިއަން ޖަރުމަން، އެންމެފަހުގެ ދެވޯލްޑް ކަޕުން ނުފެނުނު އެހެންނަމަވެސް މިހާރު ވަރަށް ފޯމުގައި އޮތް ނެދަލެންޑްސް، ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު އެންމެ ފަހުފަހަރަށް ނިކުންނަ ޕޯޗްގަލް، މޮޅުކުޅުންތެރިންތަކެއް ހިމެނޭ އެހެނަސް ރަނގަޅު ކާމިޔާބެއް މިހާހިސާބަށް އައިއިރު ނުލިބިއޮތް ބެލްޖިއަމް އެވެ.