ކުޅިވަރު

މެސީ އާއި ރޮނާލްޑޯގެ ފަހު ވާދަ: ކުރި ހޯދާނީ ކާކު؟

Nov 23, 2022

ލިޔުނީ: އައްބާސް ހުސައިން

މިހާރު ކުރިއަށްދާ ގަތަރު ވޯލްޑް ކަޕްގައި ވެސް ސަޕޯޓަރުންގެ މެދުގައި އެންމެ ބޮޑު އެއް ބަހުސަކަށް ވާނީ މެސީ އާއި ރޮނާލްޑޯގެ ބަހުސެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުހުގައި މިދެތަރިން ތިބޭތާ މިހާރު ގާތްގަޑަކަށް ވިއްސަކަށް އަހަރުވީ އެވެ. މިއީ، މި ދެކުޅުންތެރިން ފިޔަވައި އެހެން އެއްވެސް ފުޓްބޯޅަ ކުޅުންތެރިޔަކަށް މިހާތަނަށް ލިބިފައި އޮތް ދަރަޖައެއް ނޫނެވެ. މި ވޯލްޑް ކަޕަކީ މެސީގެ ވަދާއީ ވޯލްޑް ކަޕް ކަން މިހާރު ޔަގީންވެފައިވާއިރު، ރޮނާލްޑޯއަށް ވެސް އިތުރު ވޯލްޑް ކަޕެއްގައި ވާދަކުރުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

މެސީ އާއި ރޮނާލްޑޯގެ ރެކޯޑްތައް ކިތަންމެ އުހުގައި އޮތަސް މިއިން އެއްވެސް ކުޅުންތެރިއަކަށް އަދި ވޯލްޑް ކަޕް އުފުލާލުމުގެ ނަސީބު ލިބިފައެއް ނުވެ އެވެ. މެސީ އަށް މި ތައްޓާ އެންމެ ގާތަށް ދެވުނީ 2014 ވަނަ އަހަރު ބްރެޒިލްގަ އެވެ. އެފަހަރު ފައިނަލް މެޗްގައި އާޖެންޓީނާ ބަލިވީ ޖަރުމަނުގެ މާރިއޯ ގޮޓްޒާ މެޗްގެ 115 މިނެޓްގައި ޖެހި ގޯލްގެ ސަބަބުންނެވެ. ރޮނާލްޑޯ އަށް ތައްޓާއި އެންމެ ގާތަށް ދެވުނީ އޭނާގެ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި 2006 ވަނަ އަހަރު ޖަރުމަނުގަ އެވެ. އެފަހަރު ސެމީ ފައިނަލްގައި ފްރާންސް އަތުން ޕޯޗްގަލް ބަލިވީ ޒިނެދިން ޒިދާން ޕެނަލްޓީއަކުން ޖެހި ގޯލަކުންނެވެ.

ކަންމިހެން އޮތުމާއެކު މިއީ މެސީ އާއި ރޮނާލްޑޯއަށްވެސް އެ ކުޅުންތެރިންގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހަދަން ލިބޭނެ އެންމެ ފަހު ފުރުސަތެވެ. އަދި، މިއީ މުބާރާތުގެ ތާރީހުގައި މި ދެކުޅުންތެރިންގެ ނަން އިތުރަށް ފަވާލަން ލިބޭނެ އިތުރު ފުރުސަތަކަށްވެސް ވާނެ އެވެ.

މެސީ އަށް ހާސިލްކުރެވިދާނެ ރެކޯޑްތައް

އެންމެ ގިނަ ވޯލްޑް ކަޕްގައި ކުޅުން

2022 ގެ ވޯލްޑް ކަޕަކީ މެސީ ގެ ފަސް ވަނަ ވޯލްޑް ކަޕެވެ. މިހާތަނަށް ފަސް ވޯލްޑް ކަޕުގައި ކުޅެފައިވަނީ އެންމެ ތިން ކުޅުންތެރިންނެވެ. އެއީ މެކްސިކޯގެ އެންޓޯނިއޯ ކަރުބަހާލް އަދި ރަފޭލް މާކޭޒް އަދި ޖަރުމަންގެ ލޮތާ މެތައުސް އެވެ. އިޓަލީގެ ޖިއާން ލުއިޖީ ބުފޮން ފަސް މުބާރާތަށް ދިޔަނަމަވެސް އޭނާގެ އެންމެ ފުރަތަމަ މުބާރާތުގައި ކުޅެފައެއް ނުވެ އެވެ. މި މުބާރާތުގައި ކުޅެގެން މެސީ އަށް މި ރިކޯޑާއި އަރާ ހަމަކުރެވޭނެ އެވެ.

ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗު ކުޅުން

މެސީ މިހާތަނަށް ވަނީ ވޯލްޑްކަޕްގެ 19 މެޗްގައި ކުޅެފަ އެވެ. ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗް ކުޅެފައިވާ އާޖެންޓީނާގެ ކުޅުންތެރިއަކީ 21 މެޗާއެކު އެ ގައުމުގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އެވެ. އެހެންކަމުން މި މުބާރާތުގެ ފުރަތަމަ ބުރު މެސީ ފުރިހަމަކޮށްފިނަމަ އެ ރެކޯޑް އޭނާއަށް ލިބޭނެ އެވެ. ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗް ކުޅެފައިވާ ކުޅުންތެރިއަކީ 25 މެޗާ އެކު ޖަރުމަންގެ ލޮތާ މެތައުސް އެވެ. އެހެންކަމުން މި ފަހަރުގެ މުބާރާތުގައި މެސީ އާއެކު އާޖެންޓީނާ ފައިނަލް ކުޅެފިނަމަ 26 މެޗާ އެކު މެސީ އަށް އެ ރެކޯޑް މުގުރާލެވޭނެ އެވެ.

އެންމެ ގިނަ މެޗް ކާމިޔާބުކުރުން

ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗު ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ 17 މެޗާއެކު ޖަރުމަންގެ މިރޮސްލާވު ކްލޯސާގެ އަތުގަ އެވެ. މެސީ މިހާތަނަށް އައިއިރު 12 މެޗު ވަނީ ކާމިޔާބު ކޮށްފަ އެވެ. އެހެންކަމުން ކުޅޭ ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް ގޮސްފިނަމަ މެސީ އަށް މިފަހަރު މި ރެކޯޑް މުގުރާލެވޭނެ އެވެ.

އެންމެ ގިނަ ރަން ބޯޅަ ހާސިލް ކުރުން

ރަންބޯޅަ އަކީ ކޮންމެ މުބާރާތެއްގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެވޭ އެވޯޑެވެ. މިހާތަނަށް އައިއިރު އެއްވެސް ކުޅުންތެރިއަކަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު މި އެވޯޑް ހޯދިފައެއް ނުވެ އެވެ. މެސީ ވަނީ 2014ގެ ވޯލްޑް ކަޕްގައި ރަންބޯޅަ ހާސިލްކޮށްފަ އެވެ. މެސީ މިހާރު ހުރި ފޯމަށް ބަލާއިރު މި އަހަރުގެ މުބާރާތުގައި ކުޅެގެން މި އެވޯޑް ދެ ވަނަ ފަހަރަށް ހާސިލްކުރާ ފުރަތަމަ ކުޅުންތެރިޔާއަށް އޭނާ ވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.

ވޯލްޑް ކަޕްގެ އެންމެ ގިނަ އެސިސްޓް

ވޯލްޑް ކަޕްގައި ގޯލް ޖެހުމަށް އެންމެ ގިނަ އެސިސްޓް ދިނުމުގެ ރެކޯޑް އޮތީ 10 އެސިސްޓާ އެކު ބްރެޒިލްގެ ލެޖެންޑް ޕެލޭ އަތުގަ އެވެ. މެސީ ވަނީ މިހާތަނަށް ހަ އެސިސްޓް ދީފަ އެވެ. އެހެންކަމުން މިއީ މި މުބާރާތުގައި މެސީ އަށް މުގުރާލެވިދާނެ ރެކޯޑެއް ކަމަށް ފެނެ އެވެ.

ރޮނާލްޑޯ އަށް ހާސިލް ކުރެވިދާނެ ރެކޯޑްތައް

އެންމެ ގިނަ ވޯލްޑް ކަޕްގައި ކުޅުން

މެސީ އެކޭ އެއްގޮތަށް މި ވޯލްޑް ކަޕަކީ ރޮނާލްޑޯގެ ފަސް ވަނަ ވޯލްޑް ކަޕެވެ. މި މުބާރާތުގައި ކުޅެގެން ރޮނާލްޑޯ އަށް ވެސް ފަސް ވޯލްޑް ކަޕް ކުޅުނު ތަރިންގެ ކްލަބަށް ވަދެވޭނެ އެވެ.

ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލްޖެހި ޕޯޗްގަލް ކުޅުންތެރިޔާ

ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ޕޯޗްގަލްގެ ކުޅުންތެރިއަކީ ނުވަ ގޯލް ޖެހި ޔޫސޭބިއޯ އެވެ. ޔޫސޭބިއޯ މި ނުވަ ގޯލު ވެސް ޖަހާފައިވަނީ 1966ގެ ވޯލްޑް ކަޕްގަ އެވެ. 56 އަހަރުވީ މި ރެކޯޑް މުގުރާލުމުގެ ފުރުސަތު މިފަހަރު ރޮނާލްޑޯ އަށް އެބައޮތެވެ. އެ ރެކޯޑް މުގުރާލަން ރޮނާލްޑޯ އަށް މިމުބާރާތުގައި ޖަހަން ޖެހޭނީ ތިން ގޯލެވެ.

އެންމެ ގިނަ މެޗް ކުޅުނު ކެޕްޓަން

މެސީ އެކޭ އެއްގޮތަށް ރޮނާލްޑޯ އަށް ވެސް މި ރެކޯޑް އަތުލުމުގެ ފުރުސަތު އެބައޮތެވެ. މިހާތަނަށް 11 މެޗްގައި ކެޕްޓަން ބޭންޑް އަޅާފައިވާ ރޮނާލްޑޯ އަށް މި މުބާރާތުގައި ޕޯޗްގަލް ކެޕްޓަންގެ ގޮތުގައި ސެމީ ފައިނަލަށް ދެވިއްޖެނަމަ ރަފައެލް މާކޭޒްގެ ރެކޯޑާއި އަރާ ހަމަކުރެވޭނެ އެވެ. އަދި ފައިނަލަށް ގޮސްފިނަމަ އެ ރެކޯޑް މުގުރާލެވޭނެ އެވެ. އެކަމަކު މެސީ އަކީވެސް މި ރެކޯޑަށް ފައިނަގައިގެން ހުރި ކުޅުންތެރިޔަކަށް ވުމާއެކު ޕޯޗްގަލް ފައިނަލަށް ދިއަޔަސް އަނެއްކޮޅުން އާޖެންޓީނާ ފައިނަލަށް ގޮސްފިނަމަ މި ރެކޯޑް ލިބޭނީ މެސީ އަށެވެ.

އެންމެ ގިނަ އެސިސްޓް ދިން ޕޯޗްގަލްގެ ކުޅުންތެރިޔާ

ޕޯޗުގަލް ލެޖެންޑް ލުއިސް ފީގޯ އަށް ވޯލްޑް ކަޕްގައި ގޯލެއް ޖެހިފައިނެތަސް އޭނާ ވަނީ ގޯލް ޖަހަން ފަސް ފަހަރު އެހީތެރިވެދީފަ އެވެ. ރޯނާލްޑޯގެ އެސިސްޓުގެ ޖުމްލައަކީ ދެއެކެވެ. އެހެންވީމާ މިއީ ވެސް ރޯނާލްޑޯ އަށް އަތުލެވިދާނެ ރެކޯޑެއް ކަމަށް ބަލަމާ ހިނގާށެވެ.

އެންމެ ގިނަ ވޯލްޑް ކަޕްގައި ގޯލްޖެހުން

މިހާތަނަށް އެންމެ ގިނަ ވޯލްޑް ކަޕްގައި ގޯލްޖެހުމުގެ ރެކޯޑް މިހާރު ވެސް އޮތީ ހަތަރު ވޯލްޑް ކަޕާ އެކު ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގަ އެވެ. އެކަމަކު މިވަގުތު އެރެކޯޑް ރޮނާލްޑޯއާ އެކު އިތުރު ތިން ކުޅުންތެރިއަކު ހިއްސާ ކުރެ އެވެ. އެއީ ބްރެޒިލްގެ ލެޖެންޑް ޕެލޭ އާއި، (ހުޅަނގު) ޖަރުމަނުގެ އޫވް ސީލާ އާއި ޖަރުމަނުގެ މިރޮސްލާވް ކްލޯސާ އެވެ. އެހެންކަމުން މި މުބާރާތުގައި ރޮނާލްޑޯ ގޯލް ޖަހައިފިނަމަ އެ ރެކޯޑް އޭނާއަށް އަމިއްލަވާނެ އެވެ.

ފުރުސަތު ބޮޑީ ކާކަށް؟

ވޯލްޑް ކަޕް ކޮލިފައިންގައި މެސީ ކުޅުނު 17 މެޗްގައި ވަނީ ހަތް ގޯލް ޖަހައި ހަތަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އަދި ވޭތުވެދިޔަ ސީޒަނާއި ހިލާފަށް މި ސީޒަނުގައި ކްލަބުގައި މެސީ ހުރީ ވަރަށް ފޯމުގަ އެވެ. ސީޒަނުގައި ކުޅުނު ފުރަތަމަ 19 މެޗުގައި މެސީ ވަނީ 12 ގޯލު ޖަހައި 14 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އެހެންކަމުން މެސީގެ ސަޕޯޓަރުން ތިބީ އޭނާގެ މޮޅުކުޅުން މިއަހަރުގެ ވޯލްޑް ކަޕްގައި ފެންނާނެކަމުގެ އުންމީދުގަ އެވެ.

މި މުބާރާތުގައި މެސީއާ އެކު އާޖެންޓީނާގެ ވަރުގަދަ ޓީމެއް އެބައޮތެވެ. މޮޅު ޓީމެއް ނެގުމަށް ކޯޗް ލިއޮނެލް ސްކަލޯނީ އަށް ބައިވަރު އޮޕްޝަންތައް އެބައޮތެވެ. ވަރުގަދަ ފޯވާޑް ލައިނެއް އެބައޮތެވެ. ހަމަ އެހާމެ ވަރުގަދަ ޑިފެންސެކެވެ. އެޓީމުގެ ކުޅުންތެރިންނަކީ ޔޫރަޕްގެ ނަން މަޝްހޫރު ލީގުތަކުގައި ކުޅެމުންދާ ކުޅުންތެރިންނެވެ. ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕުގެ ދެވަނައިގައި ވޯލްޑް ކަޕަށް ކޮލިފައިވިއަސް އެޓީމު ވަނީ މިހާތަނަށް އައިއިރު ބަލިނުވެ 35 މެޗް ކުޅެފަ އެވެ. އަދި އެންމެ އަވަހަށް އެ ޓީމު ކުޅޭ ތިންމެޗުން ބަލިނުވެ ނިންމާލައިފިނަމަ ޖެހިޖެހިގެން އެންމެ ގިނަ މެޗު ބަލިނުވެ ކުޅުނު އިޓަލީގެ ރެކޯޑް މުގުރާލެވޭނެ އެވެ.

ނޯޓް: މިއީ އަވަސް އިން ނެރުނު ކިޔުޓެކް ވޯލްޑް ކަޕް ގައިޑުގައި ހިމަނާފައިވާ ދިރާސީ ރިޕޯޓެކެވެ.