ކުޅިވަރު

މޮޑްރިޗް: އުމުރު މަތިވިޔަސް މުޅި ގައުމު ބަރޯސާވަނީ އެ ހިދުމަތަށް

ނަން: ލޫކާ މޮޑްރިޗް އުފަންތާރީހް: 09 ޑިސެމްބަރ 1985 (37 އަހަރު) ގައުމު: ކްރޮއޭޝިއާ ކްލަބް: ރެއާލް މެޑްރިޑް މަގާމް: މިޑްފީލްޑަރ

ލޫކާ މޮޑްރިޗަކީ ކްރޮއޭޝިއާގެ ރައްޔިތުންގެ ފަހުރެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމުން ވެސް އެކަން ސާބިތުވެ އެވެ. ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ފައިނަލަށް ގެންގޮސްދީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް މޮޑްރިޗް ހޯދި އެވެ. އެވަރުން އަދި ނުފުދެ އެވެ. އަހަރު ތަކަކަށް ފަހު ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލައި 2018 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ވެސް ހޯދީ މޮޑްރިޗެވެ. ބެލޮންޑިއޯގެ އިތުރުން އެ އަހަރުގެ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް މޮޑްރިޗެވެ.

މޮޑްރިޗް އަންނަނީ 2006 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގައި ވިދަމުންނެވެ. މިހާތަނަށް އެގައުމާ އެކު މޮޑްރިޗް ވަނީ ބައިނަލްއަގްވާމީ ފަސް މުބާރާތުގައި ކުޅެފަ އެވެ. މޮޑްރިޗް ގައުމީ ޓީމާ އެކު އެންމެ ފުރަތަމަ ވާދަކުރީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. 154 މެޗާ އެކު ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތީ މޮޑްރިޗްގެ އަތުގަ އެވެ. ގައުމީ ޓީމުގައި މިހާތަނަށް ހޭދަކުރި 16 އަހަރު ދުވަހު މޮޑްރިޗް ވަނީ 23 ގޯލު ޖަހައި 24 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.

ތިން ވޯލްޑް ކަޕްގައި މޮޑްރިޗް މިހާތަނަށް ވަނީ 12 މެޗު ކުޅެ ދެ ގޯލު ޖަހައިފަ އެވެ. މިފަހަރުގެ ކޮލިފައިންފައި ކްރޮއޭޝިއާ ކުޅުނު 10 މެޗުގެ ތެރެއިން މޮޑްރިޗް ކުޅެފައިވަނީ ހަތް މެޗުގަ އެވެ. އަނިޔާގެ ސަބަބުން ރަޝިއާ އާއި ސްލޮވާކިއާގެ އިތުރުން ސްލޮވީނިއާއާ ދެކޮޅަށް ކުޅުނު މެޗުތައް އޭނާ އަށް ގެއްލުނެވެ. ކޮލިފައިންގައި ކުޅުނު ހަތް މެޗުގައި މޮޑްރިޗް ތިން ގޯލު ޖެހި އެވެ.

މޮޑްރިޗް ފުޓްބޯޅަ ކެރިއަރު ފެށީ 2003 ވަނަ އަހަރު ކްރޮއޭޝިއާގެ ކްލަބް ޑީނަމޯ ޒަގްރެބް އިންނެވެ. އެޓީމުގައި ހުރެފައި ޓޮޓެންހަމަށް 2008 ވަނަ އަހަރު ބަދަލުވުމުގެ ކުރިން ލޯނު އުސޫލުން ދެ ކްލަބަކަށް މޮޑްރިޗް ކުޅުނެވެ.

ގައުމީ ޓީމުގައި މޮޑްރިޗް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސިއްރަކީ އޭނާ ކުޅޭ ކްލަބް ރެއާލް މެޑްރިޑެވެ. ޓޮޓެންހަމް ހޮޓްސްޕާސް އިން 2012 ވަނަ އަހަރު ރެއާލަށް ބަދަލުވީއްސުރެ މޮޑްރިޗަކީ އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭ ކުޅުންތެރިއެކެވެ. ރެއާލްއާ އެކު މޮޑްރިޗް ވަނީ ފަސް ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ސްޕެނިޝް ލީގު ތިން ފަހަރު ހޯދާފަ އެވެ. ރެއާލްއާ އެކު މޮޑްރިޗް ވަނީ ޖުމްލަ 21 ތަށި ކާމިޔާބުކޮށްފަ އެވެ.

މޮޑްރިޗް ފާހަގަކުރެވެނީ ކްރޮއޭޝިއާގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެގައުމުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 10 ފަހަރު ހޯދާފައިވާއިރު އެއީ މިހާތަނަށް އެހެން ކުޅުންތެރިއަކަށް ލިބިފައިވާ ޝަރަފެއް ނޫނެވެ. މިހާރު އުމުރުން 37 އަހަރުގައި ވެސް މޮޑްރިޗަކީ ކްލަބާއި ގައުމުގައި ވެސް އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ.