ކުޅިވަރު

ޓީމް ޕްރޮފައިލް: ޖަޕާން

  • އެންމެ ފަހުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކުރި
  • މިއީ ޖަޕާނުން ވޯލްޑް ކަޕްގައި ކުޅޭ ހަތް ވަނަ ފަހަރު
  • ގްރޫޕުގައި ދެން ހިމެނެނީ، ސްޕެއިން، ޖަރުމަނު، ކޮސްޓަ ރީކާ

ޓީމުގެ ތާރީހް

މިފަހަރުގެ ފީފާ ވޯލްޑް ކަޕަކީ ޖަޕާނުން ޖެހިޖެހިގެން ކުޅޭ ހަތްވަނަ މުބާރާތެވެ. އަދި މިއީ އެ ޓީމުން ވޯލްޑް ކަޕްގައި ކުޅޭ ހަތްވަނަ ފަހަރު ވެސް މެއެވެ. އެ ޓީމުން ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ މީގެ 24 އަހަރު ކުރީން ފްރާންސްގައި ބޭއްވުނު 1998 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ފަހަރުގެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

އެކަމަކު، ދެން ޖެހިގެންއައި 2002 ވަނަ އަހަރުގެ މުބާރާތް ދެކުނު ކޮރެއާ އާއެކު އަމިއްލަ ގައުމުގައި ބޭއްވިއިރު އެ ފަހަރު ދެވަނަ ބުރުން ޖާގަ ހޯދި އެވެ. ނަމަވެސް، ދެން ޖެހިގެންއައި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އަދި އޭގެފަހުން، 2010 ވަނަ އަހަރުގެ މުބާރާތުގެ ވެސް ދެވަނަ ބުރަށް ދަތުރުކުރި އެވެ. އެއަށްފަހު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކުރިއެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖަޕާނު ހިމެނުނީ ކޮލަމްބިއާ އާއި ސެނެގޯލް އަދި ޕޮލެންޑާ އެކު ގްރޫޕް އެޗްގަ އެވެ. މި ގްރޫޕުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ކޮލަމްބިއާ އަތުން 2-1 އިން މޮޅުވިއިރު، ސެނެގޯލްއާ ދެކޮޅަށް ކުޅުނު މެޗުން 2-2 އިން އެއްވަރުވީ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލެންޑް އަތުން 1-0 އިން ބަލިވެ، ޖަޕާނަށް ލިބުނީ ދެވަނަ މަގާމެވެ. ދެވަނަ ބުރުގައި ވަރުގަދަ ބެލްޖިއަމް އަތުން ފޯރިގަދަ ކުޅުމަކަށްފަހު ބަލިވީ 2-3 އިންނެވެ.

ފީފާ ވޯލްޑް ކަޕްގައި ޖަޕާނަށް އެކަށީގެންވާ ވަރުގެ ކާމިޔާބީއެއް ލިބިފައިނުވީނަމަވެސް، ސަރަހައްދީ ފުޓްބޯޅައިގައި އެ ޓީމަކީ ގަދަ ބާރެކެވެ. އެގޮތުން، އޭޝިއާ ބައްރުގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާއިރު، އިރުމަތީ އޭޝިއާގެ ގައުމުތަކަށް ހާއްސަ މުބާރާތުގެ ތަށި ފަސް ފަހަރު ހޯދާފައިވެ އެވެ.

ކޮލިފައިވީ ކިހިނެއް؟

ކޮލިފައިންގެ ދެވަނަ ބުރު ޖަޕާން ނިންމާލީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ދެވަނަ ބުރުގައި ޖަޕާން ވަނީ ކުޅުނު އަށް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ދެވަނަ ބުރުގައި 46 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ދެ ގޯލެވެ. ތިންވަނަ ބުރުގައި 10 މެޗު ކުޅުނުއިރު ހަތް މެޗުން މޮޅުވި އެވެ. ބަލިވީ ދެ މެޗުންނެވެ.

ޑައިޗީ ކަމާޑާ

ޖަރުމަނުގެ އެއިންޓްރަކް ފްރޭންކްފާޓަށް ކުޅެމުން އަންނަ ޑައިޗީ ކަމާޑާ އަކީ ޖަޕާނުގެ އެޓޭކުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. ފްރޭންކްފާޓުން އެންމެ ފަހުގެ ޔުރޮޕާ ލީގުގެ ތަށި އުފުލާލިއިރު އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މީގެ ތިން އަހަރުކުރިން ޖަޕާން ގައުމީ ޓީމަށް ކުޅެން ފެށި ކަމާޑާ، 26، ވަނީ އެ ޓީމަށް ކުޅެދިން 21 މެޗުގައި ހަ ލަނޑުޖަހައިފަ އެވެ. މިއީ ކަމާޑާގެ ފުރަތަމަ ވޯލްޑް ކަޕެވެ.

މި ފަހަރުގެ މުބާރާތަށް ކުރިމަތިލާއިރު އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ކުޅުންތެރިއަކީ ވެސް ކަމާޑާ އެވެ. އޭނާ ވަނީ މި ސީޒަނުގައި ފްރޭންކްފާޓަށް ކުޅުނު ފުރަތަމަ 20 މެޗުގައި 12 ލަނޑުޖަހައި، އިތުރު ތިން ގޯލްޖެހުމަށް އެހީތެރިވެދީފަ އެވެ.

ޓަކެފޫސާ ކޫބޯ

މިހާރު ސްޕެއިނުގެ ރެއާލް ސޮސިއެޑާޑަށް ކުޅެމުން އަންނަ ޓަކެފޫސާ ކޫބޯ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ޖަޕާނުގެ އުއްމީދުތައް ގުޅިފައިވާ ކުޅުންތެރިއެކެވެ. ބާސެލޯނާގެ ޔޫތު އެކަޑެމީން ވެސް ފާހަގަވެފައިވާ ކޫބޯ ވަނީ ވާދަވެރި ރެއާލް މެޑްރިޑަށް ވެސް ކުޅެފަ އެވެ. އެކަމަކު، އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބޭތީވެ، ލޯން އުސޫލުން ވަނީ ވިޔަރެއާލާއި، ގެޓަފޭ އަދި ރެއާލް މަޔޯކާ އަށް ވެސް ކުޅެފައިވެ އެވެ.

ކޫބޯ، 21، އެންމެ ފުރަތަމަ ޖަޕާނުގެ ގައުމީ ޓީމަށް ކުޅެންފެށީ 2019 ގައެވެ. އޭނާ ވަނީ މިހާތަނަށްއައިއިރު އެ ޓީމަށް 19 މެޗު ކުޅެދީ އެއް ލަނޑުޖަހައިފަ އެވެ.

ކޯޗު: ހަޖީމޭ މޮރިޔާސޫ

ކުރިން ޖަޕާނުގެ ގައުމީ ޓީމަށް ކުޅެފައިވާ ހަޖީމޭ މޮރިޔާސޫ އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވީ 2018 ވަނަ އަހަރު އެވެ. އެއީ، އެ ފަހަރުގެ ވޯލްޑް ކަޕަށް ފަހު އޭރުގެ ކޯޗު އަކީރާ ނިޝީނޯ މަގާމުން ދުރުކުރުމުންނެވެ. އޭނާ ވަނީ އެ މުބާރާތުގައި ނިޝީނޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

މިހާތަނަށްއައިއިރު މޮރިޔާސޫގެ އިރުޝާދުގެ ދަށުން ޖަޕާން ކުޅުނު 57 މެޗުގެ ތެރެއިން 39 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. 10 މެޗުން ބަލިވިއިރު، އަށް މެޗުން ވަނީ އެއްވަރުވެފަ އެވެ.