ކުޅިވަރު

މުސިއަލާ: ބަޔާން އާއި ޖަރުމަނުގައި ވެސް ތަފާތު ދައްކާ ކުޅުންތެރިޔެއް

ނަން: ޖަމާލް މުސިއަލާ އުފަންތާރީހް: 26 ފެބްރުއަރީ 2003 (19 އަހަރު) ގައުމު: ޖަރުމަނު ކްލަބް: ބަޔާން މިއުނިކް މަގާމް: މިޑްފީލްޑަރ

ޖަމާލް މުސިއަލާ އަކީ ކުޑައިރު އިންގްލެންޑުގައި ދިރިއުޅެ އެގައުމުގެ ޔޫތު ޓީމުތަކަށް ކުޅުނު ކުޅުންތެރިއެކެވެ. މުސިއަލާގެ ބައްޕަ ނައިޖީރިއާ އަށް ނިސްބަތްވާއިރު މަންމަ އަކީ ޖަރުމަނު މީހެކެވެ. ޖަރުމަނުގައި އުޅުމަށް ފަހު އުމުރުން ހަތް އަހަރުގައި އާއިލާއާ އެކު މުސިއަލާ ބަދަލުވީ އިންގްލެންޑަށެވެ.

އިންގްލެންޑުގައި މުސިއަލާ ފުޓްބޯޅަ ޓްރެއިނިން ހެދީ ޗެލްސީ އެކަޑެމީގަ އެވެ. ޗެލްސީ ދޫކޮށް ބަޔާނަށް މުސިއަލާ ބަދަލުވީ އުމުރުން 16 އަހަރުގައި 2019 ވަނަ އަހަރު އެވެ. މުސިއަލާ ވަނީ އިންގްލެންޑް 15 އަހަރުން ދަށުން ފެށިގެން އެގައުމުގެ 20 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ. މުސިއަލާ ޖަރުމަނު ތަމްސީލުކުރަން ނިންމީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އޭގެފަހުން އެއަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޖަރުމަނު ޓީމުން މުސިއަލާ އަށް ފުރުސަތު ލިބުނެވެ. ޔޫރޯގައި މުސިއަލާ ވަނީ ހަންގޭރީ އާއި އިންގްލެންޑާ ވާދަކުރި މެޗުގައި ކުޅެފަ އެވެ.

ޖަރުމަނު ގައުމީ ޓީމުން މިދިޔަ އަހަރު ޖާގަ ހޯދައި މިހާތަނަށް 17 މެޗު މުސިއަލާ ވަނީ ކުޅެފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ހަ މެޗުގައި ކުޅެ މުސިއަލާ ވަނީ އެއް ގޯލު ޖަހައިފަ އެވެ. އަދި މިއަހަރު ޔޫއެފާ ނޭޝަންސް ލީގުގެ ހަ މެޗުގައި މުސިއަލާ ޖަރުމަނު ތަމްސީލުކުރި އެވެ. ފަހަކަށް އައިސް ޖަރުމަނު ޓީމުގެ ފުރަތަމަ އެގާރައިން މުސިއަލާ އަންނަނީ ޖާގަ ހޯދަމުންނެވެ.

މި ސީޒަނުގައި ބަޔާންގައި ވެސް މުސިއަލާ އަންނަނީ ގިނަ މެޗުތަކެއް ކުޅެމުންނެވެ. އެހެންވެ ފުރަތަމަ ވޯލްޑް ކަޕަށް ނުކުންނައިރު ޖަރުމަނު ޓީމުގެ މުހިއްމު ކުޅުންތެރިއަކަށް މުސިއަލާ ވާނެކަމަށް ބެލެވެ އެވެ.