ކުޅިވަރު

ޓީމް ޕްރޮފައިލް: ސްޕެއިން

  • ބައިނަލްއަގްވާމީ ބޮޑު ތިން މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ހަމައެކަނި ގައުމު
  • އެއް ވޯލްޑް ކަޕް، ތިން ޔޫރޯ ކާމިޔާބުކުރި
  • ގްރޫޕުގައި ދެން ހިމެނެނީ ޖަރުމަނު، ކޮސްޓަ ރީކާ އަދި ޖަޕާން

ޓީމުގެ ތާރީހް

ސްޕެއިން ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1934 ވަނަ އަހަރު އެވެ. އެފަހަރު ކުއާޓާ ފައިނަލުގައި ބަލިވީ އެވެ. ވޯލްޑް ކަޕްގައި ކުޅުނު 15 މުބާރާތުގެ ތެރެއިން ކުއާޓާ ފައިނަލް ހުރަސްކުރި ހަމައެކަނި ފަހަރު ސްޕެއިން ވަނީ ތަށި ނަގައިފަ އެވެ. 2010 ވަނަ އަހަރު ސްޕެއިން ތަށި ނެގީ ނެދަލެންޑްސް ބަލިކޮށްގެންނެވެ. ސައުތު އެފްރިކާގައި އޮތް އެ މުބާރާތް ކާމިޔާބު ކުރުމުން ސްޕެއިން ވެގެންދިޔައީ ޔޫރަޕުން ބޭރުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ޔޫރަޕްގެ ފުރަތަމަ ގައުމަށެވެ.

ވޯލްޑް ކަޕްގައި ހަތަރު ފަހަރު ކުއާޓާ ފައިނަލުގައި ސްޕެއިން ވަނީ ބަލިވެފަ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގައި އެޓީމު ކެޓީ ދެވަނަ ބުރުންނެވެ. ރަޝިއާއާ ވާދަކޮށް އެމެޗުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

ސްޕެއިން ވަނީ 2008 އިން 2012 އާ ހަމައަށް އެޓީމު ވާދަކުރި ވޯލްޑް ކަޕާއި ޔޫރޯގެ ދެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެދުވަސްވަރު ސްޕެއިން އިން ވާދަކުރި ޓީމު ފާހަގަކުރެވެނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޓީމުގެ ގޮތުގަ އެވެ. ތަށީގެ އިތުރުން ސްޕެއިން އިން ވަނީ 2008 އިން 2013 އަށް ފީފާގެ އެންމެ މޮޅު ޓީމުގެ މަގާމް ހޯދާފަ އެވެ.

1992 ވަނަ އަހަރު އޮލިމްޕިކްސް ގޭމްސްގެ ރަން މެޑަލް ސްޕެއިން ވަނީ ހޯދައިފަ އެވެ. ކޮންފެޑެރޭޝަންސްގެ ދެ މުބާރާތުގައި ވާދަކޮށް 2013 ވަނަ އަހަރު ދެވަނަ ހޯދި އެވެ. އަދި އެންމެ ފަހުން ބޭއްވި ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ފްރާންސް އަތުން ސްޕެއިން ވަނީ ބަލިވެފަ އެވެ.

ކޮލިފައިވީ ކިހިނެއް؟

ކޮލިފައިންގައި ސްޕެއިން އެއްވަނަ ހޯދީ ސްވިޑެން، ގްރީސް، ޖޯޖިއާ އަދި ކޮސޯވޯ ހިމެނުނު ގްރޫޕުންނެވެ. ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗު އެޓީމުން ކާމިޔާބުކުރި އެވެ. އެއްވަރުވީ އަމިއްލަ ދަނޑުގައި ގްރީސްއާ ވާދަކުރި މެޗެވެ. ކޮލިފައިންގައި ސްޕެއިން ހަމައެކަނި ބަލިވީ ރަށުން ބޭރުގައި ސްވިޑެންއާ ވާދަކުރި މެޗުންނެވެ.

ފާހަގަކޮށްލެވޭ ކުޅުންތެރިން

ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިންނާ އެކު ސްޕެއިން ޓީމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ގިނަ އެވެ. މީގެ ތެރޭގައި ސްޕެއިންގެ މެދުތެރޭގައި ހަރަކާތްތެރިވާ ޒުވާން ޕެޑްރީ އާއި ގަވީ ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން އަންސޫ ފާޓީ އަކީ ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ތަޖުރިބާކާރު ކުޅުންތެރިންނަށް ބަލާއިރު ޖޯޑީ އަލްބާ ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ވެސް ސްޕެއިން ޓީމުގައި ހިމެނެނީ ވޯލްޑް ކަޕްގައި ތަފާތު ދެއްކޭނެ ފެންވަރުގެ ކުޅުންތެރިންނެވެ.

ސާޖިއޯ ބުސްކެޓްސް

ސްޕެއިންގެ ރަން ޖީލުން މިހާރު ވެސް ޓީމުގައި ގަވާއިދުން ހިމެނޭ އެއް ކުޅުންތެރިޔަކީ ބާސެލޯނާގެ ބުސްކެޓްސް އެވެ. ބުސްކެޓްސް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިންއާ އެކު ކާމިޔާބުކޮށްފަ އެވެ. 2009 ވަނަ އަހަރު ގައުމީ ޓީމުން ޖާގަ ހޯދައި ބުސްކެޓްސް ވަނީ މިހާތަނަށް އެގައުމަށް 139 މެޗު ކުޅެފަ އެވެ.

ގައުމީ ޓީމުގައި ބުސްކެޓްސް ޖާގަ ކަށަވަރުކުރީ ބާސެލޯނާގައި ދައްކަން ފެށި މޮޅު ކުޅުމާ އެކު އެވެ. ބުސްކެޓްސް ވަނީ 2008 ވަނަ އަހަރު ބާސެލޯނާގެ ސީނިއާ ޓީމުގައި ހިމެނި މިހާތަނަށް 600 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. ބާސެލޯނާއާ އެކު 30 ތަށި ބުސްކެޓްސް ވަނީ ކާމިޔާބުކޮށްފަ އެވެ.

އަލްވާރޯ މޮރާޓާ

30 އަހަރުގެ މޮރާޓާ އަކީ ސްޕެއިންގެ އެޓޭކުގައި ކޯޗު ބަރޯސާވާ މުހިއްމު ކުޅުންތެރިއެކެވެ. މިދިޔަ ޔޫރޯގައި މޮރާޓާ ވަނީ ކުޅުނު ހަ މެޗުގައި ތިން ގޯލު ޖަހައިފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގެ އަށް މެޗުގެ ތެރެއިން ހަތް މެޗުގައި ކުޅެ މޮރާޓާ ވަނީ ދެ ގޯލު ޖަހައި އެއް ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ.

މޮރާޓާ އަށް ސްޕެއިން ގައުމީ ޓީމުން ފުރުސަތު ލިބުނީ 2014 ވަނަ އަހަރު އެވެ. އޭގެފަހުން އެޓީމަށް ކުޅުނު 57 މެޗުގައި 27 ގޯލު ވަނީ ޖަހައިފަ އެވެ.

މޮރާޓާ ކްލަބް ކެރިއަރު ފެށީ ރެއާލް މެޑްރިޑުންނެވެ. އޭގެފަހުން އޭނާ ވަނީ މަޝްހޫރު ކްލަބްތައް ކަމަށްވާ ޗެލްސީ އާއި އެތުލެޓިކޯ މެޑްރިޑް އަދި ޔުވެންޓަސް އަށް ކުޅެފަ އެވެ. މިހާރު ޔުވެންޓަސް އަށް ކުޅެމުން އަންނަނީ އެތުލެޓިކޯ މެޑްރިޑުގެ ލޯނު އުސޫލުންނެވެ.

ކޯޗު: ލުއިސް އެންރީކޭ

އެންރީކޭ 2018 ވަނަ އަހަރު ސްޕެއިން ޓީމުގެ ކޯޗުކަމުގައި ހުރިއިރު އާއިލީ ކަމެއް ދިމާވުމުގެ ސަބަބުން އެ މަގާމުން އިސްތިއުފާދިނެވެ. އޭގެފަހުން އެންރީކޭ ސްޕެއިންގެ ކޯޗުކަމާ އަލުން ހަވާލުވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެންރީކޭގެ އިރުޝާދުގެ ދަށުން މިދިޔަ ޔޫރޯގެ ސެމީ ފައިނަލުގައި ސްޕެއިން ވާދަކުރި އެވެ.

އެންރީކޭ 2014 އިން 2017 އަށް ބާސެލޯނާގެ ކޯޗުކަން ކޮށްފަ އެވެ. އޭނާގެ ކޯޗުކަމުގައި ބާސެލޯނާ އިން ދެ ލީގު ތައްޓާއި ޗެމްޕިއަންސް ލީގު އުފުލާލި އެވެ.