ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތައް ގަތުމަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި އެވެ.
އެޗްޑީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު އާތިފް ވިދާޅުވީ ވިނަރެސް ފްލެޓްތަކަށް އެދި ހުށަހަޅާފައިވަނީ ޖުމްލަ 1413 ފޯމު ކަމަށެވެ. މީގެތެރެއިން ވަގުތީ ލިސްޓުގައި ފްލެޓް ލިބޭ މީހުންގެ ގޮތުގައި އާންމުކޮށްފައިވަނީ 723 ފަރާތެއްގެ ނަމެވެ.
"މި 723 ފަރާތްތަކުގެ ތެރެއިން މީގެ ތެރެއިން ލޯނަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅައި އެކަން ފާސްކުރުން ދެން ކުރިއަށް އޮންނާނީ" އާތިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުދޭވަރަކަށް ގިނަ މީހުންގެ އެޕްލިކޭޝަންތަކުގައި ބައެއް މުހިއްމު ލިޔެކިޔުންތައް މަދުވާ ކަމަށެވެ. އެ ލިޔުންތަކަކީ ލޯނަށް ޝަރުތު ހަމަވާކަން ޔަގީންކުރުމަށް މުހިންމު ލިޔެކިޔުންތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.
ޕްލޭނިން މިންސްޓްރީން ކަނޑައެޅި ވަގުތީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ލިޔުންތައް ހަމަނުވާ މީހުންނަށް ލިޔުންތައް ހަމަކުރުމަށް ފަސްދުވަހުގެ މުހްލަތެއް ވަނީ ދީފަ އެވެ.
އާތިފް ވިދާޅުވީ އެޗްޑީސީ އިން އަބަދުވެސް އެންމެ އިސްކަންދޭ މައިގަނޑު އެއްކަމަކީ ރައްޔިތުންގެ އިތުބާރު ހޯދުން ކަމަށެވެ.
"ވަގުތީ ލިސްޓެއް އިއުލާނު ކުރުމަށް ފަހުވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި. މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހުގެ މުއްދަތަށް ރައްޔިތުންގެ ޝަކުވާ އަޑުއަހައި އެޗްޑީސީއިން އެއަށް ޖަވާބުދާރީ ވާނެ" އާތިފް ވިދާޅުވި އެވެ.
ލިސްޓުގައި ހިމެނޭ ފަރާތްތަކަށް މާލީ ބަޔާން ހުށަހެޅުމަށް އޯޕަންޑޭއެއް ވެސް ބާއްވަން އެޗްޑީސީ އިން ވަނީ ނިންމާފަ އެވެ. އެގޮތުން ޑިސެމްބަރު މަހުގެ 6 އިން 12 އަށް އޯޕަންޑޭ ކުރިއަށް ދާނެ އެވެ. ކޮންމެ ދުވަހަކު ހެނދުނު 9 އިން 3 އަށް ބާއްވާ މި އޯޕަންޑޭގައި ދުވަހާއި ވަގުތު ކަނޑައަޅައިގެން ވަކިވަކިން މީހުން ގެންގޮސް މަޝްވަރާ ކުރާނެ ކަމަށްވެސް އެޗްޑީސީއިން މައުލޫމާތުދެ އެވެ. މައުލުމާތު ހިއްސާ ކުރާނީ އެޗްޑީސީގެ ޕޯޓަލް އަދި އީމެއިލް މެދުވެރިކޮށް ކަމަށާއި އެއްވެސް މެސެޖެއް އެޗްޑީސީ އިން އެއްވެސް ފަރާތަކަށް ނުކުރާނެ ކަމުގައިވެސް އެ ކުންފުނިން ބުންޏެވެ.
ވިނަރެސް ފްލެޓްތަކުގެ ވަގުތީ ލިސްޓް މިއަދު އިއުލާންކޮށްފައިވާއިރު ދާއިމީ ލިސްޓް މިއަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިއުލާނުކުރުމަަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޑީސީ އިން ބުނެފައިވެ އެވެ.