އާބަންކޯ

ވިނަރެސް ފްލެޓްތައް އަންނަ މަހު ވިއްކަން ހުޅުވާލަނީ

ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފުލެޓްތަކުގެ ތެރެއިން ނުވިކި ހުރި ފުލެޓްތައް ވިއްކާލުމަށް އަންނަ މަހުގެ ފަސްވަނަ ދުވަހު ހުޅުވާލުމަށް އާބަންކޯ އިން ނިންމައިފި އެވެ.

އާބަންކޯ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ވިނަރެސް ފުލެޓް ގަންނަން ބޭނުންވެ ޝަރުތު ހަމަވާ މީހުންނަން ފުލެޓް ވިއްކުމަށްފަހުވެސް އިތުރަށް ފުލެޓް ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ވިނަރެސް ފްލެޓްތަކަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލުމުން 1،413 ފަރާތަކުން ފޯމު ހުށަހެޅި އެވެ. އަދި ފްލެޓް ލިބޭ ބައެއް މީހުންނަށް މިހާރު ވަނީ ފްލެޓް ހަވާލުވެސް ކޮށްފަ އެވެ.

އާބަންކޯ އިން ބުނީ މާލީ ތަނަވަސްކަން ފުރިހަމަނުވާ ފަރާތްތަކާއި ފްލެޓް އިހުތިޔާރު ކުރަން ހާޒިރުނުވާ މީހުންގެ ފޯމް ބާތިލުކުރާނެ ކަމަށެވެ.

ވިނަރެސް ފްލެޓްގެ އާންމު މައުލޫމާތު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. މީގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފަރާތްތަކުން އަގު އަދާކޮށް ނިމޭއިރު އެޕާޓްމަންޓްގެ އަގު ދެގުނައާ ގާތްކުރާނެ އެވެ.

ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެެނެ އެވެ.

މި މަޝްރޫއު އެއްކޮށް ނިމޭއިރު ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން ޒޯން، އަދި ސީސީޓީވީ ކެމެރާ ހުންނާނެ އެވެ. މި ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފްލޯ ކޮމާޝަލް ސްޕޭސްތަކަށް ހާއްސަ ކުރެވޭނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ. ކޮމާޝަލް ސްޕޭސްގައި ސުޕަ މާކެޓް، އޮފީސް ސްޕޭސް، މެދު ފަންތީގެ ފިހާރަތައް، ކެފޭ / ރެސްޓޯރެންޓް، ޖިމް ހިންގާނެ ޖާގަ އަދި އިތުރު ހަރަކާތްތައް ހިންގާނެ ހުސް ޖާގަ ލިބިގެންދާނެ ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.