ވިނަރެސް ފްލެޓް

ވިނަރެސް ފްލެޓްގެ ކުލި 10،000 ރުފިޔާއަށް ކުޑަކުރަން ހުށަހަޅައިފި

ވިނަރެސް ފްލެޓްތަކުގެ މަހު ކުލި 10،000 ރުފިޔާއަށް ކުޑަކޮށްދިނުމަށް 130 މީހަކު ސޮއިކޮށްފައިވާ ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ވިނަރެސް ފްލެޓް ލިބުނު މީހުން ސޮއިކޮށް ރައީސް އޮފީހާއި އާބަންކޯއަށް ހުށަހަޅާފައިވާ ޕެޓިޝަންގައި ބުނެފައިވަނީ ވިނަރެސްގެ އެޕާޓްމަންޓްތައް ހަދާފައިވަނީ ލަގްޒަރީ ފެންވަރުގައި ކަމަށް ބުނި ނަމަވެސް އެތަނުގައި އެ ކޮލިޓީ ނެތް ކަމަށެވެ. އެހެންވެ ލަގްޒަރީ އެޕާޓްމަންޓެއްގެ އަގުގައި އެތަންތަން ވިއްކުމަކީ ރައްޔިތުންގެ އިހްސާސްތަކަށް ބެލުމެއް ނެތި ކޮށްފައިވާ ކަމެއް ކަމަށް ސިފަކޮށްފައިވެ އެވެ.

ޕެޓިޝަންގައި ފާހަގަކޮށްފައިވާ މައްސަލަތައް

  • ފިނިޝިން މަސައްކަތާއި ބޭނުންކޮށްފައިވާ ތަށިމުށީގެ ފެންވަރު ދަށްވުން
  • ޓެރަސްގައި ދޮރު ހަރުކުރުމަށާއި ތަށިމުށި ޖެހުމަށް ބޮޑު ހަރަދެއް ކުރަންޖެހުން
  • ބަދިގޭގައި ހުޑް ނެތި ތަނުގެ ސެޓަޕް ފުރިހަމަ ނުވުން
  • ކުޑަދޮރުތައް އެތެރެއަށް ހުޅުވާ ގޮތަށް ހުރުމުން 15 އަކަފޫޓު އެތެރެއިން ގެއްލުން

ވިނަރެސްގެ އެޕާޓްމަންޓަށް ޑައުންޕޭމަންޓްގެ ގޮތުގައި 375،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަންޖެހެ އެވެ. އަދި އެތަނުގެ ކުލީ ގޮތުގައި މަހަކު 16،000 ރުފިޔާ ދައްކަންޖެހެ އެވެ. އަދި ބޭންކުން ލޯން ނަގައިގެން އެޕާޓްމަންޓް ގަންނަނަމަ 20 އަހަރު ވަންދެން ބޭންކަށްވެސް ކޮންމެ މަހަކު ބޮޑު އަދަދެއް ދައްކަންޖެހެ އެވެ.

ވިނަރެސް ފްލެޓެއްގެ މަހު ކުލި 7،000 ރުފިޔާއަށް ހެދެންވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ކަމަށް ފާހަގަކުރައްވާ ޕެޓިޝަންގައި ވަނީ ކުލި ކުޑަކޮށްދޭން އެދިފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ވަނީ ވިނަރެސް ފްލެޓްގެ ޑައުންޕޭމަންޓް 50 ޕަސަންޓް ކުޑަކުރުމަށާއި ކުލީގެ ގޮތުގައި މިހާރު ދައްކާ އަދަދު 4،200 ރުފިޔާ ވަރު އުނިކުރަން ނިންމަވާފައިވާ ކަމަށް އިއުލާންކުރައްވާފަ އެވެ. ނަމަވެސް ރައީސް ވިދާޅުވި ގޮތާއި އާބަންކޯ އިން މިހާރު ދޭ މައުލޫމާތާ ދިމާނުވާ ކަމަށްވެސް ވިނަރެސް ފްލެޓް ލިބުނު ބައެއް މީހުން ބުނެ އެވެ.

ނިމިދިޔަ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ވަނީ މިދިޔަ އޮކްޓޫބަރުގެ ތެރޭގައި ވަނީ ވިނަރެސްގެ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓުން ހަ ޕަސެންޓަށް ކުޑަ ކުރަން ނިންމާފަ އެވެ.

ވިނަރެސް ފްލެޓްގެ އާންމު މައުލޫމާތު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. މީގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފަރާތްތަކުން އަގު އަދާކޮށް ނިމޭއިރު އެޕާޓްމަންޓްގެ އަގު ދެގުނައާ ގާތްކުރާނެ އެވެ.

ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެެނެ އެވެ.

މި މަޝްރޫއު ނިމޭއިރު ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން ޒޯން، އަދި ސީސީޓީވީ ކެމެރާ ހުންނާނެ އެވެ. މި ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފްލޯ ހާއްސަކުރަން ނިންމާފައިވަނީ ކޮމާޝަލް ސްޕޭސް އަށެވެ. ކޮމާޝަލް ސްޕޭސްގައި ސުޕަ މާކެޓް، އޮފީސް ސްޕޭސް، މެދު ފަންތީގެ ފިހާރަތައް، ކެފޭ / ރެސްޓޯރެންޓް އަދި ޖިމް ހިންގާނެ ޖާގަ އަދި އިތުރު ހަރަކާތްތައް ހިންގާނެ ހުސް ޖާގަ ލިބިގެންދާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.