އާބަންކޯ

ޓެކްނިކަލް މައްސަލަ ހައްލުކޮށް ވިނަރެސް ފްލެޓް ގަންނަން ހުޅުވާލާނެ: އާބަންކޯ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކުގައި ނުވިކި ހުރި ފްލެޓްތައް ގަތުމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އިއްޔެ އޮންލައިން ޕޯޓަލް ހުޅުވާލުމުން ދިމާވި ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށްފަހު ވިނަރެސް ފްލެޓްތައް ގަތުމުގެ ފުރުސަތު ހުޅުވާލާނެ ތާރީހެއް އިއުލާނު ކުރާނެ ކަމަށް އާބަންކޯ އިން ބުނެފި އެވެ.

ވިނަރެސް ފްލެޓްތަކުގައި ނުވިކި ހުރި ފްލެޓްތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިއްޔެ ފުރުސަތު ހުޅުވާލުމާއެކު ފްލެޓްތައް ވިކި ހުސްވެފައިވާއިރު ފޯމު ހުށަހެޅުމަށް ހުޅުވާލި ވަގުތު އޮންލައިން ޕޯޓަލްއަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވި އެވެ.

އާބަންކޯ އިން ބުނީ ޓެކްނިކަލް މައްސަލަތަކާއި ގުޅޭ ގޮތުން އެ ކޯޕަރޭޝަނަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން ޝަކުވާތަކާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރެވިފައިވާތީ ފްލެޓް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މަޑުޖައްސާލުމަށް ވަނީ ނިންމާފައިވާ ކަމަށް އާބަންކޯ އިން ވަނީ ބުނެފަ އެވެ.

އާބަންކޯ އިން ބުނީ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށްފަހު ވިނަރެސް މަޝްރޫއުއިން ފްލެޓް ގަތުމުގެ ފުރުސަތު ހުޅުވާލާނެ ތާރީހެއް އިއުލާނު ކުރާނެ ކަމަށެވެ.

ވިނަރެސް ފްލެޓްތަކުގެ ގޮތުގައި 1،344 ފްލެޓް ހިމެނޭއިރު މީގެ ތެރެއިން 288 ފްލެޓެއް ލިބުނު މީހުންނާ އެކު އާބަންކޯ އިން ކުރިން އޮތީ އެއްބަސްވުން ހަދާފަ އެވެ. އަދި އިތުރު ބަޔަކާ އެކު އެއްބަސްވުން ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އަދި އެއްބަސްވުން ހެދި ބައެއް މީހުން މިހާރު ވަނީ ފްލެޓްތަކުގައި ދިރިއުޅެންވެސް ފަށާފަ އެވެ.

އާބަންކޯ އިން އިއްޔެ ހެނދުނު 10:00 ޖެހިއިރު ވިއްކާލަން ހުޅުވާލީ ކުރިން ނުވިކި ހުރި 123 ޔުނިޓެވެ.