ވިނަރެސް ފްލެޓް

ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފި

ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފި އެވެ.

އާބަންކޯ އިން ބުނީ އަލަށް ގެނައި ބަދަލާ އެކު ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުން ޑައުންޕޭމެންޓަށް ދައްކަންޖެހޭ އަދަދުގެ 15 ޕަސަންޓް ދެއްކުމުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ.

ތިންމަސް ދުވަހުގެ ތެރޭގައި ޑައުންޕޭމަންޓްގެ އަދަދު އެއްކޮށް ދައްކައި ނިމުމުން ޔުނިޓްގެ ތަޅުދަނޑި ހަވާލުކުރާ ގޮތަށް އާބަންކޯ އިން މިހާރު ވަނީ ނިންމާފަ އެވެ. އޭގެފަހުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރެވިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ވިނަރެސް އެޕާޓްމަންޓްތަކަކީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އާބަންކޯ އިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ކުރިމަތިނުވެ ކުރިއަށްދިޔަ މަޝްރޫއެކެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސްގެ 10 ޓަވަރުގެ މަޝަރޫއަކީ އާބަންކޯ އިން ފުރަތަމަ ފަހަރަށް މެދުފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ފެށި މަޝްރޫއެވެ.

ވިނަރެސް ފްލެޓްގެ އާންމު މައުލޫމާތު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. މީގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފަރާތްތަކުން އަގު އަދާކޮށް ނިމޭއިރު އެޕާޓްމަންޓްގެ އަގު ދެގުނައާ ގާތްކުރާނެ އެވެ.

ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެެނެ އެވެ.

މި މަޝްރޫއު ނިމޭއިރު ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން ޒޯން، އަދި ސީސީޓީވީ ކެމެރާ ހުންނާނެ އެވެ. މި ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފްލޯ ކޮމާޝަލް ސްޕޭސްތަކަށް ހާއްސަ ކުރެވޭނެ ކަމަށް އާބަންކޯ އިން ބުނެ އެވެ. ކޮމާޝަލް ސްޕޭސްގައި ސުޕަ މާކެޓް، އޮފީސް ސްޕޭސް، މެދު ފަންތީގެ ފިހާރަތައް، ކެފޭ / ރެސްޓޯރެންޓް އަދި ޖިމް ހިންގާނެ ޖާގަ އަދި އިތުރު ހަރަކާތްތައް ހިންގާނެ ހުސް ޖާގަ ލިބިގެންދާނެ ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.