އާބަންކޯ

ވިނަރެސް ފްލެޓްތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްފި

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ މީހުން ދައްކަން ޖެހޭ އިންޓްރެސްޓް ރޭޓް ނުވަ ޕަސެންޓުން ހަ ޕަސަންޓަށް ކުޑަކޮށްފި އެވެ.

އިންޓްރެސްޓް ރޭޓަށް ގެނައި މި ބަދަލާއެކު ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ މީހުންނަށް ފައިސާ ދެއްކުމުގައި ލުއިވެގެންދާނެކަން އާބަންކޯ އިން ވަނީ ފާހަގަކޮށްފަ އެވެ.

އާބަންކޯ އިން ބުނި ގޮތުގައި މިފަދަ ބަދަލެއް ގެނެވިފައިވަނީ ހަމައެކަނި ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކަށް އެކަންޏެއް ނޫނެވެ.

ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އަބަންކޯ އިން ހިންގާފައިވާ ވިނަރެސް މަޝްރޫއުގައި މިހާރު މުޅި ޖުމްލަ 288 އެގްރީމެންޓްގައި ވަނީ ސޮއިކޮށްފަ އެވެ.

ވިނަރެސް ފްލެޓްގެ އާންމު މައުލޫމާތު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. މީގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފަރާތްތަކުން އަގު އަދާކޮށް ނިމޭއިރު އެޕާޓްމަންޓްގެ އަގު ދެގުނައާ ގާތްކުރާނެ އެވެ.

ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެެނެ އެވެ.

މި މަޝްރޫއު ނިމޭއިރު ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން ޒޯން، އަދި ސީސީޓީވީ ކެމެރާ ހުންނާނެ އެވެ. މި ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފްލޯ ކޮމާޝަލް ސްޕޭސްތަކަށް ހާއްސަ ކުރެވޭނެ ކަމަށް އާބަންކޯ އިން ބުނެ އެވެ. ކޮމާޝަލް ސްޕޭސްގައި ސުޕަ މާކެޓް، އޮފީސް ސްޕޭސް، މެދު ފަންތީގެ ފިހާރަތައް، ކެފޭ / ރެސްޓޯރެންޓް އަދި ޖިމް ހިންގާނެ ޖާގަ އަދި އިތުރު ހަރަކާތްތައް ހިންގާނެ ހުސް ޖާގަ ލިބިގެންދާނެ ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.