ދަރަނބޫދޫ

ދަރަބޫނދޫ ގޮނޑުދޮށް ހިމާޔަތްކޮށްދިނުމަށް ދަންނަވައިފި

Nov 27, 2022

ފ. ދަރަބޫދޫގެ ގޮނޑުދޮށް ހިމާޔާތް ކުރުމަށް ބޭނުންވާ ބަޖެޓު ކަނޑައަޅައިދީ އެ މަސައްކަތް ކޮށްދިނުމަށް ދަރަބޫދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުން އެދިއްޖެ އެވެ.

ދަރަނބޫދޫ ރައްޔިތުންގެ ފަރާތުން މިކަމަށް އެދިފައިވަނީ ދަރަނބޫދޫ ކައުންސިލަރުންނާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން މިއަދު ރައީސް އޮފީހުގައި ރައީސް ސޯލިހާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދަރަނބޫދޫ ކައުންސިލަރުން ވަނީ ކުޑަ ރަށެށް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ތަރައްގީ ހޯދައިދިނުމަށް މި ސަރުކާރުން އަހައްމިއްޔަތުކަން ދޭ މިންވަރު ފާހަގަކުރައްވާފަ އެވެ. އެގޮތުން ފ. އަތޮޅަށް އެކަނި ބެލި ނަމަވެސް އެންމެ ޖާގައިގެ ގޮތުން ތަނަވަސް، އެންމެ ފަސޭހަ ބަނދަރު ދަރަނބޫދޫގައި ގާއިމުކޮށްދީފައިވާ ކަން ކައުންސިލަރުން ފާހަގަކުރެެއްވި އެވެ.

ދަރަނބޫދޫ ކައުންސިލަރުން ވަނީ އެރަށުގެ ތަރައްގީއަށް މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ދަރަނބޫދޫގެ ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަން ފާހަގަކުރެއްވި އެވެ. އަދި އިޖުތިމާއީ މަރުކަޒެއްގެ މުހިއްމުކަމާއި، ރަށުގެ ބިނާވެށި ޕްލޭން ފާސްކުރުމަށް ބޭނުންވާ ކަމުގައިވެސް ކައުންސިލަރުން ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ދަރަނބޫދޫ ކައުންސިލްގެ ބަޖެޓުގެ ދަތިކަމާއި، ސްކޫލްގެ ޖާގައިގެ ދަތިކަން އަދި ދަރަނބޫދޫ ސިއްހީ މަރުކަޒުގެ ތަރައްގީއަށް ބޭނުންވާ ކަންކަމުގެ މައުލޫމާތުވެސް ރައީސް ސޯލިހާ ހިއްސާކުރައްވާފައިވެ އެވެ.