ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތައް ގަތުމަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް މިއަދު އާންމުކުރި އިރު އެ ލިސްޓުގައި ސީލައިފް އާއި ގުޅީފަޅުން ފްލެޓް ލިބުނު މީހުންނާއި އަދި ހިޔާއިން ފުލެޓް ދޫކޮށްލި މީހުން ނުހިމެނޭ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަދު އާއްމު ކުރި ވަގުތީ ލިސްޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ޕްލޭނިން މިނިސްޓްރީން ކަނޑައަޅާފައިވާ ޕޮއިންޓް ސިސްޓަމަށް ބަލައި އެ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ.
"މި ލިސްޓުގައި ހިޔާ ފުލެޓުތަކުން ފުލެޓު ދޫކޮށްލި ފަރާތްތަކާއި ގުޅީފަޅުންނާއި އަދި ސީލައިފް އިން ފުލެޓު ގަނެފައިވާ ފަރާތްތަކަށް, ވިނަރެސް މަޝްރޫއިން ފުލެޓު ދޭން ނިންމި އެއްވެސް ފަރާތެއްގެ ނަމެއް މި ލިސްޓުގައި ނުހިމެނޭނެ އެވެ." ބަޔާނުގައިވެ އެވެ.
އެޗްޑީސީން ވަނީ ހިޔާ ފުލެޓުތަކުން ފުލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ފުލެޓު ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ވިނަރެސް ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފަ އެވެ. އަދި ގުޅީފަޅުންނާއި ސީލައިފް މަޝްރޫއުން ފުލެޓް ގަނެފައިވާ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި ވިނަރެސް މަޝްރޫއިން ފުލެޓު ހިޔާރުކުރުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ.
"މިއަދު މި އާންމުކުރެވުނު ލިސްޓުގައި މި ދެންނެވި އެއްވެސް ފަރާތްތަކެއްގެ ނަމެއް ނުހިމެނޭނެ އެވެ،" އެޗްޑީސީން ބުންޏެވެ.
މާލޭގައި ދިމާވެފައިވާ ބޯހިޔާވަހި ކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިނަރެސް މަޝްރޫއުން ވަކި އަދަދެއްގެ ފުލެޓް ވަނީ މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސް ވެފައިވާ މީހުންނަށާއި މާލޭ ރަށްވެހިންނަށް ހާއްސަ ކޮށްފަ އެވެ. އެގޮތުން މާލޭގައި ދިރިއުޅޭތާ މަދުވެގެން 15 އަހަރު ވެފައިވާ މީހުންނަށާއި މާލޭގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ހާއްސަކޮށްފައިވެ އެވެ. އަދި ޕްލޭނިން މިނިސްޓްރީން ވަނީ ފުލެޓަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ މީހުން ކަނޑައެޅުމަށް ޕޮއިންޓް ދޭނެ އިންތިޒާމެއް ވެސް ކަނޑައަޅާފަ އެވެ.
މިއީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި އެންމެ ހައްގުވާ ފަރާތްތަކަށް ފުލެޓް ދިނުމަށް ޕްލޭނިން މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތަކެއް ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.