މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ތިން ރަށެއްގެ ތަރައްގީގެ މަޝްރޫއު އެމްޓީސީސީއަށް

ތިން ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

އެމްޓީސީސީއާ ހަވާލުކުރީ ހދ. ފިނޭގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއާއި، މ. މުލީގެ ބަނދަރު އަލުން ހެދުމުގެ މަޝްރޫއުގެ އިތުރުން ރ. ރަސްމާދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއެވެ.

ހދ. ފިނޭގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު

ފިނޭގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން 41،332.21 ކިއުބް މީޓަރަށް ބަނދަރު ފުން ކުރާނެ އެވެ. އަދި 5،848.05 ކިއުބް މީޓަރަށް ނެރު ފުން ކުރާނެ އެވެ. މީގެ އިތުރުން 219 މީޓަރުގެ ބްރޭކްވޯޓާ ޖެހުމާއި 82 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 25 މީޓަރުގެ ގްރޮއިން ޖެހުމާއި 248 މީޓަރުގެ އެއްގަމު ތޮށި ޖެހުން ހިމެނެ އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 248 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި 10 މޫރިން ބޮއި ހަރުކުރުމުގެ އިތުރުން 90 އަކަމީޓަރުގެ ރޭންޕެއް ހެދިގެން ދާނެ އެވެ.

މި މަޝްރޫއު ނިމިގެން ދާއިރު ދެ ނެވިގޭޝަން ލައިޓް ހަރުކޮށް 19 މަގު ބައްތި ހަރުކުރުމުގެ އިތުރުން 2198 އަކަމީޓަރުގެ ޕޭވްމެންޓެއްވެސް ހެދިގެން ދާނެ އެވެ. މި މަސައްކަތް ނިންމަން 450 ދުވަސް ދީފައިވާއިރު މި މަސައްކަތުގެ އަގަކީ 47.3 މިލިއަން ރުފިޔާ އެވެ.

މ. މުލި ބަނދަރު އަލުން ހެދުމުގެ މަޝްރޫއު

މި މަޝްރޫއުގެ ދަށުން 33،888.00 ކިއުބް މީޓަރަށް ބަނދަރު ފުން ކުރުމުގެ އިތުރުން 6،254.00 ކިއުބް މީޓަރަށް ނެރު ފުން ކުރެވިގެން ދާނެ އެވެ. މީގެ އިތުރުން 213 މީޓަރު ސޭންޑްފިލް ބްރޭކްވޯޓަރ ޖެހުމާއި، 89 މީޓަރު ރިވެޓްމެންޓް ޖެހުމުގެ އިތުރުން 479 މީޓަރު އެއްގަމު ތޮށި ޖަހާނެ އެވެ.

ހަމައެއާއެކު 467 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި 10 މޫރިން ބޮއި ހަރުކުރުމުގެ އިތުރުން އެކްސެސް ޕްލެޓްފޯމެއްވެސް މި މަޝްރޫއުގެ ދަށުން އެޅިގެން ދާނެ އެވެ.

މި މަޝްރޫއު ނިންމަން 550 ދުވަހުގެ މުއްދަތެއް ދީފައިވާއިރު މަސައްކަތް ނިމޭއިރު ތިން މީޓަރުގެ ކޮންކްރީޓް ބްރިޖެއް ހެދި ދެ ނެވިގޭޝަން ލައިޓް ހަރުކުރެވި، 27 މަގު ބައްތި ހަރުކުރުމުގެ އިތުރުން 2370 އަކަ މީޓަރުގެ ޕޭވްމަންޓެއްވެސް ހެދިގެން ދާނެ އެވެ. މި މަޝްރޫއުގެ މަސައްކަތުގެ އަގަކީ 65.6 މިލިއަން ރުފިޔާ އެވެ.

ރ. ރަސްމާދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު

ރަސްމާދޫ ދެކުނު ފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި 157 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 45 މީޓަރުގެ ޓީ-ގްރޮއިން ޖެހުމުގެ އިތުރުން ގްރޮއިންގެ ގޮތުގައި 43 މީޓަރު ގާއިމުކުރެވި އެރަށުގެ ގިރަމުންދާ ގޮނޑުދޮށް ހިމާޔަތް ކުރެވިގެން ދާނެ އެވެ.

މި މަޝްރޫއުގެ މަސައްކަތް ނިންމަން 210 ދުވަހުގެ މުއްދަތެއް ދީފައިވާއިރު މި މަސައްކަތުގެ އަގަކީ 17.9 މިލިއަން ރުފިޔާ އެވެ.