އެމްޓީސީސީ

މީމު އެއާޕޯޓް ނޮވެމްބަރަށް ނިންމަނީ

މ. މުލީގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މީމު އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ އޭޕްރީލް މަހު ނިންމައި ރައްޔިތުންނަށް އެއާޕޯޓުގެ ހިދުމަތް ދެވޭ ވަރަށް މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ދިމާވި ބައެއް ސަބަބުތަކާ ގުޅިގެން އެ ތާރީހަށް އެއާޕޯޓުގެ މަސައްކަތް ނިންމާ ނުލެވޭނެ ކަމަށް އެމްޓީސީސީއާއި މުލި ކައުންސިލުން ބުނެ އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މީމު އެއާޕޯޓްގެ ޑިޒައިނަށް ފަހުން ބަދަލުތަކެއް ގެނެސްފައިވާތީއާއި އެއާޕޯޓް އެޅުމަށް ކުރިން ކަނޑައަޅާފައިވާ ވަރަށް ވުރެ އިތުރަށް ބިން ހިއްކަން ޖެހުމަކީ އެއާޕޯޓްގެ މަސައްކަތް ލަސްވި މައިގަނޑު ސަބަބު ކަމަށެވެ. މީމު އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު އެ އެއާޕޯޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިހާރު ލަފާކުރެވެނީ ނޮވެމްބަރަށް ކަމުގައިވެސް ވިދާޅުވި އެވެ.

"މީމު އެއާޕޯޓް ހެދުމުގައި އަޅުގަނޑުމެން މަސައްކަތް ބަދަލުކުރީ ރައްޔިތުން ވެސް އެގޮތް ބޭނުންވާތީ ރައްޔިތުން އެދޭ ގޮތަށް. ޕްލޭނަށް ބަދަލުތަކެއް އައުމުން އެއާޕޯޓްގެ މަސައްކަތަށް ލަސްތަކެއް މިހާރު އައިސްފައި އެވަނީ." އާޒިމް ވިދާޅުވި އެވެ.

މީމު އެއާޕޯޓުގެ މަސައްކަތް ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން މުލީ ކައުންސިލް މެމްބަރު އަހްމަދު ސާކިފް އަވަސް އަށް ވިދާޅުވީ އެއާޕޯޓްގެ މަސައްކަތުގެ ސްޕީޑް މިވަގުތަށް ލަސް ކަމަށެވެ. އެއާޕޯޓުގައި މިވަގުތު ކުރާ މަސައްކަތަކީ ފަޔާ ބިލްޑިންގެ ދެވަނަ ޝީޓް އަޅަން ތަނބު ޖެހުމުގެ މަސައްކަތް ކަމުގައިވެސް ވިދާޅުވި އެވެ.

ސާފިކް ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހަށް ކައުންސިލްގެ ފަރާތުން މިދިޔަ މަހު ސިޓީއެއް ވެސް ފޮނުވާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ކަންބޮޑުވުންތައް އެމްޓީސީސީއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

"އެންމެ ފަހުން އެމްޓީސީސީން އެއާޕޯޓް ނިމޭނެ ތާރީހަކަށް ދިނީ ނޮވެމްބަރު މަސް. އެކަމު މަސައްކަތުގެ ސްޕީޑް ހުރި ގޮތުން ހިޔެއް ނުވޭ ނޮވެމްބަރަށް އެއާޕޯޓް ނިމޭނެހެނެއް. އަޅުގަނޑުމެން އުއްމީދު ކުރަން އެ ތާރީހަށް ނިމޭނެ ކަމަށް. އެއާޕޯޓް ނިންމުން ލަސްވުމުގައި އަޅުގަނޑުމެން ރައްޔިތުން އެދުނު ކަންކަން ކުރަންޖެހުމުން އައި ލަސްކަމެއް އުޅޭކަން ވެސް ގަބޫލުކުރަން،" ސާކިފް ވިދާޅުވި އެވެ.

ސާކިފް އިތުރަށް ވިދާޅުވީ އެއާޕޯޓް އެޅުމަށް ކުރިން ހިއްކި ބިމުގެ އިތުރަށް، އަދިވެސް ބިން ހިއްކަން ޖެހޭތީ އެ މަސައްކަތަށް މަހާޖައްރާފް މިމަހުގެ ތެރޭގައި އެރަށަށް ފޮނުވޭތޯ ބަލަމުންދާ ކަމަށް އެމްޓީސީސީން ބުނާ ކަމަށެވެ.

"މަހާ ޖައްރާފް މ. އަތޮޅަށް ގެނެސް އެންމެ ފުރަތަމަ ބޭނުންކުރާނީ އެއާޕޯޓަށް ބިން ހިއްކުމަށް ކަަމަށް އެމްޓީސީސީން އޮތީ ބުނެފައި،" ސާކިފް ވިދާޅުވި އެވެ.

އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން މުލީގައި އެއާޕޯޓެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފެބްރުއަރީ 28، 2020 ވަނަ ދުވަހު އެވެ.

މިމަސައްކަތުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓެކްސީވޭއަކާއި، އޭޕްރަންގެ އިތުރުން ޓާމިނަލެއް ވެސް ހަދާނެ އެވެ.

މީމު އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު ށ. އަތޮޅު ބިލަތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އެޅުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.