އެމްޓީސީސީ

މީމު އެއާޕޯޓްގެ އެންމެ ފަހުގެ އަޕްޑޭޓް ދީފި

މ. މުލީގައި އަޅަމުންދާ އެއާޕޯޓްގެ އެންމެ ފަހުގެ އަޕްޑޭޓް އެމްޓީސީސީން ދީފި އެވެ.

އެމްޓީސީސީން ބުނީ މީމު އެއާޕޯޓްގެ މަސައްކަތް ހަލުވިކަމާއި އެކުގައި ކުރިއަށްދާ ކަމަށެެވެ. އަދި އެތަނުގައި އިމާރާތް ކުރަމުންދާ ފަޔާ ބިލްޑިންގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. ފަޔާ ބިލްޑިންގައި ގާއިމުކުރާ ފަޔާ ޕޮންޑުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން އަވަސް އަށް ވިދާޅުވީ މީމު އެއާޕޯޓްގެ ޑިޒައިނަށް ފަހުން ބަދަލުތަކެއް ގެނެސްފައިވާތީއާއި އެއާޕޯޓް އެޅުމަށް ކުރިން ކަނޑައަޅާފައިވާ ވަރަށް ވުރެ އިތުރަށް ބިން ހިއްކަން ޖެހުމަކީ އެއާޕޯޓްގެ މަސައްކަތް ލަސްވި ސަބަބު ކަމަށެވެ. އަދި އެއާޕޯޓް އެއްކޮށް ނިންމާލެވޭނީ މި އަހަރުގެ ނޮވެމްބަރަށް ކަމުގައި ވިދާޅުވި އެވެ.

އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން މުލީގައި އެއާޕޯޓެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފެބްރުއަރީ 28، 2020 ވަނަ ދުވަހު އެވެ.

މިމަސައްކަތުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓެކްސީވޭއަކާއި، އޭޕްރަންގެ އިތުރުން ޓާމިނަލެއް ވެސް ހަދާނެ އެވެ.

މީމު އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު ށ. އަތޮޅު ބިލަތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އެޅުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.